Roadha Mihaaru
ވަކިކުރީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރާނެތީ: އަލްހާން

ޕާޓީން ވަކިކުރީ ރިޔާސީ ޕްރައިމަރީގައި ވާދަ ކޮށްފާނެތީ: އަލްހާން

30 އޮކްޓޯބަރ 2016

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީން ވަކި ކުރަން ނިންމީ 2018ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަކުރާނެތީ ކަމަށް އަލްހާން މިއަދު ވިިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީން ވަކި ކުރަން ނިންމީ 2018ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަކުރާނެތީ ކަމަށް އަލްހާން މިއަދު ވިިދާޅުވެއްޖެ އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަލްހާން އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމި ނިންމުމާ ގުޅިގެން އަލްހާން މިއަދު ވިދާޅުވީ ނަޝީދާ ނުލައި، ޕްރައިމަރީގައި ވާދަ ކޮށްފި ނަމަ އޭނާ ރިިޔާސީ ޓިކެޓް ހޯދާނެ ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ވަކިކުރީ އެހެން ވެގެން ކަމަށެވެ.

"އަޅުގަނޑު ޕްރައިމަރީ ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ނަޝީދަށް އޮންނާނެ. މިއަދު ނަޝީދަށް ކުރިމަތި ނުލެއްވޭނެ. އެ ހާލަތު ބަދަލުވީމަ އަޅުގަނޑު ބުނާނަން ކުރިމަތި ލެވޭނެއޭ." އަލްހާން ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމުން ކުރިން އޭނާ ވަކިކުރީ ވެސް 2013ގެ ރިޔާސީ އިންތިޚާބުގައި ނަޝީދު ވާދަ ނުކުރަން އެދުމުން ނަޝީދު ނުފޫޒު ބޭނުންކޮށްގެން ކަމަށް އަލްހާން ވިދާޅުވި އެވެ. އަލްހާން މި ފަހަރު ވަކިކުރީ ޕާޓީގެ ސިޔާސަތުތަކަށް ފާޑު ކިޔުމުން ކަމަށް އެމްޑީޕީން ބުންޏަސް އެއީ ޕާޓީން ވަކިކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ހައްގުތަކެއް ލިބިފައި އޮއްވާ، އެ ހައްގުތައް ބޭނުން ކުރުމަކީ ޕާޓީން ވަކިކުރަންޖެހޭ ސަބަބެއް ނޫން. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ އޭނާ ޕާޓީން ވަކިކުރިޔަސް އޭނާގެ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށާއި ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓަން އޭނާ އަދިވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭނާ ހުއްޓުވިދާނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު އެމްޑީޕީ ހިނގަނީ "ޔެސް ސާ" ކިޔާ އުސޫލުން ނަޝީދު އަންގަވާ ހުރިހާ ގޮތަކަށް ކަމަށާއި އެކަން ބަދަލު ކުރާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވި ގޮތުގައި އޭނާ ވަކިކުރަން ނިންމި ނިންމުން ޕާޓީގެ އިސްތިއުނާފް ކޮމެޓީ އަށް ހުށަހަޅާނެ އެވެ. އެ ކޮމެޓީން މައްސަލަ ނިމޭ ގޮތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވަނީ އަލްހާން އަލުން ޕާޓީއާ ގުޅޭ ނަމަ އިތުރު 50 މެމްބަރުން ޕާޓީ އަށް ގެނައުމުގެ އިތުރުން ޕާޓީގެ މެމްބަރުންގެ ކިބައިން އަލްހާން މައާފަށް އެދެންޖެހޭނެ ކަމަށެވެ. އަދި ޕާޓީއާ އަލުން ގުޅުނަސް ކުރިއަށް އޮތް ތިން އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް ނުވަތަ ޕްރައިމަރީގައި އަލްހާނަށް ވާދަ ނުކުރެވޭނެ ކަމަށް ވެސް އެ ކޮމެޓީން ވަނީ ނިންމައިފަ އެވެ.