Roadha Mihaaru
ކަންގަނާގެ އޮފީސް ތަޅާލުމުން ބަދަލު ދޭން ޖެހިއްޖެ

ކަންގަނާގެ އޮފީސް ތަޅާލި މައްސަލާގައި ބީއެމްސީން ބަދަލު ދޭން ޖެހިއްޖެ

29 ނޮވެމްބަރ 2020

މުމްބާއީގައި ހުރި ބަތަލާ ކަންގަނާ ރަނާވަތުގެ އޮފީސް އިމާރާތުގެ ބައެއް ހަދާފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެތަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މުމްބާއި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ތަޅާލި މައްސަލާގައި ބަދަލު ދޭން މުމްބާއީ ހައި ކޯޓުން ހުކުރު ދުވަހު ހުކުމް ކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުމްބާއީގައި ހުރި ބަތަލާ ކަންގަނާ ރަނާވަތުގެ އޮފީސް އިމާރާތުގެ ބައެއް ހަދާފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެތަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މުމްބާއި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ތަޅާލި މައްސަލާގައި ބަދަލު ދޭން މުމްބާއީ ހައި ކޯޓުން ހުކުރު ދުވަހު ހުކުމް ކޮށްފި އެވެ.

ކަންގަނާއާ އެއްކޮލަށް މައްސަލަ ނިންމީ ގެއްލުމުގެ ބަދަލަށް ދެ ކްރޯޑް ރުޕީސް ހޯދަން ބީއެމްސީގެ މައްޗަށް ކުރި ދައުވާގަ އެވެ. ބަންޑްރާގައި ހުންނަ ކަންގަނާގެ އޮފީސް އިމާރާތުން ބައެއް ތަޅައިލި މައްސަލާގައި ކޯޓުން އިއްވި ހުކުމުގައި ވަނީ ބީއެމްސީން އަމަލުކޮށްފައި ވަނީ ގޯސްކޮށް ކަމަށާއި އެ އިމާރާތް ތަޅައިލަން ކަންގަނާ އަށް ނޯޓިސް ވެސް ފޮނުވީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދޭން ބީއެމްސީގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ. އަދި ތަން އަލުން މަރާމާތުކުރަން ޖެހޭތީ އެކަމާ ގުޅޭ މައުލޫމާތު ހަތަރު ހަފުތާ ތެރޭގައި ބީއެމްސީއާ ހިއްސާކުރަން ކަންގަނާ އަށް ކޯޓުން އަންގާފައިވެ އެވެ.

ހުނަރުވެރި ބަތަލާގެ އޮފީހުން ބައެއް ބީއެމްސީން ތަޅައިލީ އޭނާ އާއިލާގެ ގާތަށް ހިމާޗަލް ޕްރަދޭޝް އަށް ގޮސް ހުއްޓައި ސެޕްޓެމްބަރު މަހުގެ 9 ގަ އެވެ. އަދި ތަން ތަޅާލީ ހަތް ދުވަހުގެ ނޯޓިހެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެތަން ހުސް ނުކުރުމުން ކަމަށް ބީއެމްސީން ބުނެފައިވެ އެވެ.

މި މައްސަލަ ބެއްލެވި ހައި ކޯޓްގެ ބެންޗުން ވަނީ ކަންގަނާގެ ފަރާތުން ފެނިފައިވާ ބައެއް ކަހަލަ މައްސަލަތަކާ ގުޅިގެން އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ވެސް ނަސޭހަތްރެތިވެފަ އެވެ. އެގޮތުން މުމްބާއީ އަކީ ކަޝްމީރުގެ ޕާކިސްތާނު ފަޅިހާ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަކުރުމާއި ސަރުކާރުގެ އިދާރާތަކާއި ވެރިންނާއި ސަރުކާރަށް ނިސްބަތްވާ ގޮތަށް ދަށް ފެންވަރުގެ ވާހަކަތައް ނުދެއްކުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

މުމްބާއީއާ ބެހޭ ގޮތުން ކަންގަނާ ދެއްކި ވާހަކަތައް ވަރަށް ބޮޑަށް ހޫނުވެ، އޭނާ މުމްބާއީ ދޫކޮށް ދާން ވެސް މަހާރަޝްތުރާ ސްޓޭޓްގެ ބައެއް މީހުން ގޮވާލާފައިވެ އެވެ. އޭގެ ތެރޭގައި ސްޓޭޓްގެ ސަރުކާރު ހިންގާ ޝިވް ސެނާ ޕާޓީގެ މެމްބަރުން ހިމެނެ އެވެ. އަދި އޮފީސް ތަޅާލި މައްސަލާގައި ކަންގަނާ ވަނީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތާކްރީ އަށް ވެސް އެތައް ފަހަރެއްގެ މަތިން ބަހުގެ ހަމަލާތައް ފޮނުވައިފަ އެވެ. ކަންގަނާ ވަނީ އޭނާގެ އޮފީސް ތަޅާލުމަކީ އަޅުކަންކުރާ ތަން ތަޅާލުމުން ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް ދެން އޮތީ އުދައްވުގެ ވެއްޓުން ކަމަށް ބުނެފަ އެވެ.

މުމްބާއި ހައި ކޯޓުން އިއްވި ހުކުމާ ގުޅިގެން ކަންގަނާ ވަނީ ކޯޓްގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. އޭނާ ކުރި ޓްވީޓްތަކެއްގައި ބުނީ މިއީ ޑިމޮކްރަސީ އަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށާއި ސަރުކާރުތަކަށް މީސްމީހުންނާ ދޭތެރޭ ހިތުހުރިހާ ގޮތެއް ނުހެދޭނެކަން ކޯޓުގެ ހުކުމުން ޔަގީންވެއްޖެ ކަމަށެވެ. ކަންގަނާ ބުނެފައިވާ ގޮތުގައި އޭނާގެ އޮފީސް ތަޅައިލީ ފާޅުކުރި ހިޔާލުތަކަކާ ގުޅިގެން ޒާތީ ގޮތުން ޖައްސާލައިގެންނެވެ. އެހެންވެ އެފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރަސީ މަރާލުން ކަމަށް ބުނެފައިވެ އެވެ.

ލިބުނު ކާމިޔާބީގައި ހިތްވަރާއި ސަޕޯޓުން ދިން އެންމެންނަށް ޝުކުރު އަދާކޮށް ކަންގަނާ ބުނީ އޭނާއާ ދެކޮޅު މީހުންނަކީ ވިލަންކަން ކަށަވަރުވެ، އޭނާ އަކީ ހީރޯއެއްކަން ސާބިތުކޮށް ދެވިއްޖެ ކަމަށެވެ.