Roadha Mihaaru
ދަނޑުވެރިންގެ މުޒާހަރާއިން 200 މީހުން ހައްޔަރުކޮށްފި

ދަނޑުވެރިންގެ މުޒާހަރާއާ ގުޅިގެން 200 މީހުން ހައްޔަރުކޮށްފި

27 ޖެނުއަރީ 2021

ނިއު ދިއްލީ (ޖެނުއަރީ 27) - އިންޑިއާގެ ދަނޑުވެރިން ވެރިރަށް ނިއު ދިއްލީ އަށް އަންގާރަ ދުވަހު ވަދެ ކުރި މުޒާހަރާއާ ގުޅިގެން މިހާތަނަށް 200 މީހުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖެނުއަރީ 27) - އިންޑިއާގެ ދަނޑުވެރިން ވެރިރަށް ނިއު ދިއްލީ އަށް އަންގާރަ ދުވަހު ވަދެ ކުރި މުޒާހަރާއާ ގުޅިގެން މިހާތަނަށް 200 މީހުން ހައްޔަރުކޮށްފި އެވެ.

ދަނޑުވެރިން ބުނެފައި ވަނީ އެ މީހުންކޮށްފައި ވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. އަދި ހަމަނުޖެހުން ހިންގީ މުޒާހަރާގެ ތެރެއަށް ވަން އެހެން ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ. މުޒާހަރާގެ ހަމަނުޖެހުމުގައި އެކަކު މަރުވެ ފުލުހުންގެ 300 މީހުން ވަނީ ޒަޚަމްވެފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހާ މަރުވެފައި ވަނީ އޭނާ ދުއްވި ޓްރަކްޓަރު ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓްވެގެން ކަމަށެވެ.

މުޒާހަރާގައި ބައިވެރިވި މީހުން ހައްޔަރު ކުރަމުން ދަނީ ހަމަނުޖެހުން ހިންގުމާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި ފުލުހުންނަށް ހަމަލާ ދިނުމުގެ ކުށުގަ އެވެ. ފުލުހުން ބުނީ ރެޑް ފޯޓުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ އެހީގައި ވެސް މީހުން ހޯދަމުންދާ ކަމަށެވެ.

އަންގާރަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ދިއްލީގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ދަނޑުވެރިން ހަޅުތާލު ކުރަމުން ދަނީ ދަނޑުވެރިކަމުގެ ސެކްޓަރަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ ހިތްހަމަނުޖެހިގެންނެވެ. ސަރުކާރުން ބުނެފައި ވަނީ ބަދަލުތައް ގެނައުމުން ދަނޑުވެރިން އުފައްދާ ތަކެތި މާބޮޑަށް މިނިވަންކަމާ އެކު ވިއްކޭނެ ކަމަށެވެ. އެކަމަކު ދަނޑުވެރިން ބުނަމުން ދަނީ އެ ބަދަލުތައް ގެނެސްފި ނަމަ އެ މީހުން އިތުރަށް ފަގީރުވާނެ ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް އިންޑިއާ ސަރުކާރާއި ދަނޑުވެރިންގެ ޔޫނިއަން އިން އަށް ފަހަރު މަތިން ބައްދަލުކޮށް ވެސް މަޝްވަރާތައް ވަނީ ފެއިލްވެފަ އެވެ.

ދަނޑުވެރިންގެ މުޒާހަރާ އަކީ 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރަށް ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އިންޑިއާގެ 1.3 ބިލިއަންގެ އާބާދީގެ 70 ޕަސެންޓް މީހުންގެ ދިރިއުޅުމުގެ އެކި ކަންކަން ހަމަޖައްސަނީ ދަނޑުވެރިކަމުން ލިބޭ އާމްދަނީންނެވެ.