Roadha Mihaaru
ވެލާގެ މިމަހުގެ ސާވިސް ޗާޖް: މީހަކަށް 62،899ރ.

މި މަހު ވެސް އެންމެ ބޮޑު ސާވިސް ޗާޖް ވެލާ އިން، މީހަކަށް 62،899ރ.

29 ޖެނުއަރީ 2021

ވެލާ ޕްރައިވެޓް އައިލެންޑުން މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4079.10 ޑޮލަރު (62،899ރ.) ދޭން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެލާ ޕްރައިވެޓް އައިލެންޑުން މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4079.10 ޑޮލަރު (62،899ރ.) ދޭން ނިންމައިފި އެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ މައުލޫމާތަކަށް ބަލާއިރު ވެލާއަކީ މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގެ ރިސޯޓަކުން އެންމެ ބޮޑު ސާވިސް ޗާޖް ބެހި ފަހަރެވެ.

ވެލާ އަކީ ކޮންމެ މަހަކު ވެސް އެންމެ ބޮޑު ސާވިސް ޗާޖް ދޭ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ. އެ ރިސޯޓުން ވަނީ ކޮވިޑް-19ގެ ސަބަބުން ރިސޯޓުތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތް އިރު ވެސް މުވައްޒަފުން ވަކި ނުކޮށް ހުރިހާ މުވައްޒަފުންނަށް ބޭސިކް މުސާރަ އާއި އެލަވަންސް ވެސް ދީފަ އެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް އިން ބުނި ގޮތުގައި މި މަހު ގިނަ ރިސޯޓުތަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޗާޖެއް ބަހައިފަ އެވެ. އެގޮތުން ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ބެހި ވަލްޑޯފް އެސްޓޯރިއާ އިތާފުށިން ކޮންމެ މުވައްޒަފަކަށް ދޭން ނިންމާފައި ވަނީ 3،370 ޑޮލަރު (51،502.8ރ.) އެވެ.

މީގެ އިތުރުން ޝެވަލް ބްލަންކް ރަންދެލި ރިސޯޓުން، ސާވިސް ޗާޖަށް 3،315 ޑޮލަރު (51،117ރ.) ދީފައިވާއިރު ވަން އެންޑް އޮންލީ އިން 3007 ޑޮލަރު (46،367ރ.) އަދި ފޯ ސީޒަންސް އިން 2،960.99 ޑޮލަރު (45،658ރ.) ވަނީ ދީފަ އެވެ.

ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ބެހުމުގައި ބަލާނީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަނެއް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ބަލާ ނަމަ މިދިޔަ މަަހުގެ 20 ވަނަ ދުވަހުގެ ފަހުން ކްރިސްމަސް އާއި އާ އަހަރާ ގުޅިގެން ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މި މަހުގެ ސާވިސް ޗާޖު އިތުރުވެފައި ވަނީ މި ސަބަބާ ހުރެ ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

އެ މީހުން ދެކޭ ގޮތުގައި ބައެއް ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރުވީ ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމުގެ ސަބަބުން މަދު މުވައްޒަފުންތަކެއް ރިސޯޓުގައި މަސައްކަތް ކުރުމުންނެވެ.