Roadha Mihaaru
ޓްވީޓަކާ ހެދި އިންޑިއާގައި ރިއާނާ ހަވަރަށް!

ޓްވީޓަކާ ހެދި އިންޑިއާގައި ރިއާނާއަށް ނުގޮވާކަށް އެއްޗެއް ނެތް

04 ފެބުރުއަރީ 2021

އިންޑިއާގެ ދަނޑުވެރިން މިހާރު ކުރަމުންދާ މުޒާހަރާ ހޫނުވެ، ދިގުލައި މައްސަލަ އިތުރަށް ގޯސްވަމުންދާ އިރު މިކަން ހައްލުކުރަން ނޫޅެނީ ކީއްވެތޯ ސުވާލުކޮށް، މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ކުރި ޓްވީޓަކާ ގުޅިގެން އޭނާ އަށް އިންޑިއާގެ ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ދަނޑުވެރިން މިހާރު ކުރަމުންދާ މުޒާހަރާ ހޫނުވެ، ދިގުލައި މައްސަލަ އިތުރަށް ގޯސްވަމުންދާ އިރު މިކަން ހައްލުކުރަން ނޫޅެނީ ކީއްވެތޯ ސުވާލުކޮށް، މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ކުރި ޓްވީޓަކާ ގުޅިގެން އޭނާ އަށް އިންޑިއާގެ ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަންގާރަ ދުވަހު ރިއާނާ ޓްވީޓްކުރީ ދަނޑުވެރިންގެ މުޒާހަރާއާ ބެހޭ ގޮތުން ސީއެންއެން އިން ގެނެސްދީފައިވާ ޚަބަރަކާ އެކީގަ އެވެ. އެ ޓްވީޓްކުރިތާ މާ ގިނައިރުތަކެއް ނުވެ ސްވިޑްންގެ ޒުވާން ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަމްބާގާއި އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް އަށް ބޮޑުދައިތަ ކިޔާ މީނާ ހެރިސް ވެސް ދަނޑުވެރިންނަށް ތާއީދުކޮށް ޓްވީޓްކޮށްފައިވެ އެވެ.

ދަނޑުވެރިންނަށް މައްސަލައަކަށްވެގެން އުޅެނީ އެ ދާއިރާގައި ހުރި މައްސަލަތަކަށް ސަރުކާރުން އެކަށީގެންވާ ހައްލުތައް ހޯދައިނުދީ މަސައްކަތްތަކަށް ދަތިވާ ގޮތަށް ގާނޫނެއް ފާސްކުރުމެވެ. ދަނޑުވެރިންގެ މައްސަލާގައި އިންޑިއާގެ ސެލެބްރިޓީންގެ މެދުގައި ވެސް ވަނީ ބައިބައިވުން އުފެދިފަ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރަށް ތާއީދުކުރާ ސެލެބްރިޓީން ދަނޑުވެރިންގެ މުޒާހަރާ އަށް ތަކުރާރުކޮށް ފާޑުކިޔާފައިވެ އެވެ. އަދި ސަރުކާރަށް ތާއީދުނުކުރާ ސެލެބްރިޓީން އަންނަނީ ދަނޑުވެރިންގެ ހައްގުތައް ކަށަވަރުކޮށްދޭން ގޮވައިލަމުންނެވެ.

މި މައްސަލައާ ބެހޭ ގޮތުން، އެހެން ގައުމުތަކުގެ މީހުން ވެސް ފާޑުކިޔަން ފެށުމުން ބީޖޭޕީގެ ސަޕޯޓަރުން އަންނަނީ ގައުމުގެ އެތެރޭގެ ކަންކަމާ ބިދޭސީން ނުބެހުމަށް ގޮވައިލަމުންނެވެ. ރިއާނާ ކުރި ޓްވީޓާ ގުޅިގެން ރައްދު ދިން މަޝްހޫރު ތަރިންގެ ތެރޭގައި ކަންގަނާ ރަނާވަތު ހިމެނެ އެވެ. އޭނާ ފުލުފުލުގައި ކުރި ޓްވީޓްތަކެއްގައި ރިއާނާގެ ބަރަހަނާ ފޮޓޯތަކާ އެކު ބުނެފައި ވަނީ އެއީ ޕޯންސްޓާރެއް ކަމަށެވެ.

ބަތަލާ ރިޗާ ޗައްޑާ ވެސް ވަނީ އިންޑިއާގެ އަމިއްލަ މައްސަލަތަކުގެ ތެރެއަށް ރިއާނާ ފަދަ މީހުން ނުވަނުމަށް އިޝާރާތްކޮށް ޓްވީޓްކޮށްފަ އެވެ. އަދި ބީޖޭޕީގެ އޮފިޝަލުންތަކެއް ވެސް ވަނީ ރިއާނާގެ ޓްވީޓަކީ ތަންދޮރު ބަލައިނުލައި ކޮށްފައިވާ ޒިންމާދާރުކަން ކުދަ ޓްވީޓެއް ކަމަށް ބުނެފަ އެވެ.

ރިއާނާގެ ޓްވީޓަށް ތާއީދުކުރި އިންޑިއާގެ ސެލެބްރީޓިންގެ ތެރޭގައި، ދަނޑުވެރިންނާ އެއްކޮށް އަބަދުވެސް ހުރި އެކްޓަރު ދިލްޖީތު ދޮސަންޖް ހިމެނެ އެވެ. އަދި އޭނާ އާއި ކަންގަނާ އަކީ މި މައްސަލާގައި ކުރިން ވެސް ޓްވިޓާގައި ބަހުގެ ހަނގުރާމައެއްކޮށްފައިވާ ދެ މީހުންނެވެ.

ރިއާނާގެ ޓްވީޓާ އެކު އެ ހަނގުރާމަ އަލުން ވަނީ ފެށިފަ އެވެ.