Roadha Mihaaru
ޝާހްރުކްގެ "ޕަތާން" ގެ ސެޓްގައި މާރާމާރީ ހިންގައިފި

ޝާހްރުކްގެ "ޕަތާން" ގެ ސެޓްގައި ޑައިރެކްޓަރާ މާރާމާރީ ހިންގައިފި

21 ޖެނުއަރީ 2021

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ޕަތާން" ގެ ޝޫޓިންގެ ތެރޭގައި މާރާމާރީ ހިންގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ޕަތާން" ގެ ޝޫޓިންގެ ތެރޭގައި މާރާމާރީ ހިންގައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މާރާމާރީ ހިނގީީ ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދާއި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރަކާ ދެމެދުގަ އެވެ. އަދި މިކަމުގެ ސަބަބުން "ޕަތާން" ގެ ސެޓްގައި މައްސަލަ ހޫނުވެ، އެއް ދުވަހަށް ޝޫޓިން މެދުކަނޑާލަން ވެސް ޖެހުނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސެޓްގައި މާރާމާރީ ހިނގަން މެދުވެރިވީ ކްރޫގައި ހިމެނޭ އެއްވެސް މީހަކު މޮބައިލް ފޯނު ނުގެންގުޅުމަށާއި މަސައްކަތް ކުރިއަށް ގެންދާއިރު އަމަލުކުރަން ކަނޑައަޅާފައި ހުރި އުސޫލުތަކަށް ބައެއް ކްރޫ މެމްބަރުން ތަބާނުވާ މައްސަލައިގަ އެވެ. ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރަކު ފޯނު ގެންގުޅެން ފެށުމުން އެކަމާ ރުޅިގަދަވެ، ސިދާތު ހުތުރު ބަހުން މުއާމަލާތުކޮށް، އޭނާގެ ކަންކަށިމަތީގައި ޖެހުމުން ތަޅާފޮޅުމަކަށް ބަދަލުވީ އެވެ.

ރައްދުގައި އެސިސްޓެންޓް ވެސް ސިދާތާއި ސެޓްގައި ތިބި އެހެން މީހުންނާ ދިމާއަށް ހުތުރު ބަހުން ގޮވައި ސިދާތުގެ ކަންކަށިމަތީގައި ޖެހުމުން މައްސަލަ އިތުރަށް ހޫނުވެ، ފިލްމުގެ ޝޫޓިން އަށް ބުރޫ އެރުމުން ޖެހުނީ ވަގުތީ ގޮތުން މަސައްކަތް މެދުކަނޑާލަން ކަމަށް މީޑިއާތަކުން ބުންޏެވެ. "ޕަތާން" ޕްރޮޑިއުސްކުރާ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވަނީ މި މައްސަލާގައި އެސިސްޓެންޓް މަގާމުން ވަކިކޮށް، ފިލްމުގެ މަސައްކަތްތަކުން އޭނާ ބޭރުކޮށްލައިފަ އެވެ.

ބައެއް މީޑިއާތަކުން ބުނީ "ވޯ" އާއި "ބޭންގް ބޭންގް" އަދި "ސަލާމް ނަމަސްތޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ސިދާތަކީ މަސައްކަތުގައި އުޅޭ އިރު ތަންކޮޅެއް ރުންކުރު، ރުޅިގަދަ ޑައިރެކްޓަރެއް ކަމަށެވެ.

"ޕަތާން" އަކީ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމާއި ޑިމްޕަލް ކަޕާޑިއާ ކާސްޓްގައި ހިމެނޭ ފިލްމެކެވެ. މީގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ "ޕަތާން" އަކީ ތިން އަހަރެއްހާ ދުވަހު އެކްޓިންއާ ދުރުގައި ހުރުމަށް ފަހު ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމެވެ.

މި ފިލްމަށް ފަހު ސިދާތު ދެން ހަދާނީ ރިތިކް ރޯޝަނާއި ދީޕިކާއާ އެކު އަންނަ އަހަރު ގެނެސްދޭ "ފައިޓާ" ގެ މަސައްކަތެވެ.