Roadha Mihaaru
ސަލްމާންގެ "ޓައިގާ 3" ގެ ވިލަންއަކަށް އިމްރާން

ސަލްމާންގެ "ޓައިގާ 3" ގެ ވިލަންއަކަށް އިމްރާން

13 ފެބުރުއަރީ 2021

އަންނަ މަހު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ވިލަންގެ ރޯލުން ފެންނާނީ އިމްރާން ހާޝިމީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ވިލަންގެ ރޯލުން ފެންނާނީ އިމްރާން ހާޝިމީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އިމްރާންގެ ކެރެކްޓާ އަކީ އޭނާ މިހާތަނަށް ކުޅޭ އެންމެ ތަފާތު ކެރެކްޓާ އަށް ވާނެ ކަމަށާއި "ޓައިގާ 3" ގައި އޭނާ އާއި ސަލްމާންގެ ބޮޑެތި ކުރިމަތިލުންތަކެއް ފެންނާނެ ކަމަށެވެ. މި ފިލްމު ވާނީ ބޮލީވުޑްގެ ވަރުގަދަ ތިން ޚާނުންގެ ތެރެއިން ޚާނަކާ އެކު އިމްރާން މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

"މާޑާ" އާއި "ޖަންނަތު" އާއި "ހަމާރީ އަދޫރީ ކަހާނީ" އަދި "ގޭންގްސްޓާ" އާއި "ދަ ޑާޓީ ޕިކްޗާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އިމްރާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަމީތާބް ބައްޗަނާ އެކު ކުޅެފައިވާ ފިލްމެއް ވެސް ހިމެނެ އެވެ. އެއީ އަދި ރިލީޒްކުރާނެ ދުވަހެއް އިއުލާން ނުކުރާ "ޗެހެރޭ" އެވެ.

"ޓައިގާ 3" އިން އިމްރާނަށް ފުރުސަތު ލިބުމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއްގައި އޭނާ މަސައްކަތްކުރާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ. ކެޓްރީނާ ކައިފް ބަތަލާގެ ރޯލު ކުޅޭ ފިލްމުގެ ޑައިރެކްޓަރަކީ "ފޭން" އާއި "ބޭންޑް ބާޖާ ބާރާތު" ގެނެސްދިން މަނީޝް ޝަރުމާ އެވެ.

ސަލްމާނާއި ކެޓްރީނާ.

ސަލްމާނާއި ކެޓްރީނާ.

ރިޕޯޓްތައް ބުނާގޮތުން "ޓައިގާ 3" ކާސްޓާއި ކްރޫ އަންނަ މަހުގެ ތެރޭގައި ތުރުކީގެ އިސްތަންބޫލަށް ޝޫޓިން އަށް ދާނީ ފިލްމުގެ މަންޒަރުތަކެއް މުމްބާއީގައި ވެސް ނެގުމަށް ފަހު އެވެ. އަދި ތުރުކީ ޝެޑިއުލް ނިންމައިލުމަށް ފަހު އަނެއްކާ ވެސް މުމްބާއީގައި އިތުރު މަންޒަރުތަކެއް ނެގުމަށް ފަހު، ދެން ކާސްޓާއި ކްރޫ މިސްރާބު ޖަހާނީ ޔޫރަޕްގެ އެކި ހިސާބުތަކަށެވެ.

"ޓައިގާ" ސީރީޒްގެ ކުރީގެ ދެ ފިލްމަކީ ވެސް ވަރަށް ގިނަ ލޮކޭޝަންތަކެއްގައި ޝޫޓްކޮށްފައިވާ ވަރަށް ކާމިޔާބު ދެ ފިލްމެވެ. އެއީ 2017 ގައި އަލީ އައްބާސް ޒަފަރު ގެނެސްދިން "ޓައިގާ ޒިންދާ ހޭ" އާއި 2012 ގައި ކަބީރް ޚާން ގެނެސްދިން "އޭކް ތަ ޓައިގާ" އެވެ.