Roadha Mihaaru
އިންތިޚާބު ބޭއްވޭނީ ޑިސެމްބަރު 15އަށް ހުއްދަ ލިބިގެން:އީސީ

އިންތިޚާބު ބޭއްވޭނީ ޑިސެމްބަރު 15ގެ ކުރިން އެޗްޕީއޭގެ ހުއްދަ ލިބިގެން: އީސީ

25 ނޮވެމްބަރ 2020

ގާނޫނުގައި ބުނާ މުއްދަތަށް ވުރެން އެއް އަހަރު ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މާޗް މަހުގެ ތެރޭގައި ބޭއްވޭނީ އަންނަ މަހުގެ 15ގެ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބިގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނުގައި ބުނާ މުއްދަތަށް ވުރެން އެއް އަހަރު ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މާޗް މަހުގެ ތެރޭގައި ބޭއްވޭނީ އަންނަ މަހުގެ 15ގެ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބިގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އެޕްރީލް 4ގައި ބާއްވަން އުޅުނު ކައުންސިލް އިންތިޚާބު، ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްގެން ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތާ ހެދި އެވެ. އިންތިޚާބު ފަސްކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރަން މަޖިލީހުން ފާސްކޮށް މިދިޔަ ޖޫން މަހު އަމަލުކުރަން ފެށި ގާނޫނު ބުނާގޮތުން އަހަރެއްހާ ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހެ އެވެ.

އެކަމަކު އިންތިޚާބު އިއުލާންކޮށް މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނަަށް ކުރިއަށް ގެންދެވޭނީ އެކަން އެޗްޕީއޭ އިން އާއްމުކޮށް އިއުލާންކުރުމުން ކަމަށް ގާނޫނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޝަރީފް ވިދާޅުވީ އިންތިޚާބު ލަސްކުރަން ފާސްކުރި ގާނޫނުގެ ތާރީޚްތަކުން އިންތިޚާބު ކުރިއަށް ގެންދަން ބަލާއިރު އަންނަ މަހުގެ 15ގެ ކުރިން އެ ކޮމިޝަނަށް ހުއްދަ ލިބެން ޖެހޭ ކަމަށެވެ. އެ މުއްދަތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާން ނުކުރިޔަސް އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަން އިއުލާންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ގޮތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާންކުރުން. އެހެން ނޫން ކަމަށް ވަންޏާ އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމުގައި އެންމެ ލަސްވެގެން 15 ޑިސެމްބަރުގައި އެޗްޕީއޭ އިން އިއުލާންކޮށްދެއްވަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

"އޭރުން މާޗް 6 ގައި އިންތިޚާބު އަޅުގަނޑުމެންނަށް ބޭއްވޭނީ."

ޝަރީފް ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން މިހާރު ވަނީ ގާނޫނުގައި ކަނޑަައަޅާފައިވާ އިންތިޚާބާ ގުޅޭ އިންތިޒާމްތަކަށް ތާރީޚްތައް ކަނޑައަޅައިފަ އެވެ. އޭގެތެރޭގައި ވޯޓާސް ލިސްޓް އިއުލާންކުރުމާއި ޝަކުވާ ފުރުސަތާ އެކު ރީ ރަޖިސްޓްރޭޝަން ހުޅުވުމާއި ކެމްޕޭންކުރުމާއި ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު ބާއްވާނީ އިންތިޚާބު ފަސްކުރިއިރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށެވެ. އަލުން ފުރުސަތު ހުޅުވައެއް ނުލާނެ އެވެ. އެކަމަކު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 18 އަހަރު ފުރުނު ގާތްގަނޑަކަށް 5،000 މީހުންނަށް ވޯޓުލުމު ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 71 އަށް ވުރެން ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.