ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުމުން މުއައްސަސާތަކާ އެކު މުރާޖައާކުރަން ފަށައިފި އެވެ.
03 ޑިސެމްބަރ 2020
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުމުން މުއައްސަސާތަކާ އެކު މުރާޖައާކުރަން ފަށައިފި އެވެ.
އެ މައްސަލައިގައި ދައުވާ ނުކުރަން އެ އޮފީހުން ނިންމީ ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އޭރު އޭސީސީން ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުންނެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ ޕީޖީ ސިފަކުރެއްވި ގޮތުގައި، އިދާރީ މައްސަލަތަކެވެ.
އެކަމަކު މައްސަލަ ފޮނުވީ އެކަށީގެންވާ ހެއްކާއި ގަރީނާތަކާ އެކުގައި ކަމަށް ބުނެ އޭސީސީން ވަނީ މައްސަލަ އަލުން ރިވިއުކޮށްދޭން އެދިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ނިންމައި ޕީޖީ އަށް ލަފާއެރުވީ ދައުވާ ނުކުރުމުގެ ނިންމުން ރިވިއުކުރަން ފެންނަ ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އެ އޮފީހާއި އޭސީސީ އަދި ފުލުހުން ބައިވެރިވުމާ އެކު އެ މައްސަލައާ ގުޅިގެން މަޝްވަރާކޮށް، އެއްބަސްވެވޭ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ. ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު އޭސީސީން ކުރީ ވެސް ފުލުހުންނާ ގުޅިގެންނެވެ.
މި މައްސަލައިގައި ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާ މެދު ވެސް އޭސީސީ އާއި ޕީޖީ އޮފީހުގެ ވަނީ ހިޔާލުތަފާތުވެފަ އެވެ. ޕީޖީ ވިދާޅުވަނީ މައްސަލަ ފޮނުވީ އެ އޮފީހާ އެކު ދެ ބައްދަލުވުމަށް ފަހު ޑިއުޓީ ޕްރޮސިކިއުޝަން ނުނިންމަ އެވެ.
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ ޑިއުޓީ ޕްރޮސިކިއުޝަނަކީ ގާނޫނުން ލާޒިމްކުރާ ކަމެއް ނޫނެވެ. ވެންޓިލޭޓަރު ކޭސްގައި އެ މަރުހަލާ ނުނިންމާ ކަަމަށް ވިދާޅުވާއިރު، އެ މަރުހަލާގައި މި ކޭސްގެ ބައެއް ކަންކަން ލަސްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގަށް ފަހު، އޭސީސީން ޕީޖީގައި އެދުނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭށެވެ. އެއީ، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި ޑިރެކްޓަރު ނައުޝާދު އަލީ އާއި ބިޑް ކޮމިޓީ މެމްބަރު އާމިނަތު ޝައުފާ އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ އާއި ލީގަލް އޮފިސަރު އަލީ ޝިހާމާއި އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ އެންމެންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ އެވެ. އެކަމަކު އޭސީސީގެ މުޅި ތަހުގީގުން ފާހަގަވެފައި އޮތީ، ޕީޖީ ވިދާޅުވި ގޮތުގައި، އަމަލުކުރި ގޮތުން އަރާފައި ހުރި އޮޅުންތައް ނުވަތަ މައްސަލަތަކެކެވެ. ކޮރަޕްޝަންގެ ދައުވާ އުފުލިއިރު، އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނު ކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ.
އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ. އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް ނުދެ އެވެ.
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި
ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ހެކި ހުރި: އޭސީސީ
ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރާނެ ހެއްކެއް ނެތް
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
އަމީންއާ އެކު އަށް މީހަކަށް ދައުވާނުކުރަން ނިންމައިފި
ވެންޓިލޭޓަރުގެ މައްސަލަ ތިން ވަނަ ފަހަރަށް ފޮނުވާލައިފި