Roadha Mihaaru
ޕްރިޔަންކާ އާއި ނިކް އާއިލީ އާ ވިޔަފާރިއެެއް ފަށަނީ

ޕްރިޔަންކާ އާއި ނިކް އާއިލީ އާ ވިޔަފާރިއެެއް ފަށަނީ

13 ނޮވެމްބަރ 2020

އަނބިމީހާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ގުޅިގެން އާއިލީ އާ ވިޔަފާރިއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަނބިމީހާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ގުޅިގެން އާއިލީ އާ ވިޔަފާރިއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް ބުނެފި އެވެ.

އޭނާ އާއި އިންޑިއާގެ ބަތަލާގެ ކައިވެންޏަށް އަންނަ މަހު ދެ އަހަރު ފުރޭ އިރު، މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ނިކް ބުނީ އާއިލާގެ ތެރޭގައި ވަރަށް ގިނަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެންގެ ހިޔާލުގެ މައްޗަށް އާ ވިޔަފާރިއެއް ފަށަން ޕްލޭންކުރަމުން އަންނަ ކަމަށް ބުންޏެވެ.

"ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އަހަންނާއި ޕްރިޔަންކާ ވެސް ވަރަށް ބޮޑަށް ހިޔާލު ބަދަލުކޮށް ހަދަން. އެހެންވީމާ ވަރަށް ގިނަކަން ކުރަން ރޭވިފައި އެބަހުރި. އެކަންކަން ސިފަކުރެވިދާނެ އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ވެސް." ތަފުސީލަކަށް ނުގޮސް ނިކް ބުންޏެވެ.

ދޮށީ ދެ ބޭބެއިން ކަމަށްވާ ޖޯ ޖޯނަސް އާއި ކެވިން ޖޯނަސްއާ އެކު "ޖޯނަސް ބްރަދާޒް" ގެ ނަމުގައި މިއުޒިކް ބޭންޑެއް ވެސް ހިންގަމުން އަންނަ ނިކް ބުނިގޮތުގައި އޭނާގެ އާއިލާ އަކީ އަބަދު ވެސް "ހެޕެނިން" އާއިލާއެކެވެ. އެހެންވެ އަބަދު ވެސް އެންމެން ހިއްސާވެގެން ކަންކަން ކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް ބުންޏެވެ.

ދާދި ފަހުން ޕްރިޔަންކާ އާއި ނިކް ވަނީ އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ކޮންޓެންޓްތަކެއް ވެސް ގެނެސްދޭން ނިންމައިފަ އެވެ. ބަތަލާއެއްގެ އިތުރުން ޕްރިޔަންކާ އަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާގެ މަންމަ މަދޫ ޗޯޕްޅާއާ ހިއްސާވެގެން އުފައްދާފައިވާ ފިލްމު ކުންފުންޏަކީ ޕާޕަލް ޕެބެލް ޕިކްޗާޒް (ޕީޕީޕީ) އެވެ.

ޕްރިޔަންކާގެ އަތުގައި މިހާރު ވެސް ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ މަހު ގެނެސްދޭ ފިލްމު "ދަ ވައިޓް ޓައިގާ" އެވެ. ކާމިޔާބު ބަތަލާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "މެޓްރިކްސް 4" އާއި "ވީ ކޭމް ބީ ހީރޯސް" ގެ އިތުރުން "ޓެކްސްޓް ފޯ ޔޫ" ހިމެނެ އެވެ.

އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޕްރިޔަންކާ އަމިއްލަ އަށް ލިޔުނު އޭނާގެ އޮޓޯބައޮގްރަފީ "އަންފިނިޝްޑް" ވެސް ނެރޭނެ އެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނިކުރީ ޑިސެމްބަރު 2، 2018 ގަ އެވެ.