Roadha Mihaaru
މަނާ ގަޑީ ބޭރުގައި އުޅޭ ނަމަ ވަގުތުން ޖޫރިމަނާކުރާނެ!

މަނާ ގަޑީ ބޭރުގައި އުޅޭ ނަމަ އިންޒާރަކާ ނުލައި ޖޫރިމަނާކުރާނަން: ފުލުހުން

28 ޖެނުއަރީ 2021

ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމާ އެކު އަލުން އަމަލުކުރަން ފަށާ ކާފިއުއާ ހިލާފުވާ ނަމަ އިތުރު އިންޒާރެއް ދިނުމަކާ ނުލައި ވަގުތުން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމާ އެކު އަލުން އަމަލުކުރަން ފަށާ ކާފިއުއާ ހިލާފުވާ ނަމަ އިތުރު އިންޒާރެއް ދިނުމަކާ ނުލައި ވަގުތުން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި ދަންވަރު 12:00 އާއި ފަތިހު 4:00 އާ ދެމެދުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ. އަދި އެއްވުންތަކާއި ހަފްލާތައް ބޭއްވުމަށް ދިން ހުއްދަ ވެސް ބާތިލްކޮށް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ.

ކާފިއުއާ އެއްގޮތަށް އަމަލުކުރަން އަންގަން ފުލުހުން ކުރި ޓްވީޓެއް

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ކާފިއު ތަންފީޒު ކުރާނެ ކަމަށާއި އަސާސީ ބޭނުމެއްގައި ނޫނީ އެ ވަގުތު ބޭރަށް ނުނިކުމެވޭނެ ކަމަށެވެ. ކާފިއުއާ ހިލާފަށް ނިކުމެ އުޅޭ ނަމަ އަދި މާސްކް ނާޅައި އުޅޭ ނަމަ ވަގުތުން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ކާފިއު އިއުލާންކޮށްފައި އޮތް އިރު، ގަވާއިދާ ހިލާފަށް ބޭރުގައި އުޅުނު މީހުން ޖޫރިމަނާ ކުރުމުގެ ކުރިން ނަސޭހަތް ދިނެވެ. ޖޫރިމަނާ ކުރީ ތަކުރާރުކޮށް ގަވާއިދާ ހިލާފަށް އަމަލުކުރި މީހުންނެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކާފިއު ގަޑީގައި ހުއްދަ ނެތި ބޭރަށް ނުކުންނަ މީހުން ޖޫރިމަނާކުރަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން 1،000 ރުފިޔާ އިންނެވެ.