Roadha Mihaaru
ފާހުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މައްސަލަ ބޮޑު

ކާފިއު ގަޑީގައި ފާހުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ފުލުހުން ކަންބޮޑުވެއްޖެ

27 ސެޕްޓެމްބަރ 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ރޭގަނޑު ބޭރުގައި އުޅުން މަނާކޮށްފައިވާ ގަޑިތަކާއި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި "ހުއްދައިގެ ފާސް" ތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ފުލުހުން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ރޭގަނޑު ބޭރުގައި އުޅުން މަނާކޮށްފައިވާ ގަޑިތަކާއި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި "ހުއްދައިގެ ފާސް" ތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ފުލުހުން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗުއީއޯސީން ބޭއްވި މީޑިއާ ބްރީފިންގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެންމެ ފުރަތަމަ ކާފިއު އިއުލާންކުރި އިރު މަނާ ގަޑިތަކުގައި މީހުން ބޭރުގައި އުޅޭ އަދަދު މަދުވި ނަމަވެސް އަނެއްކާ ވެސް މީހުން ބޭރުގައި އުޅޭ ވަރު ގިނަވެފައިވާ ކަން ފާހަގެވެފައިވާ ކަމަށެވެ. އެއް ރެއެއްގައި އެކަކާ ދެ ފަހަރު ބައްދަލުވެ، ނަސޭހަތްދީ، ޖޫރިމަނާ ކުރަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ތަކުރާރުކޮށް ނަސޭހަތްދީ ހައްލު ނުވުމުން ބައެއް މީހުން ހައްޔަރުކުރަން ޖެހޭ ފަހަރު ވެސް ދިމާވެފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ރޭގަނޑު އަށެއްގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާކޮށް 10 ގެ ފަހުން ކާފިއު ހިންގާފައި އޮތަސް އެ ގަޑީގައި ޑިއުޓީތަކުން ނިމޭ މުވައްޒަފުންނާއި މީޑިއާތަކުގެ އޮފިޝަލުން ކޮންމެހެން ބޭރުގައި އުޅެން ޖެހިއްޖެ ނަމަ ނުކުތުމަށް ވަނީ ހުއްދަ ދީފަ އެވެ.

ޝަރީފް ވިދާޅުވީ މިގޮތަށް ދީފައި ހުންނަ ހުއްދަތަކުގެ ބޭނުން ނަހަމު ގޮތުގައި ހިފާކަން ފާހަގެވަފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ކުންފުނިތަކުން މުވައްޒަފުން ބަލާ ދާ މީހުންނަށް ވެސް އެފަދަ ލިޔުމެއް ދީފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.

ރޭގެ މީޑިއާ ބްރީފިންގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވާހަކަ ދައްކަވަނީ.

ރޭގެ މީޑިއާ ބްރީފިންގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވާހަކަ ދައްކަވަނީ.

"އަޅުގަނޑުމެން ބައެއް ފަހަރު މި މީހުންނަށް އެޓެންޑް ވާއިރު މި ފެންނަނީ ހުއްދަ ދިން މީހާ ފަހަތުގައި އިންނަނީ ހުއްދަ ދިން ލިޔުމުގައި އޮންނަ މީހާއެއް ނޫން. އެއްހެންވީމާ އެބަ ޖެހޭ ދެ މީހުން ވެސް ޖޫރިމަނާ ކުރަން،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވިގޮތުގައި ރޭގަނޑު 9:30 ގެ ފަހުން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ބަންދުކުރަން އަންގާފައި އޮންނަ އިރު، އޭގެ ފަހުން ވެސް ޑެލިވަރީގެ ހިދުމަތް ވަރަށް ފާޅުގައި ބައެއް ތަންތަނުން ކުރަމުންދާ ކަން ވެސް ފާހަގަވެފައިވާ ކަމަށެވެ.

"ބައެއް ފަރާތްތަކުން ހަމަ ކުންފުނިތަކުގެ ޓީޝާޓު ލައިގެން ބޭގު އަޅުވައިގެން މިކަން ކުރަމުން އެބަގެންދޭ،" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މާސްކު އެޅުން ވެސް މަޖުބޫރުކޮށް ވަކި ގަޑިތަކެއްގައި ބޭރުގައި އުޅުން މަނާކޮށްފައިވާއިރު މި އުސޫލުތަކާ ހިލާފުވާ މީހުން ޖޫރިމަނާ ކުރެ އެވެ. އޭގެ ތަފްސީލްތައް ވެސް ޝަރީފް ހާމަކުރެއްވި އެވެ.

- މާސްކު ނާޅާތީ ނަސޭހަތްދިން: 3،777 މީހުން.

- މާސްކު ނާޅާތީ ޖޫރިމަނާ: 1،798 މީހުން.

- ކާފިއު ގަޑީގައި ބޭރުގައު އުޅެގެން ނަސޭހަތްދިން: 4،833 މީހުން.

- ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމަނާ: 2،195 މީހުން.

- ވެހިކަލް ދުއްވުން މަނާ ގަޑީގައި ދުއްވައިގެން ނަސޭހަތްދިން: 4،321 މީހުން.

- ވެހިކަލް ދުއްވުން މަނާ ގަޑީގައި ދުއްވައިގެން ޖޫރިމަނާ: 781 މީހުން.