Roadha Mihaaru
ތޯމަސް ކުކް އިންޑިއާއާ އެކު ރާއްޖެ އިޝްތިހާރުކުރަނީ

ތޯމަސް ކުކް އިންޑިއާއާ އެކު ރާއްޖެ އިޝްތިހާރުކުރަނީ

27 ޖެނުއަރީ 2021

އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަން އެ ގައުމުގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ ތޯމަސް ކުކް އިންޑިއާއާ އެކު އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަން އެ ގައުމުގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ ތޯމަސް ކުކް އިންޑިއާއާ އެކު އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނުގެ ދަށުން އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުމަށް ޝައުގުވެރިކުރުވަން އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ތޯމަސް ކުކް އިންޑިއާގެ އޮންލައިން ޗެނަލްތައް މެދުވެރިކޮށް، ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ކެމްޕޭން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަނީ އެ ގައުމަކީ ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ ގައުމަށްވާތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިއަހަރު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ހަމައެކަނި ހަނީމޫން މަންޒިލެއް ނޫން. އެކި ފަންތީގެ ޓޫރިސްޓުންނަށް ރާއްޖޭން ތަފާތު ތަޖުރިބާ ލިބެން ހުރޭ. މި ކެމްޕޭނުގެ ދަށުން އިތުރަށް ރާއްޖެ އިޝްތިހާރު ވާނެ،" ތޮއްޔިބު ވިދާޅުވި އެވެ.

ތޯމަސް ކުކް އިންޑިއާ އަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ތޯމަސް ކުކް ކުންފުނީގެ ދަށުން ހިންގަމުން އައި ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނި ބަނގުރޫޓުވުމުގެ ކުރިން ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ފެއާފެކްސް ފައިނޭންޝަލް ހޯލްޑިންސް އިން ވަނީ އިންޑިއާގެ ކުންފުނި ގަނެފަ އެވެ.

ތޯމަސް ކުކް އިންޑިއާ އަކީ އެ ގައުމުގައި ޓްރެވަލް ސާވިސްގެ އިތުރުން މައިސްގެ ހިދުމަތް ވެސް ދޭ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ޓީޓީޖީ ޓްރެވަލްސް އެވޯޑްސްގެ "ބެސްޓް ޓްރެވަލް އެޖެންސީ"ގެ އެވޯޑާއި ޓައިމްސް ޓްރެވަލް އެވޯޑްސްގެ "ބެސްޓް އައުޓް ބައުންޑް ޓުއާ އޮޕަރޭޓާ"ގެ އެވޯޑު ދެ ފަހަރު ހާސިލްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އަދި 2019 ވަނަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ވެސް އެ ގައުމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރޭގައި އިންޑިއާގެ 14،752 ޓޫރިސްޓުން ހިމެނެ އެވެ.