Roadha Mihaaru
އަލީ ވަހީދަށް ހުރިހާ ކޮޅަކުން ވެސް ހަމްދަރުދީ

އަލީ ވަހީދަށް ހުރިހާ ކޮޅަކުން ވެސް ހަމްދަރުދީ

11 ފެބުރުއަރީ 2021

އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ފުރުސަތު އެ ދިނީ ކޯޓުން ދޫކުރި ހުއްދައަކަށެވެ. ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ބާތިލްކުރީމާ އޭނާ ހިފެހެއްޓުމުގެ ބާރެއް ސަރުކާރު ނުވަތަ އިމިގްރޭޝަނަކަށް ނޯންނާނެ އެވެ. އެކަމަކު މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާ އާއި ގޯނާ އާއި ފުރައްސާރަ ކުރުމުގެ ދައުވާ ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އިނގިރޭސިވިލާތަށް އެ ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ ވެސް ހިމެނޭ ގޮތަށް، ޒިންމާދާރު ފަރާތްތަކުގެ ހަމްދަރުދީ ލިބިވަޑައިގެން ހުންނަވައި ނިޒާމުގެ ތެރެއިން ލުއި ހޯއްދަވައިގެންނެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ފުރުސަތު އެ ދިނީ ކޯޓުން ދޫކުރި ހުއްދައަކަށެވެ. ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ބާތިލްކުރީމާ އޭނާ ހިފެހެއްޓުމުގެ ބާރެއް ސަރުކާރު ނުވަތަ އިމިގްރޭޝަނަކަށް ނޯންނާނެ އެވެ. އެކަމަކު މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާ އާއި ގޯނާ އާއި ފުރައްސާރަ ކުރުމުގެ ދައުވާ ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އިނގިރޭސިވިލާތަށް އެ ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ ވެސް ހިމެނޭ ގޮތަށް، ޒިންމާދާރު ފަރާތްތަކުގެ ހަމްދަރުދީ ލިބިވަޑައިގެން ހުންނަވައި ނިޒާމުގެ ތެރެއިން ލުއި ހޯއްދަވައިގެންނެވެ.

އަލީ ވަހީދު ގޯނާ ކުރި ކަމަށް އޭނާގެ 13 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބުނެފަ އެވެ. އެ ޝަކުވާތައް ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން ފިޔަވަޅު އެޅުއްވީ ވަގުތުންނެވެ. އިސްތިއުފާ ދެއްވަން އަލީ ވަހީދަށް އެންގެވި އެވެ. އަމަލު ނުކުރެއްވުމުން ވަކިކުރެއްވިީ ނުހަނު ބާރުމިނުގަ އެވެ.

އެއީ އޭރު ރައީސް އެ މައްސަލަ ނެންގެވި ގޮތެވެ. އޭގެ ހަތަރު މަސް ފަހުން އެ މަނިކުފާނު އަލީ ވަހީދާ މެދު އިއްވެވީ ތައުރީފާއި ހެޔޮއެދުމުގެ ބަސްތަކެވެ. ދެއްވީ އަލީ ވަހީދު ބޭނުން ގޮތަކަށް ސިޔާސީ ގޮތުން ކުރިއަށް ދާން ފުރުސަތު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ.

މިހާ ބޮޑެތި، ލަދުވެތި ތުހުމަތުތަކެއް ކުރެވޭ ސިޔާސީ ބޭފުޅަކަށް މަދަދުވެރިވުމުގެ ވައުދެއް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަތުމަކީ ސީރިއަސް މައްސަލައެކެވެ. ބަލައިނުގަނެވޭނެ ކަމެކެވެ.

"އަޅުގަނޑު އަބަދުވެސް އަލީ ވަހީދަށް ރަނގަޅު ގޮތްތައް އެދެން. އަލީ ވަހީދަކީ ސިޔާސީ މުސްތަގުބަލެއް އޮތް، ހަމަ ކުޅަދާނަ ޕޮލިޓީޝަނެއް. އެހެންވީމާ އަލީ ވަހީދުގެ މުސްތަގުބަލު އަލީ ވަހީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް އެއީ އަޅުގަނޑުމެން އެންމެން ވެސް ހަމަ، ކުރާނެ ކަމެއް،" މިދިޔަ ޖުމްހޫރީ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވެފައިވެ އެވެ.

ޖިންސީ އަނިޔާ އާއި ގޯނާ އާއި ފުރައްސާރައަކީ ސަރުކާރުން ކިހާ ސީރިއަސްކޮށް ނަގާ ކުށްތަކެއްތޯ ސުވާލު އުފައްދަން، ރައީސްގެ އެ ވާހަކަފުޅުން، ޖާގަ ލިބެ އެވެ. ވަޒީރު ގޯނާކުރި ކަމަށް ރައީސަށް ކިޔައިދިން މުވައްޒަފުންނަށާއި ކޮންމެ ދުވަހަކު ޖިންސީ އަނިޔާ އާއި ފުރައްސާރަ ކުރިމަތިވަމުންދާ ދިވެހި އެތަކެއް އަންހެނުންނަށް އެ ވާހަކަފުޅުން ކުރާނީ ކޮން ކަހަލަ އަސަރެއްތޯ ވިސްނާލަން ޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާއަކަށް ވަޑައިގަތުމުން އަލީ ވަހީދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާއަކަށް ވަޑައިގަތުމުން އަލީ ވަހީދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބެހޭ ގޮތުން އަލީ ވަހީދު ހުތުރު، ފުރައްސާރައިގެ ވާހަކަތަކެއް ދެއްކުމުގެ ތުހުމަތު ވެސް އޮއްވާ ފެންމަތިވި މުވައްޒަފުންގެ މައްސަލައިގައި އޭނާ މަގާމުން ވަކިކުރެއްވީ، ނޮވެމްބަރު 11ގައި ރައީސް ވިދާޅުވި ގޮތުން ނަމަ، "އެ ވަގުތު އަޅުގަނޑު ކުރަން ޖެހޭ ކަމެއް ކަމަށް" ގަބޫލުފުޅުކުރެއްވިގެންނެވެ. އެ މަނިކުފާނު ވިދާޅުވީ "އެހެން ނޫން ނަމަ އޭގެ ފަހުން އަންނާނެ، ކުރިމަތިވާނެ މައްސަލަތައް މާ ބޮޑު ކަމަށް އަޅުގަނޑަށް ފެނުނީ" ކަމަށެވެ.

ނިޒާމުގެ ތެރެއިން އަލީ ވަހީދުގެ މައްސަލަ ކުރިއަށް ދާނެ ކަމަށް އެ ދުވަހު ރައީސް ވިދާޅުވި ފަދައިން، ފުލުހުން ތަހުގީގު ނިންމައި ޕްރޮސެކިއުޓަ ޖެނެރަލް ވަނީ ދައުވާ އުފުލައިފަ އެވެ. އެކަމަކު އެ ވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މާ ހަރުކަށި ދައުވާތަކަކަށެވެ. އެ ކަމާ ކަންބޮޑުވެ "އަޖައިބު" ވެވަޑައިގެން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވާހަކަފުޅުދެއްކެވި އެވެ.

ޖިންސީ އަނިޔާ ކުރުމާއި ގޯނާ ކުރުމާއި ރޭޕްކުރަން އުޅުން ހިމެނޭ ގޮތަށް އަލީ ވަހީދުގެ މައްޗަށް ކުރި ހަތް ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފެށި އެވެ. އަލީ ވަހީދު ދައުވާތަކަށް އިންކާރުކުރެއްވުމުން ދައުލަތުން ހެކި ހުށަހެޅި އެވެ. ދިފާއުގައި ހެކި ހުށަހަޅަން ކޯޓުން އަލީ ވަހީދަށް ފުރުސަތުދިނެވެ. އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ކުރިންސުރެ ނެރެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ.

މިހާ ހިސާބަށް މައްސަލަ ގެނައި ގޮތާ މެދު އިތުބާރު އޮތެވެ. އެކަމަކު ދެން ކަން ހިނގައިގެން މި ދިޔަ ގޮތުން ޖެހޭ ސުވާލު މާކު ވަރަށް ބޮޑެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު އަންގާރަދުވަހު ބާތިލްކުރެއްވުމާ އެކު ވަގުތުން އޭނާ އެ ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު ސިއްހީ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ޖެހޭތޯ ބަލަން ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނާގެ ވާހަކަ އަޑުއެހި އެވެ. ކޯޓުން ބުނެފައިވާ ގޮތުގައި އަމުރު ނެރުނީ އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ދައުލަތުން އިއުތިރާޒުކޮށްފައި ނުވާތީ އާއި އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވެސް ވާތީ އެވެ.

އެކަމަކު ޕީޖީ އޮފީހުން ބުނާގޮތުގައި ފުރުމުގެ ހުއްދަ ދޭން ދައުލަތުން ފުރަތަމަ ވާނީ އިއުތިރާޒުކޮށްފަ އެވެ. ފުރުމުގެ ހުއްދަ ދީފި ނަމަ އަލީ ވަހީދު ފިލައިގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ބުނެފައިވާ ކަން ކޯޓު އަމުރުން އެނގެ އެވެ. ޑޮކްޓަރު ދެއްކެވި ވާހަކަ އަށް ފަހު ވެސް، ޕާސްޕޯޓު ދޫކޮށްލަން އެއްބަސް ނުވެ، ދައުލަތުން އެދުނީ ކުރު މުއްދަތެއްގެ ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރަން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އެ ގޮތަށް އެއްބަސްވި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނަނީ ރާއްޖޭގައި އޮޕަރޭޝަން ކޮށްފި ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރު ވިދާޅުވި ވިދާޅުވުމެވެ.

ސިޔާސީ މީހުންނާއި ބޮޑުންނަށް މޮޅު ގޮތް ވުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އެއީ މި މައްސަލައިގައި އާއްމުން ތަހައްމަލްކުރަމުންދާ ނުރުހުމުގެ އަސްލެވެ. އާދައިގެ މީހުންނަށް ނުލިބޭ އޯގާ އާއި ހަމްދަރުދީ، ޖިނާއީ އަދުލުގެ ނިޒާމުގައި ވެސް، ސިޔާސީ މީހުންނަށް އެބަ ލިބެ އެވެ. ސިއްހީ ހާލު ގޯސް ކަމުން އެފަދަ ބައެއް މީހުންނަށް ބޮޑެތި ލުއިތައް ލިބެނީ ނިކަން ފަސޭހަ އިންނެވެ. ސަރުކާރުން ބޭނުންވީމާ ބޮޑެތި ޖަލު ހުކުމް ގޭ ބަންދަށް ބަދަލުކޮށްލެވެ އެވެ. ޖިންސީ ކުށްތަކުގެ އެތައް ދައުވާއެއް ހިނގަނިކޮށް ކޯޓު އަމުރުން ހުއްދަ ލިބި، ފުރައިގެން އިނގިރޭސިވިލާތަށް ވެސް އެ ދެވުނީ އެވެ.

އަލީ ވަހީދު އެނބުރި ވަޑައިގަންނަވާނެތޯ އާއި ވަޑައިނުގެންފި ނަމަ ގެންނަން ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ކުރާނީ ނުވަތަ ކުރެވޭނީ ކޮން ކަމެއްތޯ އެއީ އަދި ނޭނގޭ ކަންކަމެވެ. އެނގެނީ މިއީ ވެސް، ހަމަހަމަކަމާ އެކު ގާނޫނު ހިންގައި އަނިޔާ ލިބޭ މީހުންގެ ހައްގުތަކާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމުގެ ޒިންމާއާ ހަވާލުވެ ތިބި މީހުންނާ މެދު އާއްމުންގެ އިތުބާރު ގެއްލިގެންދިޔަ މައްސަލައެއް ކަމެވެ.