Roadha Mihaaru
ހަޒާޑަށް ރޮނާލްޑޯގެ މަގާމު ފޫނުބެއްދޭނެ: ވެންގާ

ހަޒާޑަށް ރޮނާލްޑޯގެ މަގާމު ފޫނުބެއްދޭނެ: ވެންގާ

11 އޮކްޓޯބަރ 2019

މެޑްރިޑް (އޮކްޓޫބަރު 11) - ރެއާލް މެޑްރިޑްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލަކީ އެޑެން ހަޒާޑް ނޫން ކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮކްޓޫބަރު 11) - ރެއާލް މެޑްރިޑްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލަކީ އެޑެން ހަޒާޑް ނޫން ކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މިދިޔަ އަހަރު ރެއާލް ދޫކޮށް ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުން އެ ޓީމަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އުމުރުން 28 އަހަރުގެ ހަޒާޑް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލަށް 112 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ބަދަލުވުމަށް ފަހު އަދި އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. ގިނަ ބަޔެއްގެ ނަޒަރުގައި ހަޒާޑަކީ ރޮނާލްޑޯ ނެތްތަނަށް ގެނައި ކުޅުންތެރިޔެއް ނަމަވެސް ވެންގާ ދެކެނީ ތަފާތު ކޮށެވެ.

"ރެއާލްގައި ހަޒާޑް މޮޅަށް ކުޅޭނެ. އެކަމަކު އޭނަ އަކީ ރޮނާލްޑޯ ނެތުމުން އެ އޮތް ހުސްކަމުގެ ޖަވާބެއް ނޫން. ހަޒާޑަށް އެ މަގާމު ފޫނުބެއްދޭނެ،" ބީންސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުންޏެވެ. "ހަޒާޑަށް އަހަރަކު 50 ގޯލެއް ނުޖެހޭނެ. އެއީ ރޮނާލްޑޯގެ ހާއްސަ ކަމަކީ."

ހަޒާޑަކީ އާދަޔާހިލާފު ކުޅުންތެރިޔެއް ކަމަށާއި އަމިއްލަ މޮޅު ކުޅުމުން މެޗުތަކުގެ ނަތީޖާ އަނބުރާލެވޭނެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.

"ހަޒާޑްގެ އެންމެ މޮޅު ކުޅުން އަދި ރެއާލްގައި ނުފެނޭ. އޭނާ އަކީ އަމިއްލަ ފެންވަރު ދައްކަން ޖެހިލުންވާނެ ކުޅުންތެރިޔެއް ނޫން. ބޮޑެތި މެޗުތަކުގައި އޭނަ ވަނީ ފެންވަރު ސާބިތުކޮށްދީފައި. ހަޒާޑްގެ އަސްލު މޮޅު ކުޅުން ރެއާލްގައި އޭނާ ދައްކާނެ،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ރެއާލުން ރޮނާލްޑޯ ނެތުމުން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދާނަމަ އިތުރު ކުޅުންތެރިން ގެންނަން ޖެހޭ ކަމަށެވެ.

"ގޯލު ޖަހާނެ އިތުރު ކުޅުންތެރިއަކު ރެއާލަށް އެބަ ބޭނުންވޭ. އެއީ ބެންޒެމާ އަށް މިހާރު 32 އަހަރު. ގޯލާ ރައްޓެހި ޒުވާން ކުޅުންތެރިން ހުރެފިނަމަ ރެއާލަށް ވަރަށް ރަނގަޅުވާނެ،" ރެއާލްގެ ކޯޗަކަށްވާން މީގެ ކުރިން ހުށަހެޅުން ލިބުނު ވެންގާ ބުންޏެވެ.