Roadha Mihaaru
ކައިވެންޏަށްފަހު "ޓައިގާ 3" ނިންމަން ކެޓްރީނާ ދަނީ

ކައިވެންޏަށް ފަހު "ޓައިގާ 3" ނިންމަން ކެޓްރީނާ އަންނަ މަހު ދިއްލީ އަށް

19 ޑިސެމްބަރ 2021

ބޮލީވުޑްގެ ބަތަލާ ކެޓްރީކާ ކައިފް، ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނާ އެކު ކުޅެން ފަށާފައި އޮތް ފިލްމު "ޓައިގާ 3" ގެ ޝޫޓިންގެ ފަހު ޝެޑިއުލްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ކެޓްރީކާ ކައިފް، ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނާ އެކު ކުޅެން ފަށާފައި އޮތް ފިލްމު "ޓައިގާ 3" ގެ ޝޫޓިންގެ ފަހު ޝެޑިއުލްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށާ ގޮތަށް ނިންމައިފި އެވެ.

މިކަން ވާނީ އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރި ފަހުން ކެޓްރީނާ ފިލްމެއްގެ ޝޫޓިން އަށް ނުކުންނަ ފުރަތަމަ ފަހަރަށެވެ. "ޓައިގާ 3" ގެ ފަހު ޝެޑިއުލް އަންނަ މަހުގެ މެދު ތެރޭގައި ދިއްލީގައި ކުރިއަށް ގެންދަން މިހާރު ހުރިހާ ތައްޔާރީތަކެއް ވެފައިވާ އިރު، އެއީ 15 ދުވަހުގެ މަސައްކަތެވެ.

އެއާ އެކު ފިލްމުގެ ޝޫޓިން އެއްކޮށް ނިމުމަކަށް އަންނާނެ އެވެ.

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޓައިގާ 3" ގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެގޮތުން މުމްބާއީގައި މަންޒަރުތަކެއް ނެގުމަށް ފަހު މި އަހަރުގެ ޖުލައި އިން ސެޕްޓެމްބަރާ ހަމައަށް ބޭރުގެ ތިން ގައުމެއްގައި ވެސް ޝޫޓްކޮށްފައިވެ އެވެ. އެއީ ރަޝިއާ އާއި ތުރުކީގެ އިތުރުން އޮސްޓްރިއާގަ އެވެ. މީޑިއާތަކުން ބުނީ ދިއްލީގައި ކުރިއަށް ގެންދާ 15 ދުވަހުގެ ޝޫޓިން ޝެޑިއުލްގެ ތެރޭގައި ގިނައިން ހުރީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ކަމަށެވެ.

އެހެންވެ "ޓައިގާ 3" ގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ވަރުގަދަ ސެކިއުރިޓީއާ ވެސް އެކީގަ އެވެ.

ސަލްމާނާއި ކެޓްރީނާގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޑައިރެކްޓަރަކީ "ފޭން" އާއި "ބޭންޑް ބާޖާ ބާރާތު" ގެނެސްދިން މަނީޝް ޝަރުމާ އެވެ. "ޓައިގާ 3" އަކީ އޭނާއާ އެކީ ސަލްމާނާއި ކެޓްރީނާ ވެސް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. މި ފަހަރު ފިލްމުގެ ވިލަން އަކީ އިމްރާން ހާޝިމީ އެވެ.

"ޓައިގާ" ގެ ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ކަބީރް ޚާން 2012 ގައި ގެނެސްދިން "އޭކް ތަ ޓައިގާ" އެވެ. ދެވަނަ ބަޔަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރި 2017 ގެ "ޓައިގާ ޒިންދާ ހޭ" އެވެ.

ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އެވެ. އަންނަ އަހަރުގެ ޖުލައި 15 ގައި އޭނަގެ "ފޯންބޫތު" ސިނަމާތަކަށް ގެންނާނެ އެވެ.