Roadha Mihaaru
ޓްރަމްޕުގެ އިމްޕީޗްމަންޓް ކުރިއަށް ގެންދަން ފާސްކޮށްފި

ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ކުރިއަށް ގެންދަން ސެނެޓުން ފާސްކޮށްފި

10 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 10) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ހިންގަން ސެނެޓުގެ އަޣުލަބިއްޔަތުން ރޭ ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 10) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ހިންގަން ސެނެޓުގެ އަޣުލަބިއްޔަތުން ރޭ ފާސްކޮށްފި އެވެ.

އެކަމަކު ޓްރަމްޕުގެ ދިފާއީ ޓީމުން ވަނީ ރައީސްކަމުން ވަކިވެވަޑައިގަތުމަށް ފަހު ސެނެޓުގައި ރައީސެއްގެ އިމްޕީޗްމަންޓް ޝަރީއަތް ނުހިންގާނެ ކަމަށް ބުނެ ވަކާލާތުކޮށްފަ އެވެ. ނަމަވެސް ސެނެޓުގެ 100 މެންބަރުންގެ ތެރޭން 56-44 އިން ވަނީ ޓްރަމްޕުގެ މައްސަލަ ކުރިއަށް ގެންދަން ފާސްކޮށްފަ އެވެ. ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ހަ މެންބަރަކު ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ޓްރަމްޕުގެ މައްސަލަ ހުށަހަޅަމުން ޑިމޮކްރެޓިކުން ވަނީ ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓަލް ހިލްގައި ހިންގި ކަންކަމުގެ ވީޑިއޯ ހެކި ދައްކައިފަ އެވެ. ދިހަ މިނިޓުގެ ވީޑިއޯ ޕްރެޒެންޓޭޝަނުގައި ވަނީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތައް ވެސް ދައްކައިފަ އެވެ.

ޓްރަމްޕުގެ ދިފާއީ ޓީމުން ބުނެފައި ވަނީ ސެނެޓުގައި އެ ޝަރީއަތް ހިންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ޑިމޮކްރެޓިކުން ކުރާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ސެނެޓުގެ ޝަރީއަތުގައި ޓްރަމްޕް ކުށްވެރިވާ ކަމަށް ފާސްކުރެވޭނީ ތިންބައިކުޅަ ދެބައި ވޯޓުންނެވެ. އެ އަދަދަށް ވޯޓު ހޯދަން ރިޕަބްލިކަން ޕާޓީގެ 17 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފްލޮރިޑާގައި މިހާރު ދިރިއުޅުއްވާ ޓްރަމްޕް ވަނީ އިމްޕީޗްމަންޓް ޝަރީއަތް އަޑު އެއްސެވުމަށް ފަހު، އެމަނިކުފާނުގެ ވަކީލުން ދެއްކެވި ވާހަކަތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެންފަ އެވެ.