Roadha Mihaaru
ކަންގަނާ އާއި އުރްމިލާ ހަނގުރާމައެއްގައި

ކަންގަނާ އާއި އުރްމިލާ ހަނގުރާމައެއްގައި

18 ސެޕްޓެމްބަރ 2020

ބޮލީވުޑާއި މުމްބާއީއާ ބެހޭ ގޮތުން ބަތަލާ ކަންގަނާ ރަނާވަތު ދައްކަމުންދާ ވާހަކަތަކަށް ރައްދުދީ ކުރީގެ ބަތަލާ އުރްމިލާ މަޓޯންޑްކަރް ވާހަކަ ދައްކަން ފެށުމުން އޭނާ އަށް ރައްދުކޮށް، ކަންގަނާ ބަހުގެ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑާއި މުމްބާއީއާ ބެހޭ ގޮތުން ބަތަލާ ކަންގަނާ ރަނާވަތު ދައްކަމުންދާ ވާހަކަތަކަށް ރައްދުދީ ކުރީގެ ބަތަލާ އުރްމިލާ މަޓޯންޑްކަރް ވާހަކަ ދައްކަން ފެށުމުން އޭނާ އަށް ރައްދުކޮށް، ކަންގަނާ ބަހުގެ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

އެންޑީޓީވީ އަށް އުރްމިލާ ބުދަ ދުވަހުގެ ރޭ ދިން އިންޓަވިއުއެއްގައި ބުނީ ކަންގަނާގެ ފަރާތުން މިހާރު ފެންނަނީ ވަރަށް ގޯސް ނަމޫނާއެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ބޮލީވުޑަށް ޑްރަގްގެ ބޮޑެތި ތުހުމަތުތުތަކެއްކޮށް، މުމްބާއީ އަކީ ޓެރަސްޓުންގެ ހާއްޔެއް ފަދަ ނުރައްކާތެރި ތަނެއްގައި ގޮތުގައި ސިފަކޮށް ކަންގަނާ ވާހަކަ ދެއްކުމަކީީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އުރްމިލާ ބުނީ އޭނާ އަކީ ވެސް މުމްބާއީ ހިމެނޭ މަހާރަޝްތުރާ ސްޓޭޓްގެ ފަހުރުވެރި ރައްޔިތެއްގެ އިތުރުން ބޮލީވުޑްގައި ވެސް ހިއްސާވި އަދި އެ އިންޑަސްޓްރީ ދެކެ ލޯބިވާ މީހެއް ކަމަށެވެ.

އެހެންވެ އެ ތަންތަނުގެ އަގާއި ހުރުމަތް ކެނޑޭ ފަދަ ވާހަކަތައް ދައްކާތީ ވަރަށް ކަންބޮޑުވާ ކަމަށް ބުންޏެވެ. މިދިޔަ އަހަރު ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ލޯކް ސަބާ އަށް ވެސް ވާދަކުރި އުރްމިލާ ބުނި ގޮތުގައި ބޮލީވުޑްގައި ޑްރަގް ޓްރެފިކްކުރާ މީހުންނާއި އެ ބޭނުންކުރާ މީހުން ތިބި ނަމަ އެ މީސްމީހުންނަކީ ކޮބައިކަން ކަންގަނާ ހާމަކުރަން ޖެހޭނެ އެވެ. އަދި އެ ވާހަކަތައް ކުރިން ނުދައްކައި މިހާރު ދައްކަނީ ކީއްވެތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ.

އުރުމިލާ ވަނީ ބޮލީވުޑާއި ޑްރަގާ ގުޅުވާ ނަމަ ކަންގަނާގެ ނިސްބަތްވާ ހިމާޗަލް ޕްރަދޭޝްގެ މަނާލީ އަކީ އެންމެ ގިނައިން މަސްތުވާތަކެތި އުފައްދާ އެއް ތަން ކަމަށް ވެސް ބުނެފަ އެވެ. ކަންގަނާގެ އޮފީސް ތަޅާލި ހާދިސާ އަށް އިޝާރާތްކޮށް، އުރްމިލާ ބުނީ ބީއެމްސީން ހިންގި އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ކަމެއް ވެސް އެފަދަ މަރުހަލާއަކަށް ދިއުމުގެ ކުރިން ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ ކަމަށް ބުންޏެވެ.

އުރްމިލާ ބުނީ ކަންގަނާ އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކަންގަނާ އަކީ ގިނަ ބަޔަކު ލޯބިވާ ބަތަލާއަކަށް ވިޔަސް އޭނާގެ އަމަލުތަކާއި ބަހުރުވަ ހުންނަ ގޮތުން ކަންގަނާގެ އަހުލާގީ ފެންވަރާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ބުންޏެވެ.

"ރަންގީލާ" އާއި "ޖުދާއީ" އަދި "ޕިންޖަރު" އަދި "ޕިޔާރު ތޫނޭ ކިޔާ ކިޔާ" ގެ ބަތަލާ ދެއްކި ވާހަކަތަކާ ގުޅިގެން ކަންގަނާ ވަނީ ވަރަށް ހުތުރުކޮށް އުރްމިލާ އަށް ރައްދު ދީފަ އެވެ. އޭނާ ބުނީ އުރްމިލާ އަކީ "ސޮފްޓް ޕޯން" އެއް ކަމަށާއި އެއަށް ވުރެ ވަކިން ރަނގަޅު ރައްދެއް ދޭން ނެތް ކަމަށެވެ. އަދި އުރުމިލާ އަކީ ބަތަލާއެއްގެ ގޮތުގައި ބަޔަކު ބަލައިގަތް މީހެއް ނޫން ކަމަށާއި އޭނާ ވެސް ކަންގަނާ އަކީ ބަތަލާއެއް ގޮތުގައި ނުދެކޭ ކަމަށް ކަންގަނާ ބުންޏެވެ.

ކަންގަނާގެ މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާ އަށް މިހާރު ބަވަމުންނެވެ.