Roadha Mihaaru
ހަޒާޑްގެ އަނިޔާގެ މައްސަލަތައް ދިރާސާކުރަންޖެހޭ

ހަޒާޑްގެ އަނިޔާގެ މައްސަލަތައް ދިރާސާކުރަންޖެހޭ

05 ފެބުރުއަރީ 2021

ބްރުސެލްސް (ފެބްރުއަރީ 5) - ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް ތަކުރާރުކޮށް ދިމާވަމުން އަންނަ އަނިޔާގެ އެކި މައްސަލަތަކާ ބެހޭ ރަނގަޅު ދިރާސާއެއް ކުރަން ޖެހޭ ކަމަށް ބެލްޖިއަމް ގައުމީ ޓީމުގެ ޑޮކްޓަރު ކްރިސްޓޮފް ސާސް ބުނެފި އެވެ.

ބްރުސެލްސް (ފެބްރުއަރީ 5) - ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް ތަކުރާރުކޮށް ދިމާވަމުން އަންނަ އަނިޔާގެ އެކި މައްސަލަތަކާ ބެހޭ ރަނގަޅު ދިރާސާއެއް ކުރަން ޖެހޭ ކަމަށް ބެލްޖިއަމް ގައުމީ ޓީމުގެ ޑޮކްޓަރު ކްރިސްޓޮފް ސާސް ބުނެފި އެވެ.

ރެއާލުގައި ހަޒާޑް މިހާތަނަށް ހޭދަކުރި 18 މަސް ދުވަސްތެރޭ އޭނާ އަށް ވަނީ ތަފާތު އެކި ފަސް އަނިޔާއެއް ވެފަ އެވެ. އެންމެ ފުރަތަމަ ކުޑަހުޅުގެ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ އޮޕަރޭޝަނެއް ކުރި އެވެ. ފަހަކަށް އައިސް ގިނައިން ދިމާވަނީ ދެ ފައިގެ ފަލަމަސްގަނޑަށް ލިބޭ އަނިޔާތަކެވެ. މިދިޔަ ހަފްތާގައި ހަޒާޑްގެ ވާތު ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ހެދި އޭނާ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ރެއާލުން ވަނީ ބުނެފަ އެވެ.

ބެލްޖިއަމް ނޫހަކަށް ދިން އިންޓަވިއުއެއްގައި ސާސް ބުނީ ޗެލްސީގައި ހަޒާޑަށް އަނިޔާގެ މައްސަލަތަކެއް އެހާ ގިނައިން ދިމާނުވެ، ރެއާލުގައި ތަކުރާރުކޮށް އެކަން ކުރިމަތިވަނީ ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވޭތީ ކަމަށެވެ.

"މިއީ ބަލަން ޖެހޭ ކަމެއް. ރަނގަޅު ސްޓަޑީއެއް (ދިރާސާއެއް) ކުރަން ޖެހޭ ކަމެއް. މި ކިޔަނީ އާދައިގެ ކުޅުންތެރިއެއްގެ ވާހަކައެއް ނޫން. ދުނިޔޭގެ ވެސް ނަން މަޝްހޫރު ހުނަރުވެރި ކުޅުންތެރިއެއްގެ ވާހަކަ،" ސާސް ބުންޏެވެ.

އޭނާ ބުނީ ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ އަށް އައި މެދުކެނޑުމަށް ފަހު އަލުން މެޗުތައް ކުޅެން ޖެހިފައިވަނީ ވަރަށް ގާތްގާތުގައި ކަމަށްވާތީ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު ހަޒާޑަށް މި ދިމާވާ ގޮތް މުޅިން ތަފާތު ކަމަށް ސާސް ދެކެ އެވެ. އެއީ ކުރިން މާ ބޮޑު އިންޖަރީގެ ރެކޯޑްތަކެއް ނެތް ކުޅުންތެރިއަކަށް ކުއްލިއަކަށް ގާތްގާތުގައި ގިނަ އަނިޔާތަކެއްވާތީ އެވެ.

"ބެލްޖިއަމްގެ އެހެން ކުޅުންތެރިން ބަލަމާ. މިސާލަކަށް މާޓެންސް، ޑިބްރޭނާ ދެން ޕްރައެޓް. މި ކުޅުންތެރިން ވެސް އަނިޔާގެ މައްސަލަ ދިމާވޭ. އެކަމަކު ރިކަވާ ވެގެން އައިސް ރަނގަޅު ކުޅުން ދައްކައި ލެވަލް އެބަ ހިފަހައްޓާ. ހަޒާޑަށް މި އުޅެނީ ރެއާލަށް ބަދަލުވި ފަހުން ގާތްގާތުގައި ރަނގަޅަށް ތިން ހަތަރު މެޗެއް ނުކުޅެވިގެން،" ސާސް ބުންޏެވެ.

ސާސް ބުނީ އޭނާގެ ކަންބޮޑުވުމަކީ މި އަހަރު ބާއްވަން ނިންމާފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަޒާޑަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ.

އުމުރުން 30 އަހަރުގެ ހަޒާޑް ރެއާލަށް ސޮއިކުރީ 2019 ވަނަ އަހަރުގެ ޖުލައި މަހު 100 މިލިއަން ޔޫރޯ އަށެވެ. ރެއާލަށް ބަދަލުވި ފަހުން އެ ޓީމަށް ކުޅެދިން 35 މެޗުން ޖެހުނީ ހަތަރު ގޯލެވެ.