Roadha Mihaaru
ފުލުހުންނާއި ޕީޖީއާ ދެމެދު ޚާއްސަ މުއާސަލާތީ ނިޒާމެއް

ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕީޖީއާ ދެމެދު މުއާމަލާތް ކުރަން ޚާއްސަ ނިޒާމެއް ގާއިމްކޮށްފި

05 ނޮވެމްބަރ 2020

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު މުއާމަލާތްކުރާނެ ޚާއްސަ ނިޒާމެއް ގާއިމުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު މުއާމަލާތްކުރާނެ ޚާއްސަ ނިޒާމެއް ގާއިމުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މިދިޔަ ހޯމަ ދުވަހު އަމަލުކުރަން ފެށި އުސޫލުގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކާއި އާންމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި އެ އޮފީހާއި ފުލުހުންނާ ދެމެދު އޮންލައިން ޕޯޓަލެއް މެދުވެރިކޮށް މައުލޫމާތާއި ލަފާ ބަދަލު ކުރެވޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި ނަމަ އެކަން އެ ސިސްޓަމް މެދުވެރިކޮށް ވަގުތުން ޕީޖީ އޮފީހަށް އެނގޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ބޮޑެތިި މައްސަލަތަކުގެ މައުލޫމާތު އެ އޮފީހާ ހިއްސާކުރާތާ 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަކަށް ޚާއްސަ ޕްރޮސެކިއުޓަރުންގެ ޓީމެއް އައްޔަން ކުރާނެ އެވެ. އަދި ތަހުގީގު ޓީމާއި ޕްރޮސެކިއުޓަރުންނާ ދެމެދު ކުރެވޭ މުއާމަލާތްތަކާއި ދޭ ލަފާތައް ލިޔުމުން ފެންނަން އޮންނާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އޭގެ ސަބަބުން ބޮޑެތި މައްސަލަތަކުގަައި ފުލުހުންނާއި ޕީޖީ އޮފީހާ ގުޅިގެން ކުރާ މަސައްކަތް އަވަސްވެ، ހުރިހާ ސަރަހައްދެއްގައިި އެއް އުސޫލަކުން އަމަލު ކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ ނިޒާމަކީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ ލަފައަކަށް ގާއިމްކުރި ނިޒާމެއް ކަމަށެވެ. އެހެންވެ، އެކަމާ ބެހޭ އުސޫލު އެކުލަވައިލުމަށް ފަހު އެ ކޮމެޓީއާ މިހާރު ހިއްސާކޮށްފައިވާނެ ކަމަށާއިި އެއީ ގާނޫނު އަސާސީން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބޭ އިހްތިިޔާރުގެ ދަށުން އެކުލަވާލާފައިވާ އުސޫލަކަށް ވާތީ އެ އުސޫލަށް އަމަލުކުރަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.