Roadha Mihaaru
"މުހައްބަތޭ" ގެ ބަތަލާ ކިމް ރާއްޖޭގައި

"މުހައްބަތޭން" ގެ ބަތަލާ ކިމް ޝަރުމާ ރާއްޖޭގައި

03 ޖެނުއަރީ 2021

މީގެ 21 އަހަރު ކުރީގެ ކާމިޔާބު ފިލްމު "މުހައްބަތޭން" ގެ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިމް ޝަރުމާ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 21 އަހަރު ކުރީގެ ކާމިޔާބު ފިލްމު "މުހައްބަތޭން" ގެ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިމް ޝަރުމާ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ 1995 ގެ ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖޭއޭގޭ (ޑީޑީއެލްޖޭ) އަށް ފަހު އުފެއްދި ދެވަނަ ފިލްމުގެ ބޮޑު ކާސްޓްގައި ހިމެނޭ ކިމް ޗުއްޓީ ހޭދަކުރަމުން އަންނަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގަ އެވެ.

ޝާހްރުކް ޚާނާއި އަމީތާބް ބައްޗަން އާއި އައިޝްވާރިއާ ރާއީ އާއި ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ އާއި އުދޭ ޗޯޕްޅާ އާއި ޖިމީ ޝެރްގިލްގެ އިތުރުން ޖުގާލް ހަންސްރާޖް ލީޑް ރޯލު ކުޅުނު "މޮހައްބަތޭން" އިން ބޮލީވުޑަށް ނުކުތުމުގެ ފުރުސަތު ލިބުނަސް ކިމް އަކީ ވަރަށް އަވަހަށް ގެއްލުނު ބަތަލާއެކެވެ.

އުމުރުން މިހާރު 40 އަހަރުގެ ބަތަލާގެ ކެރިއަރުގައި "މުހައްބަތޭން" ފިޔަވައި އެހާ ކާމިޔާބު ފިލްމުތަކެއް ވެސް ނެތެވެ. ކިމް ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި މަނީ ހޭ ތޯ ހަނީ ހޭ (2008)، ޒިންދަގީ ރޮކްސް (2006)، ޓޮމް، ޑިކް އެންޑް ހެރީ (2006) އަދި ފިދާ (2004) ހިމެނެ އެވެ.

ކިމް އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ ތެލެގޫ ފިލްމު "ޔަގަމް" އެވެ.

ކާމިޔާބު ފިލްމީ ކެރިއަރެއް ނުލިބުނު އިރު، ކިމްގެ ފުރަތަމަ ކައިވެނި ވެސް އޮތީ ރޫޅިފަ އެވެ. އޭނާ ކައިވެނިކުރި ކެންޔާގެ ވިޔަފާވެރިއެއް ކަމަށްވާ އަލީ ޕަންޖާނީއާ އެވެ. އެ ދެ މީހުން 2010 ގައި ކުރި ކައިވެނި ރޫޅުނީ 2016 ގަ އެވެ.

ކިމް އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ދާދި ފަހުން ޒީ5 އިން ގެނެސްދިން ފިލްމު "ތައިޝް" ގެ ރޯލެއް ކުޅުނު ހާޝްވަރްދަން ރާނޭއާ އެވެ. އެކަމަކު އެ ގުޅުން ވެސް މާ ގިނަ ދުވަސްތަކެއް ނުވެ ވަނީ ނިމުމަކަށް އައިސްފަ އެވެ.