Roadha Mihaaru
އައިސް ލިބުމުގައި ހުރި ދަތިތަކަށް ވައިކިންގްގެ ހައްލު

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ވައިކިންގް އިންޖިނިއަރިން އިން ހައްލު ހޯދައިދީފި

05 ޖެނުއަރީ 2021

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ވައިކިންގް އިންޖިނިއަރިން އިން ހައްލު ހޯދައިދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ވައިކިންގް އިންޖިނިއަރިން އިން ހައްލު ހޯދައިދީފި އެވެ.

އެ ކުންފުނިން ވަނީ މަސް ފިނިކުރާ ނިޒާމެއް ކަމަށްވާ "އާރުއެސްޑަބްލިއު" ސިސްޓަމްތައް މަސް ދޯނިތަކުގައި މިހާރު ބަހައްޓައިފަ އެވެ. ދެ އަހަރު ވަންދެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓު ކާމިޔާބު ކަމަށް ވައިކިންގުން ބުންޏެވެ.

އެ ކުންފުނީގެ މާކެޓިން ޑިރެކްޓަރު މުހައްމަދު ހަސަން ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ މަސް ދޯނިތަކާއި އެހެން ގައުމުތަކުގައި ބޭނުން ކުރާ މަސްދޯނިތަކާ ތަފާތު ވުމުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް މަސްވެރިން ބޭނުންވާ ގޮތަށް ބަދަލުތައް ގެނެސް، މި ސިސްޓަމްތައް ކާމިޔާބު ކަމާއެކު މިހާރު ހަރުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކުންފުނިން އަޅުވައިދޭ ޕްލާންޓުގެ ކާމިޔާބުގެ ސިއްރަކީ މި ޕްލާންޓު ރާއްޖޭގެ މަސްވެރިކަމަށް ފިޓުވާގޮތަށް ވަރަށް ބޮޑަށް ކަސްޓަމައިޒް ކޮށްފައި އޮތުން. އަދި އެކަށީގެންވާ އަގެއްގައި މި ހިދުމަތް ފޯރުކޮށްދިނުން،" ހަސަން ވިދާޅުވި އެވެ.

ވައިކިންގެ ފިނިކުރާ ނިޒާމު ހަރުކޮށްފައި ހުރި މަސްދޯންނެއް ކަމަށްވާ ގއ. ނިލަންދޫ ހަނދުވަރީ މަސްދޯނީގެ ވެރިޔާ ހާލިދު ބުނިގޮތުގައި އެ ނިޒާމު ހަރުކުރުމުގެ ކުރިން އައިސް ނުލިބި ބޮޑެތި ގެއްލުންތަކެއް ވެ އެވެ. ނަމަވެސް ފިނިކުރާ ސިސްޓަމް ހަރުކުރުމުން ވަގުތު ސަލާމަތްވެ، މަންފާ އިތުރުވާ ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން މަސް ބާނައި ނިމުނީމާ އައިސް ތަޅާ، ވަތްތަކަށް އަޅައި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ. އެކަމުގައި ހުރިހާ މަސްވެރިން ވެސް ޖެހޭ ބައިވެރިވާން. އެކަމަކު މިހާރު މަސް ބޭނުމަށް ފަހު ކުރަން ޖެހޭ ކަންތައްތައް ދެ މީހަކު ވެގެން ވެސް ކޮށްލެވޭ،" ހާލިދު ބުންޏެވެ.

ވައިކިންގުން މި ހިދުމަތް ތައާރަފު ކޮށްފައިވަނީ 2019 ގަ އެވެ. މި ހިދުމަތް ފުޅާކުރުމުގެ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ކަސްޓަމަރުންނަށް ސިސްޓަމްތައް ހޯދުމުގައި ލުއި ގޮތްތައް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ވެސް ވައިކިންގުން ބުނެ އެވެ.

މީގެ އިތުރުންމި ހިދުމަތް ފުޅާ ކުރުމަށް ވައިކިންގެ ޓީމުން ވްނީ ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާ ވެސް ބައްދަލުކޮށް މައުލޫމާތު ހިއްސާ ކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ބޭއްވި ފިޝަރީޒް އެކްސްޕޯގައި ވެސް މި ހިދުމަތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވައިކިންގެ އާރުއެސްޑަބްލިއު ސިސްޓަމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓު www.vikingengineering.com.mv މެދުވެރިކޮށް ލިބޭނެ އެވެ.