Roadha Mihaaru
އިންޑިއާގެ ސުޕަހީރޯ "ޝަކްތީމާން" ފްރެންޗައިޒަކަށް

އިންޑިއާގެ ފުރަތަމަ ސުޕަހީރޯ "ޝަކްތީމާން" ފްރެންޗައިޒަކަށް

03 އޮކްޓޯބަރ 2020

އިންޑިއާގެ ފުރަތަމަ ސުޕަހީރޯ ކެރެކްޓާގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ގެނެސްދިން "ޝަކްތީމާން" ސިލްސިލާ އަށް ބިނާކޮށް ފީޗާ ފިލްމުތަކެއް ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ފުރަތަމަ ސުޕަހީރޯ ކެރެކްޓާގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ގެނެސްދިން "ޝަކްތީމާން" ސިލްސިލާ އަށް ބިނާކޮށް ފީޗާ ފިލްމުތަކެއް ގެނެސްދޭން ނިންމައިފި އެވެ.

މި ޕްރޮޖެކްޓްގެ މުގުލުގައި ހުރީ 1997-2005 އަށް ޑީޑީ ޗެނެލުން ގެނެސްދިން ސިލްސިލާގެ ޓައިޓްލް ރޯލް ރޯލް ކުޅުނު އެކްޓަރު މުކޭޝް ކަންނާ، 62، އެވެ. އޭނާ ބުނީ "ޝަކްތީމާން" ސުޕަހީރޯ ފިލްމުތަކެއްގެ ގޮތުގައި ގެނެސްދޭ އިރު، އެ ފްރެންޗައިޒްގެ ދަށުން ތިން ފިލްމު ހަދާނެ ކަމަށެވެ.

އޭނާ ބުނީ ފުރަތަމަ ބައިގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި މިހާރު މަސައްކަތް ބައްޓަންވަމުންދާ ގޮތަށް ބަލާ އިރު އަންނަ އަހަރުގެ މެދުތެރޭގައި ފުރަތަމަ ބައިގެ ޝޫޓިން ފަށާނެ ކަމަށެވެ. މުކޭޝް ބުނިގޮތުގައި ކުރިން ނިންމައިގެން ހުރީ މި އަހަރުގެ ތެރޭގައި "ޝަކްތީމާން" ގެ މަސައްކަތް ފަށާށެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެކަން ނުވީ ކަމަށް ބުންޏެވެ.

އޭނާ ބުނީ "ޝަކްތީމާން" ސިލްސިލާ ވެގެންދިޔައީ މުޅި އިންޑިއާގެ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލުވި އެއްޗަކަށެވެ. އަދި ފަހަކަށް އައިސް އޭގެ އިތުރު ބައިތަކެއް ގެނެސްދޭން އެދި އިންޑިއާގެ އެކި ހިސާބުތަކުން ކުދިންގެ މެސެޖްތައް ލިބެމުން އަންނަ ކަމަށް ބުންޏެވެ.

މުކޭޝް ބުނީ "ޝަކްތީމާން" ފްރެންޗައިޒްވެގެން ދާނީ ހިންދީ ސިނަމާ އަށް ގެނައި ބޮޑު ބަޖެޓް ސުޕަހީރޯ ފިލްމުތައް ކަމަށްވާ ޝާހްރުކް ޚާންގެ "ރާ.ވަން" އާއި ރިތިކް ރޯޝަންގެ "ކްރިޝް" އަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ މޮޅު އުފެއްދުކަމަށެވެ.

"ޝަކްތީމާން ކުރިން ވެސް ގެނެސްދިނީ މާ ބޮޑު ބަޖެޓަކާ ނުލައި. އަދިވެސް ހަމަ އެގޮތަށް ކޮންޓެންޓްގެ ގޮތުން ވަރުގަދަ އެއްޗެހިތަކެއް ގެނެސްދެވިދާނެ." މުކޭޝް ބުންޏެވެ.

"ޝަކްތީމާން" ފިލްމުތައް ގެނެސްދޭނީ މުކޭޝް އާއި ސިލްސިލާގެ ޑައިރެކްޓްކުރި ޑިންކަރް ޖާނީ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ ގޮތަށެވެ. މިއަށް މިހާރު އަންނަނީ ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ކާސްޓުންނާ ވެސް މިހާރު އެބަ ވާހަކަ ދެކެވޭ. ހާއްސަކޮށް ޒުވާން ތަރިންތަކަކާ. އެކަމަކު އަދި އެއްވެސް މީހެއްގެ ނަމެއް ބުނެވޭކަށް ނެތް." މުކޭޝް ބުންޏެވެ.

ސެޕްޓެމްބަރު 13، 1997 އިން މާޗް 27، 2005 އަށް "ޝަކްތީމާން" ގެ 450 އެޕިސޯޑް ގެނެސްދީފައިވެ އެވެ. އެ ސިލްސިލާގައި މުކޭޝްއާ އެކު ވަރަށް ގިނަ ކާސްޓުންތަކެއް ފެނިގެން ދިޔަ އެވެ.

"ޝަކްތީމާން" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ އެނިމޭޓެޑް ވާޝަންތަކެއް ވެސް ގެނެސްދީފައިވެ އެވެ. އެގޮތުން 2011 ގެ "ޝަކްތީމާން: ދި އެނިމޭޓެޑް ސީރީޒް" ގެނެސްދިނެވެ. އަދި 2013 ގައި "ހަމާރާ ހީރޯ ޝަކްތީމާން" ގެ ނަމުގައި ޓީވީ ފިލްމެއް ވެސް ގެނެސްދިނެވެ.