Roadha Mihaaru
ބަލި ގަބޫލް ނުކުރެއްވިޔަސް ވައިޓް ހައުސް އިން ނެރޭނަން

"ޓްރަމްޕް ބަލި ގަބޫލް ނުކުރައްވައިފި ނަމަ ވައިޓް ހައުސް އިން ނެރޭނަން"

07 ނޮވެމްބަރ 2020

ވޮޝިންޓަން (ނޮވެމްބަރު 7) - ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕް ގަދަ ދައްކަވާ ނަމަ ވައިޓް ހައުސް ނެރެވޭނެ ކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ ކެމްޕޭނުން އިންޒާރުދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 7) - ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕް ގަދަ ދައްކަވާ ނަމަ ވައިޓް ހައުސް ނެރެވޭނެ ކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ ކެމްޕޭނުން އިންޒާރުދީފި އެވެ.

ނަތީޖާ އަށް އަސަރު ކުރާނެ ސްޓޭޓްތައް ކަމަށްވާ ޕެންސިލްވޭނިއާ އާއި ޖޯޖިއާ ފަދަ ސްޓޭޓްތަކުން ބައިޑަން ކުރި ހޯއްދެވުމާ އެކު އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުވާނެކަން ވަނީ ޔަގީންވެފަ އެވެ.

ނަމަވެސް ޓްރަމްޕް ވަނީ އެމަނިކުފާން އެހާ ފަސޭހައިން ބަލި ގަބޫލް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާން ދެ ވަނަ ދައުރެއް ކާމިޔާބު ކުރައްވަފާނެތީ އިންތިޚާބުގައި މަކަރާއި ހީލަތް ހަދައި މޮޅުވާލާފައިވާ ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރައްވާފައިވެ އެވެ. ނަމަވެސް ޓްރަމްޕުގެ ތުހުމަތުގައި އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.

"ޖުލައި 19 ވަނަ ދުވަހު އަޅުގަނޑުމެން ބުނި ގޮތަށް އެމެރިކާގެ ރައްޔިތުން މި އިންތިޚާބުގައި ވަނީ ގޮތް ނިމްމާފައި. ވައިޓް ހައުސް އަށް ގަދަކަމުން ވަދެ ތިބޭ މީހުން ނެރުމުގެ ގާބިލްކަން އެމެރިކާ ސަރުކާރުގައި ހުންނާނެ،" ބައިޑަންގެ ކެމްޕޭން ތަރުޖަމާން އެންޑްރޫ ބޭޓްސް ވިދާޅުވި އެވެ.

ފޮކްސް ނިއުސް އަށް ޖުލައި މަހު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހައްދަވައި، ނާކާމިޔާބު ވެއްޖެ ނަމަ ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ.

ބައިޑަން އަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަން ޔަގީން ވުމުން ސީކްރެޓް ސާވިސް އިން މިހާރު ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.