Roadha Mihaaru
ވެބް ސީރީޒް "ލޯބިވިއަސް" ބައިސްކޯފަށް

ވެބް ސީރީޒް "ލޯބިވިއަސް" ބައިސްކޯފަށް

20 މެއި 2021

"ހުވާ" އާއި "އެހެނަސް" ފަދަ ކާމިޔާބު ސީރީޒްތައް ގެނެސްދީފައިވާ ބައިސްކޯފަށް އަނެއްކާ ވެސް އާ ސީރީޒެއް އަންނަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ހުވާ" އާއި "އެހެނަސް" ފަދަ ކާމިޔާބު ސީރީޒްތައް ގެނެސްދީފައިވާ ބައިސްކޯފަށް އަނެއްކާ ވެސް އާ ސީރީޒެއް އަންނަން ތައްޔާރުވެއްޖެ އެވެ.

ސްޓްރީމްކުރަން ފަށާނެ ސީދާ ތާރީހެއް އަދި އިއުލާން ނުކުރާ މި ސީރީޒްގެ ނަމަކީ "ލޯބިވިއަސް" އެވެ. މިއީ މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ ހަސަން) ގެ ކޮކޯ ސްޓޫޑިއޯ އިން ގެނެސްދޭ ފުރަތަމަ ސީރީޒެވެ. "ތިޔަ ލޯތްބާ ދުރަށް" ގެ ޑައިރެކްޓަރު މަރިޔަމް މޫސާގެ ވާހަކައަކަށް ހަދާފައިވާ އަށް އެޕިސޯޑްގެ "ލޯބިވިއަސް" އަކީ އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.

މީގެ ކާސްޓްގައި އޭނާއާ އެކު ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު އީސަ (އާނަންދު) އާއި ނާޝިދާ މުހައްމަދު (ނާއްކޮ) ގެ އިތުރުން މަރިޔަމް މަޖުދާ (މަޖޫ) ފަދަ ތަރިން ހިމެނެ އެވެ. "ލޯބިވިއަސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އާސިމް، ފާތުމަތު ފައިނާ އަދި އަހުމަދު ޝާހް ވެސް ހިމެނެ އެވެ.

އަންނަ މަހުގެ ތެރޭގައި ގެނެސްދޭން އަމާޒު ހިފާފައިވާ ސީރީޒްގެ ތީމް ލަވަ ކިޔާފައި ވަނީ ކޮކޯ ހަސަންގެ ދަރިފުޅު އަންދަލާ އާއި ސަމާހް އެވެ.

އެންމެ ގިނަ ދިވެހި، ތަފާތު އެކި ވައްތަރުގެ ކޮންޓެންޓް އެއްތާކުން ބަލައިލެވެން އޮތް ބައިސްކޯފުން މި ފަހުން ގެނެސްދީފައިވާ ކާމިޔާބު ސީރީޒްތަކުގެ ތެރޭގައި މޫމިން ފުއާދުގެ "ގަމިނި" އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ހުވާކޮށްފާ ބުނަން" ހިމެނެ އެވެ. މީގެ އިތުރުން ޔޫއްޕެގެ "އަވަށްޓެރިޔާ" ވެސް ބަލައިލެވޭނީ ބައިސްކޯފް އެޕުންނެވެ.