22 އޮކްޓޯބަރ 2020
ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ފަރުވާ ހޯދަން އެދޭ މީހުންގެ އަދަދު ތިން ގުނަ މައްޗަށް ގޮސް، އައިޖީއެމްއެޗްގައި ނަން ނޯޓުކޮށްފައިވާ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރައިިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ފަރުވާ ހޯދަން އެދޭ މީހުންގެ އަދަދު ތިން ގުނަ މައްޗަށް ގޮސް، އައިޖީއެމްއެޗްގައި ނަން ނޯޓުކޮށްފައިވާ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރައިިފި އެވެ.
އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގައި މަސައްކަތް ކުރައްވާ ސޯޝަލް ވޯކަރަކު "މިިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު، ނަފްސާނީ ފަރުވާ ހޯދަން އެދޭ މީހުންގެ އަދަދު ވަނީ ތިން ގުނަ އިތުރުވެފައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރެކޭ އެއްފަދައިން ފުލްޓައިމްކޮށް އެ ސެންޓަރުގައި މަސައްކަތްކުރަމުން އަންނަނީ އެންމެ ހަތަރު ސައިކެއިޓްރިސްޓުންނެވެ.
ސައިކެޓްރިސްޓަކަށް ދައްކަން އައިޖީއެމްއެޗްގައި މިއަދު އެޕޮއިންޓްމަންޓް ހެދި މީހަކަށް ލިބުނީ 586 ވަނަ ނަންބަރެވެ. އެ ނިސްބަތުން ދާ ނަމަ އޭނާ ޑޮކްޓަރަށް ދައްކަން މަދުވެގެން ދޮޅު މަސް ވަރު ނަގާނެ ކަމަށް ބެލެވެ އެވެ.
ސޯޝަލް ވޯކަރު ވިދާޅުވީ އެންމެ ފަހަރަކު ވެސް އެ ހޮސްޕިޓަލަށް ދައްކައިފި ނަމަ، ފޮލޯ-އަޕް އެޕޮއިންޓްމަންޓެއް ތިން މަސް ފަހުން ލިބޭނެ ކަމަށެވެ. ނަމަވެސް އަލަށް ދައްކާ ނަމަ އެޕޮއިންޓްމަންޓެއް ލިބެން ގިނަ ދުވަސް ނަގާ ކަމަށް ވިދާޅުވި އެވެ. ވަކި ޑޮކްޓަރަކަށް ދައްކަން ނަން ނޯޓުކޮށްފި ނަމަ އެ މުއްދަތު އެއަށް ވުރެ ވެސް އިތުރުވުން އެކަށީގެން ވެ އެވެ.
އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކަން ގިނަ ދުވަސް ނަގާތީ، ބޮޑު އަގު ދައްކައިގެން ނަމަވެސް އަމިއްލަ ހޮސްޕިޓަލްތަކާއިި ކްލިނިކްތަކުން ވެސް މީހުން އަންނަނީ ނަފްސާނީ ފަރުވާ ހޯދަމުންނެވެ. ޕްރައިވެޓް ކްލިނިކަކުން ސައިކެޓްރިސްޓަކަށް ދައްކަން އާންމުކޮށް 500-600 ރުފިޔާގެ ފީއެއް ނަގަ އެވެ.
ނަމަވެސް އޭޑީކޭ، ޓްރީޓޮޕް އަދި އީވް ކްލިނިކް ފަދަ ތަންތަނުން ވެސް މިވަގުތު ނަފްސާނީ ފަރުވާ ދޭނެ ޑޮކްޓަރެއް ނެތެވެ. ސެނަހިޔާ ހޮސްޕިޓަލުގައި ހުރީ ސައިކޮލޮޖިސްޓެއް އެކަންޏެވެ. ސައިކޮލޮޖިސްޓުންނަކަށް ނަފްސާނީ ފަރުވާ ހޯދާ މީހުންނަކަށް ބޭހެއް ނުދެވޭނެ އެވެ.
އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުގައި ސައިކެއިޓްރިސްޓެއް ނެތްތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި ޑޮކްޓަރުން ހޯދަން މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.
"ކުރިން ދެ ސައިކެއިޓްރިސްޓުން މި ހޮސްޕިޓަލުގައި މަސައްކަތްކުރި. ކޮވިޑާ ގުޅިގެން ގެނެސްފައިވާ ދަތުރުފަތުރުގެ ރިސްޓްރިކްޝަންތަކާ އެކު [ބޭރުން] ޑޮކްޓަރުން ގެނައުމުގައި ދަތިތަކެއް ވެސް ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ބުނީ އެ ތަނުގައި ވެސް މިވަގުތު ނަފްސާނީ ފަރުވާ ދެވޭނެ އެއްވެސް ޑޮކްޓަރެއް ނެތް ކަމަށާއި އެ ހިދުމަތް އަލުން ފެށޭނީ ކޮންއިރަކުން ކަމެއް ނޭނގޭ ކަމަށެވެ.
އެކަށީގެންވާ ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، ރަނގަޅު ފެންވަރުގެ ނަފްސާނީ ފަރުވާ ލިބުމުގެ މުހިއްމުކަން ފާހަގަވެއްޖެ ކަމަށާއި އެ ފަރުވާ ލިބޭނެ ވަސީލަތްތައް ފުޅާކުރަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވެސް މި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ނަފްސާނީ ދުވަހާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
މެންޓަލް ހެލްތު ސެންޓަރުގެ ކިއު 500 އަށް ދަށްވެއްޖެ
ނަފްސާނީ ބައްޔަށް އައިޖީއެމްއެޗްގައި ހާއްސަ ވޯޑެއް
މެންޓަލް ހެލްތު ސެންޓަރުގެ ކިއޫ ކުޑަކުރެވޭތޯ ބަލަނީ
ނަފްސާނީ ބަލީގެ 3،000 މީހުން އަދިވެސް ކިއޫގައި!
ފަރުވާ ނުދެވި ބަލި އިތުރަށް ބޮޑުވުމުގެ ބިރު!
ނަފްސާނީ ފަރުވާދޭ މަރުކަޒަށް ދެއްކުން މެދުކަނޑާލައިފި
ނަފްސާނީ ފަރުވާހޯދަން ހާހަކަށްވުރެ ގިނަ މީހުން ކިއުގައި
ނަފްސާނީ ބަލީގެ ބޭސް ސިޓީތައް ފޯނުން އާކޮށްދެނީ
"ބީ ކައިންޑް" ހަރަކާތް ފަޒްނާ އިފްތިތާހުކޮށްދެއްވައިފި