Roadha Mihaaru
ރޫހީ: ބިރާއި މަޖަލުގެ ފިލްމެއް

ރޫހީ: ބިރާއި މަޖަލުގެ ފިލްމެއް

17 ފެބުރުއަރީ 2021

ހިންދީ ސިނަމާ އަށް މި އަހަރު އަންނާނެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "ރޫހީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާ އަށް މި އަހަރު އަންނާނެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "ރޫހީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ހާޑިކް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ އިތުރުން ވަރުން ޝަރުމާ މައިގަނޑު ރޯލުތަކުން ފެންނާނެ ފިލްމެކެވެ. "ރޫހީ" ގައި ޖާންވީ ފެންނާނީ ޑަބަލް ރޯލަކުންނެވެ. މީގައި ކިޔައިދޭނީ އަންހެން ޖިންނިއަކާ ހެދި ކައިވެނިކުރާ ފިރިހެނުން ހަމީނީމޫންތަކުގައި ގެއްލުމުން ދިމާވާ ބިރުވެރި މަޖާ ހާދިސާތަކެވެ.

"ރޫހީ" އަކީ ބެލުންތެރިން ބިރުގަންނުވާލައި އަދި ހެއްވާލާނެ ފިލްމެއްކަން ޓްރެއިލާ އިން އެނގެ އެވެ.

މި ފިލްމަކީ މި ފަހުން ބޮލީވުޑްގައި ހޮރޯ-ކޮމެޑީ ޖޯންރާގެ މަގުބޫލުކަން ބޮޑުކުރުވި ފިލްމު 2018 ގެ "އިސްތިރީ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނާނެ ފިލްމެކެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކުރި "އިސްތިރީ" އަކީ "ރޫހީ" ގެ ވެސް އެކްޓަރު ރާޖް އާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅުނު ފިލްމެކެވެ. އަދި އެ ފިލްމަކީ ބޮކްސް އޮފީހުގައި ހައިރާންކުރުވަނިވި އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ.

އެންމެ 20 ކްރޯޑް ރުޕީސް (2.7 މިލިއަން ޑޮލަރު) އިން ހެދި "އިސްތިރީ" އަށް 180.76 ކްރޯޑް ރުޕީސް (24.9 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ. އޭގެ ބޮޑު ކާމިޔާބީއާ ގުޅިގެން ދެވަނަ ބައެއް ވެސް ގެނެސްދޭން އޮތީ ނިންމައިފަ އެވެ.

އެކަމަކު އޭގެ ކުރިން "ރޫހީ" އަކީ ހަމަ ކޮންމެހެން ބަލާލަން ޖެހޭ ކަހަލަ ފިލްމަކަށް ވާނެ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ އާއި ސީމާ ޕަހްވާ އާއި އާމްނާ ޝަރީފް (ކަޝިޝް) އަދި ރޯނިތު ރޯއި ހިމެނެ އެވެ.

"ރޫހީ" އަކީ 2018 ގެ "ދަޅަކް" އަށް ފަހު ސިނަމާތަކަށް އަންނަ ޖާންވީގެ ދެވަނަ ފިލްމެވެ. މިދިޔަ އަހަރު އޭނާގެ "ގުންޖަން ސަކްސޭނޭ: ދަ ކަރްގިލް ގާލް" އާއި އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" ގެނެސްދިނީ ނެޓްފްލިކްސްއިންނެވެ.