Roadha Mihaaru
އެޕަލް ސްޓޯރަށް މިދިޔަ އަހަރު 64 ބިލިއަން ޑޮލަރު

އެޕަލް ސްޓޯރަށް މިދިޔަ އަހަރު 64 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

10 ޖެނުއަރީ 2021

އެޕަލްގެ އެޕް ސްޓޯރަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 64 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އެޕް ސްޓޯރަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 64 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސީއެންބީސީން ބުނި ގޮތުގައި އެ އަދަދަކީ ޓިމް ކުކްގެ އެޕަލް އިން އެޕް ސްޓޯރަށް މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ އަށް ވުރެ 28 ޕަސެންޓްގެ އިތުރުވުމެކެވެ. ދެހާސް ނަވާރައިގައި އެޕް ސްޓޯރުގެ އާމްދަނީ އަކީ 50 ބިލިއަން ޑޮލަރެވެ. އަދި 2018 ގައި ލިބުނީ 48.5 ބިލިއަން ޑޮލަރެވެ.

މި އަދަދުތަކަށް ބަލާ އިރު 2018 އާއި 2019 އާ ދޭތެރޭ އެވްރެޖްކޮށް އެޕް ސްޓޯރުގެ ވިޔަފާރި އަށް އައިސްފައި ވަނީ އެންމެ 3.1 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެޕް ސްޓޯރުގެ އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ އިތުރުވި ސީދާ ސަބަބެއް ނޭނގެ އެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު ވަރަށް ގިނަ ބަޔަކު ފުރަބަންދުގައި ތިބެން ޖެހުމުން ވީޑިއޯ ގޭމްތައް ޑައުންލޯޑްކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

މީގެ އިތުރުން ފިޓްނަސް އަށް ސަބްސްކްރައިބްކުރެވޭ އެޕްތަކަށް ވެސް މިދިޔަ އަހަރު ގިނަ ބަޔަކު ބަރޯސާވުމަކީ އެޕް ސްޓޯރްގެ އާމްދަނީ އިތުރުވާން ދިމާވި މުހިއްމު ސަބަބަކަށް ވެދާނެ ކަމަށް ޓެކް ދާއިރާގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އެޕަލްގެ ޑިވައިސްތައް ގެންގުޅޭ މީހުން ބަރޯސާވާން ޖެހެނީ އެޕް ސްޓޯރަށެވެ. އަދި އެ އެޕް ސްޓޯރަކީ އެތަނުން ޑައުންލޯޑްކުރާ ކޮންމެ އެއްޗަކަށް އެވްރެޖްކޮށް 30 ޕަސެންޓުގެ ފައިދާއެއް ނަގާ ތަނެކެވެ. އެޕް ސްޓޯރަށް ލާ އެއްޗެހިން ބައިއަޅާ ގޮތާ ދޭތެރޭ ކުންފުނިތަކާއި އެޕަލްއާ ދޭތެރޭ ކުނި ވެސް ޖެހެ އެވެ. އެގޮތުން މިދިޔަ އަހަރު މި މައްސަލާގައި އެންމެ ހޫނުކޮށް ދެކެވުނީ އެޕިކް ގޭމްސް އާއި އެޕަލްގެ ކޯޅުމުގެ ވާހަކަ އެވެ.

އެޕަލް އިން މިހާރު ހަމަޖައްސާފައި އޮންނަ އުސޫލަށް ބަލާ އިރު އެޕް ސްޓޯރަށް އެޕްތައް ލާ ކުންފުނިތަކުގެ އަހަރީ އާމްދަނީ އެއް މިލިއަނަށް ވުރެ ދަށް ނަމަ، ޑައުންލޯޑްތަކުން ބައި އަޅަނީ 15 ޕަސަންޓް ފައިދާ ލިބޭ ގޮތަށެވެ.