Roadha Mihaaru
ޓްރަމްޕް ކުށްވެރިކުރަން ސެނެޓުން ފާހެއް ނުވި

ޓްރަމްޕް ކުށްވެރިކުރަން ސެނެޓުން ފާހެއް ނުވި

14 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 14) - ޖެނުއަރީ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓަލް ހިލްގައި ހިންގި ހަމަނުޖެހުންތަކުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޒިންމާ އުފުލަން ޖެހޭ ކަމަށް ސެނެޓުގައި ކުރިއަށް ދިޔަ އިމްޕީޗްމަންޓް ޝަރީއަތުގައި ޓްރަމްޕް ކުށްވެރި ކުރަން ސެނެޓުން ފާހެއް ނުވި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 14) - ޖެނުއަރީ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓަލް ހިލްގައި ހިންގި ހަމަނުޖެހުންތަކުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޒިންމާ އުފުލަން ޖެހޭ ކަމަށް ސެނެޓުގައި ކުރިއަށް ދިޔަ އިމްޕީޗްމަންޓް ޝަރީއަތުގައި ޓްރަމްޕް ކުށްވެރި ކުރަން ސެނެޓުން ފާހެއް ނުވި އެވެ.

އިމްޕީޗްމަންޓް ޝަރީއަތުން ކުށްވެރިވާ ކަމަށް ފާސް ކުރެވޭނީ ސެނެޓުގެ 100 މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. ނަމަވެސް ޓްރަމްޕް ކުށްވެރި ނުވާ ކަމަށް ފާސްކޮށްފައި ވަނީ 57-43 ވޯޓުންނެވެ. މިއީ ޓްރަމްޕް ކުށްވެރި ކުރަން ބޭނުންވާ 67 ވޯޓު ހޯދަން 10 ވޯޓު މަދު އަދަދެކެވެ. ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ވަނީ ކުށްވެރި ކުރަން ފެންނަ ކަމަށް ވޯޓު ދީފަ އެވެ.

ސެނެޓުގެ ވޯޓުން ސަލާމަތްވެވަޑައިގަތުމާ އެކު ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާން އިމްޕީޗްކުރަން މި ފަހަރު ހިންގާފައި ވަނީ ސަމާލުކަން ހޯދުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ 4 ވަނަ ދުވަހުގެ އެއްވުމުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ 4 ވަނަ ދުވަހުގެ އެއްވުމުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

މިއީ ޓްރަމްޕް އިމްޕީޗްކުރި ދެ ވަނަ ފަހަރެވެ. ރިޔާސީ އިންތިޚާބުގައި ޔޫކްރޭނުގެ އެހީ ހޯދަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކޮންގްރެސްގެ ދަށު ގެއިން ޓްރަމްޕް އިމްޕީޗް ކުރުމަށް ފަހު ސެނެޓުގެ ވޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ.

ސެނެޓުގެ ވޯޓުން ޓްރަމްޕް މި ފަހަރު ކުށްވެރި ކުރި ނަމަ، ރައީސްކަމަށް ދެން ވަޑައިނުގެންނެވޭ ގޮތަށް ފާސްކުރީހެވެ. އެ ގޮތަށް ފާސްކުރަން ބޭނުން ވަނީ ސެނެޓުގެ އަޣުލަބިއްޔަތު ވޯޓެވެ.

ވޯޓަށް ފަހު ކޮންގްރެސްގެ ރިޕަބްލިކަން ސީނިއާ މެންބަރު އަދި ސެނެޓުގެ މައިނޮރިޓީ ލީޑަރު މިޗް މެކޯނަލް ވިދާޅުވީ ކެޕިޓަލް އަށް ދިން ހަމަލާގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށެވެ. އެކަމަކު މެކޯނަލް ވަނީ ޓްރަމްޕް ކުށްވެރި ނުވާ ކަމަށް ވޯޓު ދެއްވައިފަ އެވެ.

މެކޯނަލް ވިދާޅުވެފައި ވަނީ ޓްރަމްޕަކީ މިހާރު ރައީސްގެ މަގާމުގައި ހުރި މީހަކަށް ނުވާތީ އެ ޝަރީއަތް ސެނެޓުގައި ހިންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. ޓްރަމްޕް ކުށްވެރި ކުރަން ވޯޓު ނުދެއްވީ އެހެންވެ ކަމަށް ވިދާޅުވި އެވެ. ޖެނުއަރީ 20 ގައި ޓްރަމްޕް މަގާމުން ވަކިވެވަޑައިގަތުމަށް ފަހު، ޝަރީއަތް ލަސްކުރުމުގައި މެކޯނަލް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ސެނެޓުގެ މައިނޯރިޓީ ލީޑަރު މިޗް މެކޯނަލް. --ފޮޓޯ:އޭއެފްޕީ

ސެނެޓުގެ މައިނޯރިޓީ ލީޑަރު މިޗް މެކޯނަލް. --ފޮޓޯ:އޭއެފްޕީ

ނަމަވެސް މެކޯނަލް ވިދާޅުވެފައި ވަނީ ޓްރަމްޕުގެ މައްސަލަ އަދިވެސް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ޓްރަމްޕަށް އަދި ސަލާމަތްވެވެން ނެތް. އަޅުގަނޑުމެންގެ ޖިނާއީ އަދުލުގެ ނިޒާމެއް އެބައޮތް. މަދަނީ މައްސަލަތަކުގައި ދައުވާ ކުރެވޭނެ. މިއިން އެއްވެސް ކަމަކުން ކުރީގެ ރައީސުންނަށް އިމްތިޔާޒު ލިބިގެނެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ވޯޓުގެ ކުރިން

ސެނެޓުގެ އިމްޕީޗްމަންޓް ޝަރީއަތުގައި ޓްރަމްޕް ކުށްވެރިވޭތޯ ބެލުމަށް ނެގި ވޯޓުގެ ކުރިން ޑިމޮކްރެޓިކް މެނޭޖަރުން ގެންދެވީ ޓްރަމްޕް ކުށްވެރި ނުވެއްޖެ ނަމަ އެއީ ނުރައްކަލެއް ކަމަށް ބުނަމުންނެވެ. އަދި އެ ބާވަތުގެ ކުށްތައް ކުރަން ރައީސުންނަށް ދެވޭނެ ހިތްވަރެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޓްރަމްޕުގެ ވަކީލުން ބުނަމުން ދިޔައީ މިއީ ޑިމޮކްރެޓިކުން ރާވައިގެން ކުރިއަށް ގެންދިޔަ، ފެށިގެން ނިމެންދެން "ދެއްކުން ގަނޑެއް" ކަމަށެވެ.

ވޯޓަށް ދިއުމުގެ ކުރިން ސެނެޓަރުން ފުރަތަމަ ވަނީ ހެކި ބަސް ނެގުމަށް ފާސްކޮށްފަ އެވެ އެ ގޮތަށް ކަންތައް ކުރި ނަމަ ފަހުގެ ވޯޓު ނެގުން އިތުރަށް ލަސްވީހެވެ. ނަމަވެސް ކުއްލި މަޝްވަރާތަކަށް ފަހު، ނިންމާފައި ވަނީ ލިޔުން ބަޔާން ދިނުމަށެވެ.