Roadha Mihaaru
"ޕަތާން" ގައި ދީޕިކާގެ ވަރުގަދަ އެކްޝަން ރޯލެއް

"ޕަތާން" ގައި ދީޕިކާ ޕަދްކޯންގެ ވަރުގަދަ އެކްޝަން ރޯލެއް

26 ނޮވެމްބަރ 2020

ޝާހްރުކް ޚާން މިދިޔަ ހަފުތާގައި ޝޫޓިން ފެށި ފިލްމު "ޕަތާން" ގައި ދީޕިކާ ޕަދްކޯން ކުޅެނީ އެޖެންޓެއްގެ ރޯލު ކަމަށާއި މިއީ އޭނާގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާން މިދިޔަ ހަފުތާގައި ޝޫޓިން ފެށި ފިލްމު "ޕަތާން" ގައި ދީޕިކާ ޕަދްކޯން ކުޅެނީ އެޖެންޓެއްގެ ރޯލު ކަމަށާއި މިއީ އޭނާގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު "ވޯ" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން މުމްބާއީގައި މި މަހުގެ 18 ގައި ފެށި އިރު ދީޕިކާ ވެސް ވަނީ ކްރޫއާ ގުޅިފަ އެވެ. ފިލްމުގައި ދީޕިކާ ކުޅޭ ކެރެކްޓާ އަކީ "ޓައިގާ" ފްރެންޗައިޒްގައި ސަލްމާން ޚާނާ އެކު ކެޓްރީނާ ކުޅޭ ކަހަލަ ވަރުގަދަ ކެރެކްޓާއެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ޕަތާން" އަށް ދީޕިކާ މިހާރު މަންޒަރުތަކެއް ޝޫޓްކޮށްފައިވާ އިރު، އޭނާ މި ފިލްމަށް ވަގުތު ދެނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ފިލްމަށް ވެސް ވަގުތު ދެމުންނެވެ.

އަދި ނަން އިއުލާންނުކުރާ އެ ރިލޭޝަންޝިޕް ތުރިލާގެ ކާސްޓްގައި ދީޕިކާއާ އެކު ހިމެނެނީ ސިދާންތު ޗަތުރަވެދީ އާއި އަނަންޔާ ޕާންޑޭގެ އިތުރުން ދައިރިއާ ކަރްވާ އެވެ.

"ޕަތާން" ގެ ޝޫޓިން މި ވަގުތު މުމްބާއީގައި ކުރިއަށް ދިޔަ ނަމަވެސް މީގެ ވަރަށް ބޮޑު ބައެއް އިނގިރޭސިވިލާތުގައި ނަގާނެ އެވެ. އެގޮތުން އަންނަ މަހުގެ މެދުތެރޭގައި ނުވަތަ ޖެނުއަރީ މަހުގެ ތެރޭގައި ކާސްޓާއި ކްރޫ އެ ގައުމަށް ފުރާނެ އެވެ. އޭރުން ފިލްމުގެ ވިލަންގެ ރޯލް ކުޅޭ ޖޯން އަބްހަރަމް ވެސް ކްރޫއާ ގުޅޭނެ އެވެ. އޭނާ މި ވަގުތު އަންނަނީ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކުރާ "ސަތިޔަމޭވް ޖަޔަތޭ 2" ގެ މަސައްކަތް ކުރަމުންނެވެ.

"ޕަތާން" އަކީ ސިދާތާ އެކު ދީޕިކާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ދީޕިކާގެ ކެރިއަރުގެ ދެވަނަ ފިލްމު 2008 ގެ "ބަޗްނާ އޭ ހަސީނޯ" އަކީ ސިދާތު ޑައިރެކްޓްކުރި ފިލްމެކެވެ. "ޕަތާން" އަކީ ޝާހްރުކާއި ޖޯން ސިދާތާ އެކު މަސައްކަތްކުރާ އަލަތު ފިލްމެވެ.

ޝާހްރުކާއި ދީޕިކާގެ ކާމިޔާބު ޖޯޑު އަލުން ފެނުމުގެ ފުރުސަތު "ޕަތާން" އިން ލިބޭ އިރު، ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ 2014 ގެ "ހެޕީ ނިއު އިޔާ" އެވެ. ދީޕިކާ ބޮލީވުޑަށް ނުކުތީ ޝާހްރުކާ އެކު 2007 ގެ "އޯމް ޝާންތީ އޯމް" އިންނެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޕަތާން" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ.