Roadha Mihaaru
ކޮވިޑާ ދެކޮޅު ފިޔަވަޅުތައް ތަންފީޒުކުރަން ސިފައިން

ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން ފުލުހުންނާ އެކު ސިފައިން ނުކުމެއްޖެ

13 މެއި 2021

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ސިފައިން ބައިވެރިވެ، މަގުތަކަށް ނުކުމެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ސިފައިން ބައިވެރިވެ، މަގުތަކަށް ނުކުމެއްޖެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން އިއްޔެ އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ. މި ވަގުތުތަކުގައި ޒަރޫރީ ބޭނުމެއް ނެތި މަގު މައްޗަށް ނުކުމެ އުޅުން ވަނީ އާންމުނަށް މަނާކޮށްފަ އެވެ. އާންމު ވިޔަފާރިތައް ބަންދުކޮށްފައިވާއިރު ރެސްޓޯރެންޓުތަކަށް ހުއްދަދީފައި ވަނީ ހަމައެކަނި ޑެލިވަރީގެ ޚިދުމަތަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ކުއްލިއަށް ގޯސްވާން ފެށީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހުގަ އެވެ. މީގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗަށް ކޮވިޑްގެ ކޭސްތައް ދާން ފެށުމުން، އެންމެފަހުން ވަނީ ރައްކާތެރިކަމުގެ އާ ފިޔަވަޅުތަކެއް އިއުލާންކޮށްފަ އެވެ.

އިއްޔެ ވެސް ކޮވިޑްގެ އާ 1،572 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން 1،315 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި ރަށްރަށުން 242 މީހަކާއި ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.