Roadha Mihaaru

ފެން ބޮޑުވުމުން ކަނބާއައިސަރަނި ހިނގުން ސަލާމަތްވެއްޖެ

މާލެއަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން، ކަނބާ އައިސަރަނި ހިނގުމުގައި ބޮޑުވާ ފެންގަނޑުން އެ މަގު، އެންމެ ފަހުން ސަލާމަތްވެއްޖެ އެވެ.

ފެން ބޮޑުވުމުން ކަނބާއައިސަރަނި ހިނގުން ސަލާމަތްވެއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 ޖެނުއަރީ 2021

މާލެއަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން، ކަނބާ އައިސަރަނި ހިނގުމުގައި ބޮޑުވާ ފެންގަނޑުން އެ މަގު، އެންމެ ފަހުން ސަލާމަތްވެއްޖެ އެވެ.

މާލޭގެ މަގުތައް އަލުން ހެދުމުގެ ބޮޑު މަޝްރޫއުގެ އަލަތު މަގު ނިންމައި، މި މަހު ހުޅުވާލި ފަހުން ކުރި ބޮޑު ފުރަތަމަ ވިއްސާރައިގައި، މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވިޔަސް، އެ މަގު މިއަދު އޮތީ ރީތިކޮށެވެ.

މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ސީނިއަ މެނޭޖާ، ޕްރޮޖެކްޓްސް، އިސްމާއިލް މިއުރާޖު ވިދާޅުވީ ކަނބާއައިސަރަނި ހިނގުމުގައި ފެން ބޮޑުނުވަނީ އަލަށް މަގު ހަދާއިރު ގާއިމްކުރާ ފެން ހިންގާ ނިޒާމް ފުރިހަމަވުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުތަކަށް ވެހޭ ފެން ބޭރުކުރަން އެ މަގުގައި އަލުން ސެޓްލްމެންޓް ޓޭންކްތައް ބަހައްޓައި، އެ ނިޒާމް ވަރަށް ރަނގަޅަށް ގާއިމްކޮށްފައި ވާނެ އެވެ. އޭގެ އިތުރުން ފެންގަނޑު ބޭރުކުރަން އެޅި ހޮޅިތައް ވެސް ކުރިއަށް ވުރެ ތިން ގުނަ، ހަތަރު ގުނަ ބޮޑުވާނެ ކަމަށް ވެސް، ވިދާޅުވި އެވެ.

"މިހާރު ހުއްޓުމެއް ނާންނާނެ [ފެންގަނޑު ބޭރުކުރާކަށް]. ބަރާބަރަށް ރަން ކުރާނެ،" މިއުރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް ހަދާ މަގުތަކުން ގުޅާފައިވާ ޕަމްޕުތައް ރަނގަޅަށް މަސައްކަތްކުރާ ނަމަ އެއްވެސް މައްސަލައެއް ނާންނާނެ އެވެ. ފެން ހިންދުމުގައި ކިރިޔާ ވެސް ކަމެއް ދިމާވާނީ، މިއުރާޖު ވިދާޅުވި ގޮތުގައި، ޕަމްޕަކަށް މައްސަލައެއް ދިމާވުމުންނެވެ.

"ވަގުތުން ޕަމްޕު ރަނގަޅުކޮށްލާ އިރަށް އެކަން ހައްލުވީ. މިހާރު ދެން މަގުގައި ފެން ބޮޑުވެގެން އުޅޭކަށް ނުޖެހޭނެއޭ ވާހަކައަކީ،" މިއުރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން އެ ސަރަހައްދުގެ ހޮޅިތައް ވެސް ޕަމްޕު ސްޓޭޝަނަށް ނުގުޅައި ވަކި ހިސާބަކުން ހުރީ ދޫކޮށްލާފައި ކަމަށެވެ.

ޖެނުއަރީ 26، 2020 ގައި މާލެ ސިޓީ ކައުންސިލުން ފެށި މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއުއަށް 462 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މަގު ހެދުމުގެ ޕްރޮޖެކްޓް އެއްކޮށް ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އާރުޑީސީން ދެ އެވެ.