Roadha Mihaaru
ޗައިނާއިން ހަނދުން ސާމްޕަލް ގެންނަނީ

ޗައިނާއިން ހަނދުން ސާމްޕަލް ގެންނަނީ

02 އޮކްޓޯބަރ 2020

ޗައިނާ އިން ހަނދަށް އުޅަނދެއް ފޮނުވަން އުޅޭ ވާހަކަތައް އެބަ ދެކެވެ އެވެ. ޗައިނާ އިން މި ފަހަރު ކުރަން އުޅޭ ކަމަކީ ހަނދުން ސާމްޕަލް ގެނައުމެވެ. އެއީ ބުނެވޭ ގޮތުގައި ދެ ކިލޯ ހުންނަހާ ގަލާއި ވެއްޔާއި އަދި ހިރަފުހެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޗައިނާ އިން ހަނދަށް އުޅަނދެއް ފޮނުވަން އުޅޭ ވާހަކަތައް އެބަ ދެކެވެ އެވެ. ޗައިނާ އިން މި ފަހަރު ކުރަން އުޅޭ ކަމަކީ ހަނދުން ސާމްޕަލް ގެނައުމެވެ. އެއީ ބުނެވޭ ގޮތުގައި ދެ ކިލޯ ހުންނަހާ ގަލާއި ވެއްޔާއި އަދި ހިރަފުހެވެ.

"ސްޕޭސްނިއުސް" އިން ބުނާ ގޮތުގައި، ނޮވެމްބަރު މަސް ތެރޭ މި ދަތުރުކުރާނެ އެވެ. މި ދަތުރުކުރަން ރާވާފައިވާ ގޮތާއި، ހަނދުން ސާމްޕަލް ނަގާނެ ގޮތަށް ބަލައި ތަފުސީލީ ވާހަކަތައް ޖައްވީ ޚަބަރު ސައިޓްތަކުގައި އެބަ ހުއްޓެވެ. ނަމަވެސް، މި ދަތުރާ ބެހޭ ސައްހަ މައުލޫމާތު ޗައިނާ އިން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ކޮވިޑް19އާ ހެދި މި ދަތުރަށް ހުރަސްތަކެއް އެޅިފައި ހުރި ނަމަވެސް، މިއީ މި އަހަރު ކުރާނެ ދަތުރެއް ކަމަށް ބުރަވެވެ އެވެ.

ޗައިނާ އިން މި ފަހަރު އުޅަނދެއް ފޮނުވަނީ ނާސާގެ އެޕޯލޯ އުޅަދުތައް ހަނދުގައި ހަރަކާތްތެރިވި ހިސާބު ކަމަށް ބުނާ ސަރަހައްދަށެވެ. ސައިންސްވެރިން ދެކޭ ގޮތުތައި، ހަނދުގެ އެ ހިސާބުން ސާމްޕަލް ގެނެވިއްޖެ ނަމަ، ހަނދުގެ ބިމަށް އައިސްފައި ހުރި ބަދަލު ދެނެގަނެވޭނެ އެވެ. އަދި ކާއިނާތާ ބެހޭ ތާރީޚްތަކުން ހިރަފުސް ފޮޅާލައި އަލުން ރިކޯޑްކުރެވޭނެ އެވެ. ރަޝިޔާ އަދި އެމެރިކާ އިން ވެސް ވަނީ ހަނދުން ސާމްޕަލް ގެނެސްފަ އެވެ. އެހެން ނަމަވެސް ތާރީޚުން ދުރު ހިސާބެއްގަ އެވެ.

ސައިންސްވެރިންގެ ނަޒަރުގައި ހަނދުން ގެނެވޭ ގާކޮޅެއް ނުވަތަ ހިރަފުސްކޮޅެއްގެ އަގު ނުހަނު ބޮޑުވެގެން ވެ އެވެ. މިއީ ބޭނުން ހާއިރަކު އަތުޖެހެން ހުރި އެއްޗަކަށް ނުވާތީ ހަނދުން ގެނެވޭ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ލިބުމަށް ސައިންސްވެރިން ތިބީ އެދިއެދި އެވެ.

އެމެރިކާ އިސްވެ ޗައިނާ އަށް ކުރާ އުނދަގޫތަކާ ހެދި ޗައިނާ އިން ހަނދު ގެންނަ ހިރަފުސްކޮޅަކުން ވަސްބަލާލުމަކީ ވެސް ހުޅަނގުގެ ސައިންސްވެރިންނަށް ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް، މަސްރަހު ދަންނަ މީހުން ބުނާ ގޮތުގައި މިކަމުގައި ޗައިނާގެ އެހީތެރިކަން ހުޅަނގަށް ދޭނެ އެވެ.