އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށްފައި ކަމަށާއި ބޭނުންވަނީ ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ރައީސްކަމަށް ގެންނަން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
21 ޑިސެމްބަރ 2020
އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށްފައި ކަމަށާއި ބޭނުންވަނީ ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ރައީސްކަމަށް ގެންނަން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝުޖާއު ވިދާޅުވީ ޝަރީފާ އެކު އިންތިހާބު ކުރިއަށް ނުގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު އަކްރަމް ވަކިކުރި ގޮތަށް ޝަރީފް ވެސް މަގާމުން ވަކިކުރާނެ ކަމަށެވެ.
"ޝަރީފާ އެކުއެއް އަޅުގަނޑުމެންނެއް މި އިންތިހާބަކަށް ނުދާނަން. ޝަރީފް އޭގެ ކުރިން އަޅުގަނޑުމެން ބޭރުކުރާނަން. އަޅުގަނޑުމެން ޝަރީފް ލައިގެން މި އިންތިހާބައިގެން ކުރިއަކަށް ނުދާނަން. އަޅުގަނޑުމެން އަކްރަމް ވެސް ބޭރު ކުރީ ނޫންތޯ؟،" އޭނާ ވިދާޅުވި އެވެ.
އަކްރަމް މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އީސީގެ މުވައްޒަފުންނަށް އޭނާ ޖިންސީ ފުރައްސާރަކުރާ ކަމުގެ ތުހުމަތުތަކެއް ހުށަހެޅުމުން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ސުލޫކީ މައްސަލައެއްގަ އެވެ. އަކްރަމް މަގާމުން ވަކިކުރުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވީ އެވެ.
ނަމަވެސް ޝުޖާއު މިއަދު ވިދާޅުވި ގޮތުން ދޭހަ ވަނީ އަކްރަމް މަގާމުން ވަކިކުރީ އިދިކޮޅު ޕާޓީގެ މަސައްކަތުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ އީސީގެ ރައީސްކަމުގައި ޝަރީފް ހުންނަވާ ނަމަ އިންތިހާބު ދާނީ އިންސާފުން ނޫން ކަމަށެވެ.
އީސީގެ ރައީސް ކަމަށް ޝަރީފް އައްޔަނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އިދިކޮޅުގައި މިހާރު އޮތް ޕީޕީއެމަށް މިދިޔަ ރިއާސީ އިންތިިހާބުން ނާކާމިޔާބީއާ ކުރިމަތިވި ހިސާބުން ޝަރީފާއި މުޅި އީސީ އަށް އެ ޕާޓީން އަންނަނީ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.
"ޝަރީފް ބޭރުކޮށްފައި އިލެކްޝަންސް ކޮމިޝަން ތާހިރުކޮށްފައި އަޅުގަނޑުމެން އިންތިހާބާ ކުރިމަތިލާނީ،" ޝުޖާއު ވިދާޅުވި އެވެ.
އީސީގެ މެމްބަރުން ވެސް ޝަރީފަށް އިތުބާރު ނުކުރާ ކަމަށާއި އެ ހާލަތުގައި އިދިކޮޅަށް ވެސް އޭނާއަށް އިތުބާރެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އިދިކޮޅުން ބޭނުން ވަނީ އީސީގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގް ގެނައުމަށް ފަހު އިންތިހާބު ބާއްވަން ކަމަށް ވިދާޅުވި އެވެ.
އީސީގެ ވާހަކަތައް ހުރި ގޮތުން އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. ދިވެހި ރައްޔިތުން އިންތިހާބު ބާއްވަން ބޭނުން ކަމަށާއި އިދިކޮޅު ކޯލިޝަނުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިހާބު ލަސްވެފައި ވަނިކޮށް ކޮވިޑް-19 އިން ރައްކާތެރިވާން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކޮށް ކައުންސިލަރުންގެ ދައުރު ދަމަން ހެދި ވަގުތީ ގާނޫނުގައި އޮންނަ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި ނޫނީ އިންތިހާބެއް ނުބޭއްވޭނެ އެވެ.
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
އިންތިހާބު ފަސްކުރަނީ ސަރުކާރު/ އީސީ ގުޅިގެން:އިދިކޮޅު
އިންތިޚާބު ބާއްވާ! އެކަމަކު ވޯޓެއް ނުލާނަން!
އިންތިޚާބު ފަސްކުރަން ޖެހޭނަމަ ތާއީދު ކުރާނެ:އަދުރޭ
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
ވޯޓު ފޮށިތަކެއް އަލުން ގުނުމާ ދިމާކޮށް ހަމަނުޖެހުމެއް
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ވަހީދާއި ޖަމީލް، ކެމްޕެއިނަށް ގޭގެ އާއި މާރުކޭޓަށް
ޕީޕީއެމަށް އަނެއްކާވެސް 75،000ރ. ގެ ޖޫރިމަނާއެއް