Roadha Mihaaru
މި އަހަރު ފިލްމަކުން ފެންނާނެ ކަމަށް ޝާހްރުކް ބުނެފި

މި އަހަރު ފިލްމަކުން ފެންނާނެކަން ޝާހްރުކް ޚާން ކަށަވަރުކޮށް ދީފި

03 ޖެނުއަރީ 2021

"ޕަތާން" ކިޔާ ފިލްމެއްގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން މި އަހަރު ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލުކުރާނެކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޕަތާން" ކިޔާ ފިލްމެއްގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން މި އަހަރު ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލުކުރާނެކަން ކަށަވަރުކޮށް ދީފި އެވެ.

އާ އަހަރާ ދިމާކޮށް އިންސްޓަގްރާމްގައި ހޮނިހިރު ދުވަހު އާންމުކުރި ވީޑިއޯ މެސެޖެއްގައި ޝާހްރުކް ވަނީ މިދިޔަ އަހަރު ތަޖުރިބާކުރަން ޖެހުނު އުނދަގޫ ކަންކަމުގެ ވާހަކަ އާއި މި އަހަރަށް ކުރެވޭ އުންމީދުތަކުގެ ވާހަކަ ވެސް ދައްކައިފަ އެވެ. އެގޮތުން އޭނާގެ މެސެޖުން އެންމެ ބޮޑަށް އަޅައިގަތް ތަންކޮޅަކީ އެކްޓިންއާ ދުރުގައި ހުންނަތާ ދެ އަހަރު ފަހުން މި އަހަރު ބޮޑު ސްކްރީނުން ފެންނާނެކަން ކަށަވަރުކޮށް ދިނުމެވެ.

"މި އަހަރު ސިލްވަ ސްކްރީނުން ބައްދަލުވާނެ. މިހާރު ދެހާސްވިހި މާޒީވެ އަހަރެމެން މި ތިބީ ދެހާސް އެކާވީހުގައި. މި އަހަރަކީ ވަރަށް އުންމީދީ އުފާވެރި އަހަރަކަށް ވާނެ،" ޝާހްރުކް ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅުނު 55 އަހަރުގެ އެކްޓަރު އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ "ޒީރޯ" އެވެ. ޑްވާފެއްގެ ރޯލު ކުޅުނު އެ ފިލްމު ބޮޑުތަނުން ނާކާމިޔާބުވުމުން ޝާހްރުކް ވަނީ ވަގުތީ ގޮތުން ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިފަ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާ "ޕަތާން" ގެ ޝޫޓިން ޝާހްރުކް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މިދިޔަ މަހު މުމްބާއީގައި ނިންމާލާފައިވާ އިރު، ދެވަނަ ޝެޑިއުލް މި މަހުގެ ތެރޭގައި އަބޫ ދާބީގައި ފަށާނެ އެވެ.

"ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. އެކަމަކު "ޕަތާން" އާ ބެހޭ އެއްވެސް ވާހަކައެއް ވައިއާރްއެފުން މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ޝާހްރުކް މި އަހަރު ސްކްރީނުން ފެންނާނެކަން ކަށަވަރުކޮށް ދިނުމަކީ އެ ފިލްމު މި އަހަރު ރިލީޒްކުރާނެކަން ޔަގީންވުމެވެ.