Roadha Mihaaru
ފަރުވާ ނުދެވި ބަލި އިތުރަށް ބޮޑުވުމުގެ ބިރު!

ފަރުވާ ނުދެވި ބަލި އިތުރަށް ބޮޑުވުމުގެ ބިރު!

06 ޖުލައި 2021

ވަރަށް ލޯބިން އަދާކުރަމުން އައި ވަޒީފާ ގެއްލުނީ ކުއްލިއަކަށެވެ. އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތެވެ. ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭ ގޮތް ހުސްވެ، ގިނަ ވަގުތު ގޭގައި އޮންނަން ޖެހުމުން، ހަނާ (އަސްލު ނަމެއް ނޫން) ބޯ ގޮވި އެވެ. ކަންކަމާ މެދު މާ ބޮޑަށް ފިކުރުކުރެވި، ކޮށްގެން ނުވާނޭ ކަންކަން ކުރަން ހިތަށް އަރަން ފެށުމާ އެކު ކަމެއް ގޯސްވެއްޖެ ކަން އަމިއްލަ އަށް ވެސް ވިސްނުނެވެ. ވަގުތުން އެހީ ހޯދަން މަސައްކަތް ކުރި އެވެ. އެކަމަކު، ނަފުސާނީ ޑޮކްޓަރަކަށް ދައްކަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތްވީ، ހަ މަހަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުންނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވަރަށް ލޯބިން އަދާކުރަމުން އައި ވަޒީފާ ގެއްލުނީ ކުއްލިއަކަށެވެ. އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތެވެ. ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭ ގޮތް ހުސްވެ، ގިނަ ވަގުތު ގޭގައި އޮންނަން ޖެހުމުން، ހަނާ (އަސްލު ނަމެއް ނޫން) ބޯ ގޮވި އެވެ. ކަންކަމާ މެދު މާ ބޮޑަށް ފިކުރުކުރެވި، ކޮށްގެން ނުވާނޭ ކަންކަން ކުރަން ހިތަށް އަރަން ފެށުމާ އެކު ކަމެއް ގޯސްވެއްޖެ ކަން އަމިއްލަ އަށް ވެސް ވިސްނުނެވެ. ވަގުތުން އެހީ ހޯދަން މަސައްކަތް ކުރި އެވެ. އެކަމަކު، ނަފުސާނީ ޑޮކްޓަރަކަށް ދައްކަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތްވީ، ހަ މަހަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުންނެވެ.

އަތްމަތި ދަތިވުމުން، އާސަންދައިގެ ދަށުން ހިލޭ ނަފުސާނީ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި އައިޖީއެމްއެޗްގައި ހުންނަ، މެންޓަލް ހެލްތު ކުލިނިކްގެ ވެއިޓް ލިސްޓުގައި ޖެހިގެން އަހަރުގެ މެދަށް ދިޔައިރު ވެސް އެޕޮއިޓްމަންޓެއް ލިބޭ ގޮތެއް ނުވި އެވެ. ހާލަތު މާ ގޯސްވާތީ، އެންމެފަހުން ހަނާ އަށް މަޖުބޫރުވީ "ބޮޑު އަގުގައި" ކުލިނިކަކަށް ދައްކާށެވެ.

"އޭރު ހޮސްޕިޓަލުން ބުނީ ނަން ނޯޓުކޮށްފައި ތިބި މީހުންގެ ލިސްޓު ދިގު ކަމުން މިހާރު އިތުރަށް ނަން ވެސް ނޯޓު ނުކުރަމޭ،" އެއީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށް އޭނާ ބުންޏެވެ.

ނަފުސާނީ ފަރުވާ ހޯދަން ބޭނުންވެގެން އައިޖީއެމްއެޗްގެ ވެއިޓް ލިސްޓުގައި މިހާރު ވެސް 2،000 ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ނަފުސާނީ ފަރުވާ ލިބޭ ތަންތަން ވެސް އެކަށީގެންވާ ވަރަށް ނެތްއިރު، ގިނަ ކުލިނިކްތައް ވެސް ހުރީ ފުރިފަ އެވެ. އަދި މާލެއިން މި ހިދުމަތް ކޮންމެސް ފެންވަރެއްގެ ލިބޭ ނަމަވެސް، އަތޮޅު ތެރޭގެ ހާލަތު އަދި މާ ދެރަ އެވެ. އޮންލައިންކޮށް ނޫނީ މި ހިދުމަތް ނުވެސް ލިބެ އެވެ.

މިއީ ހަނާ ކަހަލަ އެތައް ސަތޭކަ ބައެއްގެ ޝަކުވާ އެވެ.

ކަންބޮޑުވުންތައް ވެސް "ސަތޭކައިން" މަތީގައި

މިދިޔަ އަހަރު ކޮވިޑާ އެކު އައި ދިގު ލޮކްޑައުންގެ ތެރޭގައި ގިނަ ބަޔަކަށް ނަފުސާނީ ގޮތުން ތަފާތު އަސަރުތައް ކުރި ކަމަށް ހެލްތު މިނިސްޓްރީން އެކި ފަހަރު މަތިން ބުނެފައިވެ އެވެ. ނަމަވެސް، ނަފުސާނީ ބަލިތަކާ ގުޅޭ ގޮތުން މާ ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ރާއްޖޭގައި އަދި ކުރެވިފައި ނެތުމުން، މި ބައްޔާއި އަދި މިކަމަށް ދެވޭ ފަރުވާގެ އަސްލު ހާލަތު އޮތީ ކޮން ހާލެއްގައި ކަމެއް ޔަގީނަށް ބުނާކަށް ނޭނގެ އެވެ.

ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން މިދިޔަ އަހަރު ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އެކަނިވެރިކަން ބޮޑުވެ، ޑިޕްރެޝަން ތަހައްމަލު ކުރާ މީހުންނެވެ. މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗްގެ އަށް ވަނަ ވޮލިއުމްގެ ދެ ވަނަ ނަންބަރުގައި ޝާއިއުކުރި އެ ދިރާސާ ކޮށްފައި ވަނީ، މާލޭގައި ދިރިއުޅޭ ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ބެލުމަށްޓަކައި 312 މީހުން ބައިވެރިކޮށްގެންނެވެ.

ދެ މީހަކު މާލޭގެ މަގުމަތީގައި ހިނގާލަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ މީހަކު މާލޭގެ މަގުމަތީގައި ހިނގާލަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ދެ ޖިންސުގެ މީހުން ބައިވެރިކޮށްގެން ކުރި އެ ދިރާސާގެ މައިގަނޑު މަގުސަދަކީ ދުވަސްވީ މީހުން، އެކަށީގެންވާ އިޖްތިމާއީ ގުޅުން ބާއްވާ މިންވަރާއި އެކަނިވެރިކަމާއި ޑިޕްރެޝަންއާ ހުރި ގުޅުން ބެލުމެވެ. ކަނޑައެޅިފައިވާ ވަކި ސުވާލުތަކަކަށް ޖަވާބު ހޯދައިގެންނާއި އިންޓަވިއުކޮށްގެން ކުރި އެ ދިރާސާއިން ދެއްކީ މާލޭގައި އުޅޭ ދުވަސްވީ މީހުންގެ 56.1 ޕަސެންޓު މީހުން ޑިޕްރެޝަން ތަހައްމަލުކުރާ ކަމެވެ. އަދި 64 ޕަސެންޓު މީހުންނަކީ އެކަށީގެންވާ އިޖްތިމާއީ ގުޅުން ބާއްވާ މީހުން ކަމަށާއި 55.4 ޕަސެންޓު މީހުންނަކީ އެކަނިވެރި މީހުން ކަމަށް ވެސް ދައްކަ އެވެ.

މަދުން އާމްދަނީ ލިބޭ އާއިލާތަކުގައި، އެކަށީގެންވާ އާއިލީ އަދި އިޖްތިމާއީ ގުޅުން ނުބޭއްވޭ ނަމަ އެކަނިވެރިކަމާއި ޑިޕްރެޝަން ތަހައްމަލުކުރާ ދުވަސްވީ މީހުންގެ އަދަދު އިތުރުވާ ކަމަށް މި ދިރާސާގައިވެ އެވެ. އަދި ފިރިމީހާ ނުވަތަ އަނބިމީހާ މަރުވެފައިވާ ދުވަސްވީ މީހުން، އެކަނިވެރިކަން ތަހައްމަލުކުރާ ވަރު އިތުރުކަން ވެސް އެނގިފައިވެ އެވެ.

ފަރުވާ ހޯދުމުގެ ކަންކަމަަށް މި ދިރާސާގައި އަލިއަޅުވާލައިފައި ނެތް ނަމަވެސް، ހާމަވި ނަތީޖާއާ އެކު ރާއްޖޭގައި ނަފުސާނީ ފަރުވާގެ ހާލަތު އޮތީ ކިހާ ނާޒުރު ފައްތަރެއްގައި ކަން ކޮންމެވެސް ވަރަކަށް އަންދާޒާކޮށްލެވެ އެވެ.

އެޗްއާރްސީއެމްގެ ކޮމިޝަނަރު، އައިމިނަތު ޝިފާތު އަބްދުއްރައްޒާގު ވިދާޅުވީ މިއީ ނަފުސާނީ އެހީ އަށް ބޭނުންވާ ފަރާތްތަކާ ބެހޭ އިތުރު، ރަނގަޅު ދިރާސާތައް ސިއްހީ ދާއިރާގެ ބޭފުޅުން ހެދުން ވަރަށް މުހިންމު ވަގުތެއް ކަމަށެވެ. މި ހިދުމަތްތަކަށް އެދޭ މީހުންގެ އަދަދަށް ބަލާއިރު، ރާއްޖޭގައި ނަފުސާނީ ފަރުވާ ދޭ ހާއްސަ ޑޮކްޓަރުންގެ އަދަދު ވެސް ވަރަށް މަދުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހިދުމަތް ހޯދަން އުނދަގޫވުން އެކަންޏެއް ނޫން މައްސަލަ އަކީ. ނަފުސާނީ ފަރުވާ ހޯދުމާ ގުޅިގެން އޮންނަ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ވެސް ފަރުވާ ހޯދަން ޖެހިލުންވޭ،" ޝިފާތު ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފަހު މާލޭގައި ވެހިކަލް ދުއްވުން މަނާކުރި ދުވަހެއްގައި ބަޔަކު މަގުމަތީ ހިނގާލައިފައި ދަނީ.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފަހު މާލޭގައި ވެހިކަލް ދުއްވުން މަނާކުރި ދުވަހެއްގައި ބަޔަކު މަގުމަތީ ހިނގާލައިފައި ދަނީ.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރަށްރަށުގައި ނަފުސާނީ ފަރުވާ ހޯދޭނެ ގޮތްތަކެއް ނެތުމަކީ ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަފުސާނީ ފަރުވާއާ ގުޅޭ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި އެޗްއާރްސީއެމްގެ ބައިވެރިވުން އެބައޮތް ކަމަށާއި މިކަން ހަރުދަނާ ކުރެވޭނީ ވެސް ރަނގަޅު ގާނޫނެއް އޮވެގެން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"[މިހާރު ވެސް] އެކުލަވާލެވިފައިވާ ގާނޫނުތައް ރިވިއުކުރުމާއި އެކަންތައްތައް ހަރުދަނާ ކުރެވޭނެ ގޮތްތައް ދައުލަތުން ހުށައެޅުން އަދި ޑްރާފްޓު ކުރެވެމުންދާ ގާނޫނުތައް ވެސް ރިވިއުކުރުން އެއީ އެޗްއާރްސީއެމްގެ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ބޭނުންވަނީ ރަނގަޅު ނިޒާމެއް

ނަފުސާނީ ފަރުވާ ދޭ ޑޮކްޓަރުންނާއި އެ ދާއިރާގެ ތަޖުރިބާކާރުން ރާއްޖޭގައި އަދިވެސް މަދުވުމަކީ މި މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް، ނަފުސާނީ ފަރުވާދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަތާ 23 އަހަރުވެފައިވާ، އައިމިނަތު އިސްމާއިލް ވެސް ވިދާޅުވި އެވެ. އަދި މީގެ އިތުރުން ވެސް ވަރަށް ގިނަ ދަތިތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

މެންޓަލް ހެލްތުގެ ރިފަރަލް މެކޭނިޒަމްގައި ހުރި މައްސަލަތަކަކީ އައިންތު ދެކެވަޑައިގަންނަވާ ގޮތުގައި، ދެން އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ.

"ހޮސްޕިޓަލްތައް ފުލް ވީމަ، ދެން އެ ވެއިޓިންގައި ތިބި މީހުން އެހެން ކުލިނިކްތަކަށް ބަހާލެވިދާނެތޯ ނުވަތަ އެ މީހުން ރިފާ ކުރާނެ އިތުރު ތަންތަން ރަނގަޅަށް ބުނެނުދެވޭ. އެހެންވެ، މި ވާ ގޮތަކީ ވަރަށް އަވަހަށް ފަރުވާ ބޭނުންވެފައި ހުންނަ މީހާ އަށް ވެސް އެކަން ނުވެ އެތައް ދުވަހެއް ވެގެންދަނީ،" އެމްބިއެންސް މެޑިކަލް ސާވިސްގެ ނަމުގައި އަމިއްލަ މެންޓަލް ހެލްތު ކްލިނިކެއް ވެސް ހިންގަވަމުން އަންނަ އައިންތު ވިދާޅުވި އެވެ.

އަތިރިމަތީ ބެންޗެއްގައި މީހަކު އިށީނދެލައިގެން: ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އަވަހަށް ހިދުމަތް ނުލިބުން.-- ފައިލް ފޮޓޯ: ދޯ

އަތިރިމަތީ ބެންޗެއްގައި މީހަކު އިށީނދެލައިގެން: ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އަވަހަށް ހިދުމަތް ނުލިބުން.-- ފައިލް ފޮޓޯ: ދޯ

އަމިއްލަ ގޮތުން މި މަސައްކަތް ކުރާ ބަޔަކަށް ވާތީ ވެސް ތަފާތު އުނދަގޫތަކާ ކުރިމަތިލާންޖެހެ އެވެ.

"ބޮޑެތި ހަރަދުތަކެއް އެބަ ހިނގާ ސާވިސްއެއް ދޭން ވެސް. އިމާރާތުގެ ކުއްޔާއި މުވައްޒަފުންގެ މުސާރަ އާއި ބޭރުން ޑޮކްޓަރުން ގެންނަ ނަމަ އެ ދާ ހަރަދާއި އެގޮތަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ. އެކަމަކު ވެސް ރަނގަޅު އަގެއްގައި ހިދުމަތްދެވޭތޯ މަސައްކަތް އެބަކުރަން،" އައިންތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދަ ފަދަ އިންޝުއަރެންސްތަކުން ހިދުމަތް ދޭއިރު، ޕޭމަންޓް ލިބުން ލަސްވުމަކީ ވެސް އަމިއްލަ ގޮތުން މި މަސައްކަތް ކުރާ މީހުންނަށް ދަތިވާ ކަމެއް ކަމަށެވެ.

"އެއް ދުވަހަކުން ބޭސް ގުޅައެއް ކާލައިގެން ރަނގަޅުވާ ކަމެއް ނޫން މިއީ. ކޮންޓިއުނަސްކޮށް އަންނަން ޖެހިދާނެ އެތައް ފަހަރަކު. އެހެންވެ މީހުންގެ އަތުން ބޮޑު ހަރަދެއް އެބަދޭ."

އައިންތު ވިދާޅުވީ ހަރަދު ބޮޑުވެގެން ގޮސް، ފަރުވާ ބޭނުންވާ ބައެއް މީހުން ފަރުވާ ހޯދުން ހުއްޓާލާ ފަހަރު ވެސް ކުރިމަތިވާ ކަމަށެވެ.

ހޭލުންތެރިވެއްޖެ؛ މިއީ ހައްލުކުރަންވީ ވަގުތު

ނުވަދިހައިގެ އަހަރުތަކުން ފެށިގެން ނަފުސާނީ ފަރުވާ ދިނުމުގެ ދާއިރާގައި އުޅުއްވަމުން އަންނަ އައިންތު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ނަފުސާނީ ފަރުވާ ހޯދުމާ މެދު ދިވެހިން ދެކެމުން އައި ގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެކަމަކު އަދިވެސް ފަރުވާ ހޯދަން ޖެހިލުންވާ މީހުން އުޅެ އެވެ.

"މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ވަރަށް ކުޑަކުދިން ވެސް، އާންމު އުޅުމުގައި މައްސަލައެއް ފާހަގަކުރެވިގެން ނުވަތަ ވާހަކަދެއްކުން ލަސްވެގެން ވެސް ފަރުވާ އަށް ގެނޭ،" އޭނާ ވިދާޅުވި އެވެ.

"ދުވަސްވީ މީހުންނަށް މިހެން ވާހަކަދައްކަން ވީމަ އަދިވެސް އުނދަގޫވެ، އެކަމަކު މިހާރު ކުރިއަށް ވުރެ ގިނައިން އެ އުމުރުގެ ބޭފުޅުން ވެސް އާދޭ."

އައިންތު ވިދާޅުވީ އޭނާ މި މަސައްކަތް ފެއްޓެވި އިރު، ރިލެކްޒޭޝަނެއް ހަދާލުން ނުވަތަ ސިކުނޑީގެ ކަސްރަތެއް ކޮށްލުން ކަހަލަ ކަމަކީ ވެސް ވަރަށް "އޮޑް" ކަމެއް ކަމަށް މީހުން ދުށް ކަމަށެވެ. އެކަމަކު އެ ވިސްނުން ވެސް މިހާރު އުވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ

60 ދުވަހުގެ ލޮކްޑައުން އަށް ފަހު އުސްފަސްގަނޑު ސަރަހައްދުގައި އާއިލާއެއް މަޑުކޮށްލައިގެން.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

60 ދުވަހުގެ ލޮކްޑައުން އަށް ފަހު އުސްފަސްގަނޑު ސަރަހައްދުގައި އާއިލާއެއް މަޑުކޮށްލައިގެން.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ކޮވިޑްގެ ބަލިމަޑު ކަމާ އެކު ނަފުސާނީ މައްސަލަތައް އިންތިހާ އަށް އިތުރުވި ކަން އެއީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކެވެ.

އޭގެ ތެރެއިން މިހާރު އެންމެ ގިނައީ އެންޒައިޓީ ނުވަތަ ހިތް ނުތަނަވަސްވުމާއި ހިތް ބިރުގަތުމުގެ ބަލިތަކެވެ. އަދި ޑިޕްރެޝަންގެ ކޭސްތައް ވެސް އިތުރުވި އެވެ. އަދި މި ކަންކަން ތަހައްމަލުކުރާ މީހުން ތެރޭގައި ކުޑަކުދިން ވެސް މިހާރު ވަރަށް ގިނަ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ސްޕީޑް ޑިލޭ ނުވަތަ ވާހަކަދެއްކުން ލަސްވާ މައްސަލަތައް ވެސް ގިނަ އެވެ.

"ކޮވިޑް އައި ފަހުން ވަރަށް ބޮޑަށް ފާހަގަކުރެވުނު އެންޒައިޓީ ގިނަވިކަން. ނަފުސާނީ ބަލިބަލި ހުރި މީހުން އިތުރަށް ގޯސްވިކަން ވެސް،" އައިންތު ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ އެހެން އާބަން ކޮމިނިއުޓީސްތަކުގައި ވެސް މީހުން ތޮއްޖެހި، ގެދޮރުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަހަލަ ކަންކަމާ ހެދި އެ ކަހަލަ މާހައުލުތަކުގައި ވަރަށް އާންމު މައްސަލަތައް."

މި މުޖުތަމައު ހަނާ ފަދައިން ނަފުސާނީ އަވަސް ފަރުވާ އަށް ބޭނުންވެފައި ތިބި ދަނޑިވަޅެއްގައި ރަނގަޅު އުސޫލުތަކެއް ހަދައި، އިސްލާހުތައް ގެނެވިއްޖެ ނަމަ، މުސްތަގުބަލުގައި އޭގެ ނަތީޖާ ފޮނިވާނެ ކަމަށް ދެކޭ މީހުން ގިނަ އެވެ.