Roadha Mihaaru
"ފުލުހުންގެ ހިދުމަތުގެ ގާނޫނުން ކުރިއެރުން ލިބޭނެ"

ފުލުހުންގެ ހިދުމަތުގެ ގާނޫނުން ކުރިއެރުންތަކެއް ލިބޭނެ: އެމްޑީޕީ

04 ޑިސެމްބަރ 2020

ފުލުހުންގެ ހިދުމަތުގެ ބިިލް ފާސްވުމުން ފުލުހުންނަށާއި އެ މުއައްސަސާއަށް މީގެ ކުރިން ދުވަހަކު ވެސް އައިސްފައި ނުވާވަރުގެ ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންގެ ހިދުމަތުގެ ބިިލް ފާސްވުމުން ފުލުހުންނަށާއި އެ މުއައްސަސާއަށް މީގެ ކުރިން ދުވަހަކު ވެސް އައިސްފައި ނުވާވަރުގެ ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ހިސާބުގައި އޮތް ބިލާ ގުޅޭގޮތުން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ފުލުހުންނަކީ ރައްޔިިތުން ރައްކާތެރިކުރުމާއި ޖިނާއީ އަދުލުގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އެހެންވެ ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަކަށް ދެވޭ ހިދުމަތަށް ވާންޖެހާ ކަމަށާއި އެ ގާނޫނު ތަންފީޒުވެގެންދާއިރު އެކަން ހާސިލްވެގެންދާނެ ކަމަށް ބުންޏެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމުން، ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމާއި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް އެ ހިދުމަތް ދެވޭނެ ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ހުރިހާ ކަމެއް ދުސްތޫރި ހަމަތަކާއި ގާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނި ހައްގުތަކަށް އިހުތިރާމްކޮށްގެން ފޯރުކޮށްދެވޭނެ ކަން ވެސް ފާހަގަކުރި އެވެ.

އެމްޑީޕީން ބުނިގޮތުގައި، ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންނަށް ތައުލީމާއި ތަމްރީނާއި ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަކަމާއެކު އެ ފުރުސަތުތައް ލިބޭނެ އެވެ. އެކަންކަމުގެ އިތުރުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްހީ ފަރުވާގެ ހިދުމަތް ކަށަވަރުކޮށްދިނުމާއި ފުލުހުންގެ ހިދުމަތުން ރިޓަޔާކުރުމުން މާލީ ރައްކާތެރުކަން ކަށަވަރުކޮށްދީ ހައުސިން ސްކީމްތައް ގާއިމްކޮށް އޭގެ ފައިދާ ފުލުހުންނަށް ލިބޭނެ ގޮތް ހެދުމަކީ ވެސް އެ ގާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަމެވެ.

އެ ބިލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީީޕީގެ ވައުދުގެ މައްޗަށް، ޑިމޮކްރެޓިކް ވެރިކަމެއްގައި ހުނަރުވެރިކަމާއެކު މަސައްކަތް ކޮށް ހިދުމަތްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުމަށް ހެދޭ ގާނޫނެއް ކަމަށް ބަޔާނުގައި ބުނެ އެވެ.

"މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެ ކުރިން ދުވަހަކު ވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ގާނޫނެކެވެ،" ބަޔާނުގައި ބުންޏެވެ.