Roadha Mihaaru

އާބިޓްރޭޝަން ސެންޓަރުން ހިދުމަތްދޭން ފަށައިފި

އާބިޓްރޭޝަންގެ ހިދުމަތްތައް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ދޭން ފަށައިފި އެވެ.

އާބިޓްރޭޝަން ސެންޓަރުން ހިދުމަތްދޭން ފަށައިފި
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

14 ޑިސެމްބަރ 2020

އާބިޓްރޭޝަންގެ ހިދުމަތްތައް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ދޭން ފަށައިފި އެވެ.

އާބިޓްރޭޝަން ސެންޓަރުން ނެރުނު ބަޔާނުގައި ބުނީ މިއަދުން ފެށިގެން، ގާނޫނުގައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ކަންކަމާ ގުޅުންހުރި ހިދުމަތްތައް އެ ސެންޓަރުން ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ. މިހާރު ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އެ ސެންޓަރުން ބުނި ގޮތުގައި ސެންޓަރުން ވަނީ ވާޗުއަލް ހިދުމަތްތައް ވެސް ތައާރަފްކޮށްފަ އެވެ. ވާޗުއަލް ހިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށް އެތަނުން ބުންޏެެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު ތަސްދީގުކުރީ 2013 ގަ އެވެ. ރާއްޖޭގައި އާބިޓްރޭޝަން ސެންްޓަރެއް ހުޅުވައި އަމަލީ މަަސައްކަތް ފެށީ 2019 އޭޕްރިލް ގަ އެވެ.

އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ތިން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އައްޔަން ކުރައްވައިފަ އެވެ. އެ ބޯޑުގެ ޗެއާމަނަކީ ވަކީލް ޝަހުދީ އަންވަރެވެ. ބޯޑުގެ މެމްބަރަކަށް ވަކީލް ހުސައިން ސިރާޖާއި ސަފާ ޝަރީފް ވަނީ ހަމަޖައްސަވައިފަ އެވެ. އަދި ސެންޓަރުގެ ސީއޯއޯ އަކަށް ހުންނަވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރުގެ މަގާމު ފަސް އަހަރު ވަންދެން ފުރުއްވާފައިވާ މަމްދޫހާ އަލީ އެވެ.