Roadha Mihaaru
އިންތިޚާބުގައި އަދިވެސް ތަޅު އެޅުވިފައި!

އިންތިޚާބާ މެދު އަދިވެސް ޔަގީންކަމެއް ނެތް!

09 ފެބުރުއަރީ 2021

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ 4،000 އަށް ވުރެން ގިނަ ކެންޑިޑޭޓުން އަދިވެސް ތިބީ ސުވާލެއްގެ ތެރޭގަ އެވެ. ދެ ފަހަރަށް ފަސްކުރި އިންތިޚާބުގެ ވޯޓުލުން އެޕްރީލް 10 ގައި އޮންނާނެ ކަމާ މެދުގަ އެވެ. އެއީ، ތިން ވަނަ ފަހަރަށް އިއުލާންކޮށްފައިވާ ތާރީޚުގައި އިންތިޚާބު ބޭއްވިދާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް ނެތުމުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ 4،000 އަށް ވުރެން ގިނަ ކެންޑިޑޭޓުން އަދިވެސް ތިބީ ސުވާލެއްގެ ތެރޭގަ އެވެ. ދެ ފަހަރަށް ފަސްކުރި އިންތިޚާބުގެ ވޯޓުލުން އެޕްރީލް 10 ގައި އޮންނާނެ ކަމާ މެދުގަ އެވެ. އެއީ، ތިން ވަނަ ފަހަރަށް އިއުލާންކޮށްފައިވާ ތާރީޚުގައި އިންތިޚާބު ބޭއްވިދާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް ނެތުމުންނެވެ.

ގާނޫނުއަސާސީގައި، ވަކި މުއްދަތެއްގެ ކުރިން ބާއްވަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އިންތިޚާބު ފުރަތަމަ ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި އެވެ. ބާރަށް ފެތުރުނު ވައިރަހާ އެކު ބަލީގެ ނުރައްކާ އޮތް މިންވަރެއް އޭރު ނޭނގޭތީ އެވެ. ގާނޫނުއަސާސީ ބަދަލުކޮށް، ކައުންސިލްތައް ނުހުއްޓި ޚިދުމަތް ދެވޭ ގޮތަށް ޚާއްސަ ގާނޫނެއް މަޖިލީހުން ފާސްކުރީ އެއް އަހަރުގެ ތެރޭގައި އިންތިޚާބު ބާއްވާ ގޮތަށެވެ. އެކަމަކު ހަމަ އެ ގާނޫނުގައި އޮތީ އިންތިޚާބު ބޭއްވުމުގެ އެއްވެސް ކަމެއް އީސީއަށް ކުރެވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ކަނޑައަޅައިފަ އެވެ. އެ މުއްދަތު ފަހަނައަޅައިދިޔައިރު ވެސް ބަލީގެ ހާލަތަށް ބަލައި އެޗްޕީއޭ އިން ނުރައްކަލުގެ ހާލަތު އުވައެއް ނުލި އެވެ. އެހެންވެ އިންތިޚާބުގައި "މަރުތަޅު" އެޅުނީ އެވެ.

އެ ޝަކުވާ ބޮޑުވުމުން، ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި އީސީން އެދުނު ގޮތަށް މަޖިލީހުން އެކަން އޮތީ ހައްލުކޮށްދީފަ އެވެ.

އެވަރުން ވެސް އިންތިޚާބު ނުބޭއްވި މިހާރު ތާށިވެފައި އޮތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންގެ ތެރޭގަ އެވެ. ކޮވިޑް-19 ކޮންޓްރޯލްކުރެވޭނެ ގޮތްތަކަކަށް ބާރުއަޅައި އެޗްޕީއޭ އިން އޮތީ އިންތިޚާބު ބާއްވާނެ ގޮތް އީސީއަށް ކިޔައިދީފަ އެވެ. އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަކީ ނުވާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބޭއްވި ބައްދަލުވުމައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބޭއްވި ބައްދަލުވުމައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލިސް

އޭޕްރީލް 10 ގައި އިންތިޚާބު ނުބޭއްވިދާނެ ގިނަ ސަބަބުތައް އެ ގައިޑްލައިނުން އޭނާ ދައްކަވަ އެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބަށް ވާނީ ކިހިނެއްތޯ ކޮމިޝަނުން ކަނޑައަޅަން ވެއްޖެ ކަމަށް ކެންޑިޑޭޓުންނާއި ޕާޓީތަކުން ބާރު އެޅިއަސް ކޮމިޝަނަށް އެކަން ކުރެވެން ނެތް ކަމަށެވެ.

"ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވަން އެބަހުރި ގޮންޖެހުންތަކެއް، އެކަމަށް ހައްލު ހޯދަން ކޮމިޝަނުން ވެސް މި އަންނަނީ މަސައްކަތް ކުރަމުން. ކޮމިޝަނުން ނިންމާފައި އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ.

ގައިޑްލައިނުން އީސީއަށް ހުރި ގޮންޖެހުންތައް

އެޗްޕީއޭގެ ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ގެންގޮސް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފަހު އެ ހުރި ތަނަކަށް ރައްކާތެރިކަމާ އެކު ގެންގޮސް ދިނުމަކީ އީސީގެ ޒިންމާއެކެވެ. ނުވަތަ އެ މީހުން ތިބި ތަނެއްގައި ވޯޓުލެވޭނެ ގޮތް ހަމަޖައްސަން ޖެހެ އެވެ.

މިއީ އިލެކްޝަންސަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީ މިއަދު ގެޒެޓްކޮށް ޝަކުވާ އަށް ހުޅުވާލާއިރު ވޯޓުލުމުގެ ދެ ހަފުތާ ކުރިން ކެންޑިޑޭޓުން ވޯޓާސް ރަޖިސްޓްރީގައި ސޮއިކުރަން ޖެހެ އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް އެނގެން އެބަ ޖެހޭ އިންތިޚާބުގެ 10 ދުވަސް ކުރިން ޕޮޒިޓިވްވެފައި ތިބި މީހުންގެ ލިސްޓު، އެއީ އެ މީހުންގެ ވޯޓު ކަރުދާސްކޮޅު އަޅުގަނޑުމެން ފޮނުވާން މި ޖެހެނީ އެތަނަކަށް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ޕޮޒިޓިވް މީހުން ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައިދޭން ޖެހެނީ އެޗްޕީއޭ އިންނެވެ. ޕޮޒިޓިވް މީހުން ވޯޓުލާ މަރުކަޒަށް ގެނައުމާއި ގެންދިއުމާ އެޗްޕީއޭ އިން ހަވާލުވެއްޖެ ނަމަ ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ސައްހަކަން ނުވަތަ ހާމަކަން ބޮޑު އިންތިޚާބެއް ބާއްވަން ގައިޑްލައިނުން ހިޔަނިއެޅިދާނެތީ ވެސް އިލެކްޝަންސްގެ ކަންބޮޑުވުން އެބަ އޮތެވެ. އެއީ މި އިންތިޚާބުގެ ކެންޑިޑޭޓުންގެ އަދަދަށް ބަލައި 12،000 މޮނިޓަރުންނާއި އޮބްޒާވަރުންނަށް 700 ވޯޓު ފޮށި ކައިރީގައި ތިބުމުގެ ކަންކަން ހަމަޖައްސައި ނުދެވުމެވެ.

"އެޗްޕީއޭގެ ގައިޑްލައިން ބުނާ ގޮތުން މި މީހުން ވޯޓުލާ މަރުކަޒުގެ ތެރެއަކު ނުބޭތިއްބޭނެ. ގައިދުރުކަމާ އެކު މަރުކަޒު ތެރޭގައި ގިނަވެގެން ބޭތިއްބޭނީ ތިނެއް ނުވަތަ ހަތަރު މީހަކު،" ޝަރީފް ވިދާޅުވި އެވެ.

ކުރީގެ އިންތިޚާބުތަކުގައި ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓަނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ 50 މީހުން ހަމަވާ ނަމަ އެވެ. އެ އަދަދު ހަމަ ނުވާ ނަމަ އެ ރިސޯޓެއްގެ މުވައްޒަފުން ވޯޓު ލުމުގެ އިންތިޒާމް ހަމަޖައްސަނީ އެންމެ ކައިރި ރަށެއްގަ އެގައިޑްލައިނުގައި ކަނޑައަޅާފައި އޮތް ގޮތުން އެ ގޮތަށް މި އިންތިޚާބުގައި ފުރުސަތު ނުދެވޭނެ އެވެ. ވޯޓު ލުމުގެ ހައްގު ލިބޭ މީހުން ތިބޭ ކޮންމެ ރިސޯޓެއްގައި އީސީން ވޯޓު ފޮށި ބަހައްޓަން ޖެހެ އެވެ.

"މި އިންތިޚާބުގައި ސަތޭކަ އެތައް ރިސޯޓެއްގައި ފޮށި ބަހައްޓަން އެބަ ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބާ ބެހޭ ގައިޑްލައިނުގައި ބާރު އަޅާފައި އޮތީ ބަލި ނުފެތުރޭ ގޮތަށް އިންތިޚާބު ބާއްވާށެވެ. އެގޮތަށް އިންތިޚާބު ބާއްވަން އީސީން ކުރަން ޖެހޭ މަސައްކަތްތައް ގިނަވެފައި ޚަރަދުތައް ވެސް ދެ ގުނަ ބޮޑުވެ މުޅި އިންތިޚާބު 100 މިލިއަން ރުފިޔާއާ ގާތްކުރާނެ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުތް ބައެއް މީހުން ކިޔުގައި: ބަލިމަޑުކަމުގެ ތެރޭގައި ބާއްވާ މި އިންތިޚާބުގައި ވޯޓުލާ ކިއޫގައި އެކަކު އަނެކަކާ ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭ. -- ފޮޓޯ/ މިހާރު

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުތް ބައެއް މީހުން ކިޔުގައި: ބަލިމަޑުކަމުގެ ތެރޭގައި ބާއްވާ މި އިންތިޚާބުގައި ވޯޓުލާ ކިއޫގައި އެކަކު އަނެކަކާ ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭ. -- ފޮޓޯ/ މިހާރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބަޖެޓްކޮށްފައި ވަނީ 51 މިލިއަން ރުފިޔާ އެވެ. ގައިޑްލައިންގައި ހުރި ކަންކަން ފުރިހަމަކޮށްގެން އިންތިޚާބު ބާއްވާ ނަމަ އިތުރަށް 44.9 މިލިއަން ރުފިޔާ ބޭނުންވެ އެވެ. ގައިޑްލައިނުގައި އޮތް ގޮތުން ނަމަ އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިންތިޚާބާ ބެހޭ އޮފިޝަލުންނަށެވެ.

އެއީ އޮފިޝަލުންތަކެއް ޕޮޒިޓިވް ވިޔަސް އިންތިޚާބުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް އިތުރު އޮފިޝަލުން ނަގަން ޖެހޭތީ އެވެ. މާލެއަށް އެކަނި ވެސް 3،000 އޮފިޝަލުން ހޯދަން ޖެހެ އެވެ. މި އޮފިޝަލުންގެ ޓްރެއިނިން 30 މީހުންގެ ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޖެހޭއިރު އެކަމަށް ވެސް މަހެއްހާ ދުވަސް ނަގާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕެންޑަމިކެއްގެ ތެރޭގައި އެ އަދަދަށް އޮފިޝަލުން ކުރިމަތިލާނެތޯ ނޫންތޯ ވެސް އެއީ ސުވާލެއް،" އޭނާ ވިދާޅުވި އެވެ.

އިންތިޚާބު، މަޖިލީހުގެ ނިންމުމަށް ބިނާވެފައި؟

އިންތިޚާބު ބާއްވަން ހުރި ގޮންޖެހުންތައް ކޮމިޝަނުން މަޖިލީހަށް މި ހަފުތާގައި ހުށަހަޅާނެ އެވެ. އެންމެ ފަހުން ގެނައި އިސްލާހުގައި ވެސް އޮތީ، އިންތިޚާބަށް ކަނޑައަޅާ ތާރީޚުގައި އެކަން ނުކުރެވޭ ނަމަ މަޖިލީހަށް އެންގުމަށެވެ.

"އަޅުގަނޑުމެން މަޖިލީހަށް މި ހުށަހަޅަނީ އިންތިޚާބު ލަސްކުރާކަށް ނޫން، މިހާރު އޮތް ތާރީޚުގައި ބާއްވަން ހުރި ގޮންޖެހުންތައް،" ޝަރީފް ވިދާޅުވި އެވެ.

ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި އިންތިޚާބު އެޕްރީލް 10 ގައި ބޭއްވޭނީ މިހާރު އޮތް ގައިޑްލައިނުން ލުއިތަކެއް ލިބިގެންނެވެ.

އަހަރަކަށް ދިގު ދަންމާލި އިންތިޚާބު ފަސްނުކުރަން އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ. ގާނޫނުތަކުގައި މުއްދަތެއް ކަނޑައަޅާފައިވާ އިންތިޚާބު ސަބަބުތައް ދައްކައި ލަސްކުރުމަކީ ތާއީދުކުރާނެ ކަމެއް ނޫން ކަމަށް ވެރިކަމުގައި އޮތް ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވެސް އަންނަނީ ބުނަމުންނެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކަށް ބާރުތަކެއް ދީފައި އޮތަސް މިހާރު ތިބި ކައުންސިލަރުންނަށް އެ ބާރުގެ ބޭނުމެއް ނުކުރެވެ އެވެ. ކައުންސިލްތައް ފުރިހަމަ ގޮތުގައި ހިނގައިގަންނާނީ އިންތިޚާބު ބޭއްވި ކައުންސިލްތަކަށް ބާރު ލިބިގެންނެވެ.

އިންތިޚާބުގެ ސައްހަކަމާއި މިނިވަންކަމާ މެދު ސުވާލު އުފެއްދޭ ގޮތަށް ގައިޑްލައިން އޮތް ނަމަ އެއީ ހައްލު ހޯދަން ޖެހޭ ކަމެކެވެ. އެކަމަކު، އީސީގެ ބައެއް މެމްބަރުންގެ ވިސްނެވުން ހުރި ގޮތަށް ވެކްސިނުން ރައްޔިތުންނަށް ރައްކާތެރިކަން ލިބެންދެން އިންތިޚާބު އަނެއްކާވެސް ފަސްކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ އެއީ ސުވާލެކެވެ. ކޮވިޑުގެ ތެރޭގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންތިޚާބުތައް ބާއްވައިފި އެވެ. ކޮވިޑާ ހެދި އެތައް ކަމެއްގައި އާ ހައްލުތަކެއް ކުރިއަށް ނެރެން ޖެހުނުއިރު، ރާއްޖޭގައި މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި، އިންތިޚާބެއް ބޭއްވިދާނެ އެއްވެސް ގޮތެއް އަދި އޮތީ ނުހޯދި އެވެ.

ވަކި ތާރީޚްތަކެއްގައި ބާއްވަން ގާނޫނުގައި ކަނޑައަޅާފައިވާ އިންތިޚާބުތައް ރާއްޖޭގައި ލަސްކުރުން ނުވަތަ ގާނޫނީ ހުސްކަން ކުރިމަތިވާ ކޮންމެ ފަހަރަކު އެ ވަގުތަށް އެކަނި ހައްލު ހޯދަން ގާނޫނަށް ބަދަލު ގެނައުމަކީ އާ ކަމަކަށް ނުވާތީ ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. އިންތިޚާބުގެ ތާރީޚުތައް މުއައްސަސާތަކަށް މުހިއްމު ނުވެ، ކުރިން ވެސް ލަސްކޮށްފައި އެބަ ހުއްޓެވެ.

އެޕްރީލް 10 ގައި އިންތިޚާބު އޮންނާނެތޯ ޔަގީންކުރެވެން އޮތީ އީސީގެ ވާހަކަތަކަށް ބަލާއިރު، މަޖިލީހުން ނިންމާ ގޮތެއްގެ މައްޗަށެވެ.