Roadha Mihaaru
ރުބީނާ އާއި އަބިނާވް ޑެސްޓިނޭޝަން ވެޑިންއަކަށް

ރުބީނާ އާއި އަބިނާވް ޑެސްޓިނޭޝަން ވެޑިންއަކަށް

23 ފެބުރުއަރީ 2021

ކަލާޒް ޗެނެލްގެ "ބިގް ބޮސް 14" ވަނަ ސީޒަން ކާމިޔާބުކޮށް އެ ޝޯގެ ސަބަބުން ފިރިމީހާ އަބިނާވް ޝުލްކާއާ ދެ މީހުންގެ ކައިވެނި ވެސް ސަލާމަތްވެފައިވާތީ އެކަމުގެ އުފުލަގައި ކައިވެނި އާކުރަން ޑެސްޓިނޭޝަން ވެޑިންއަކަށް ދާނެ ކަމަށް ރުބީނާ ދިލައިކް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލްގެ "ބިގް ބޮސް 14" ވަނަ ސީޒަން ކާމިޔާބުކޮށް އެ ޝޯގެ ސަބަބުން ފިރިމީހާ އަބިނާވް ޝުލްކާއާ ދެ މީހުންގެ ކައިވެނި ވެސް ސަލާމަތްވެފައިވާތީ އެކަމުގެ އުފުލަގައި ކައިވެނި އާކުރަން ޑެސްޓިނޭޝަން ވެޑިންއަކަށް ދާނެ ކަމަށް ރުބީނާ ދިލައިކް ބުނެފި އެވެ.

ރުބީނާ އާއި އަބިނާވް ޝޯގައި ވާދަކުރަން ނިންމީ ދެ ތަރިންގެ ކައިވެނި ވަރިއާ ހިސާބުގައިި އޮއްވަ އެވެ. އަބިނާވް ޝޯ އިން ކަޓައިގެން ދިއުމުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވެސް ބުނީ "ބިގް ބޮސް" އަށް ނުދިޔަ ނަމަ އެ މީހުންގެ ކައިވެނި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރޫޅުނީސް ކަމަށެވެ. އެކަމަކު ޝޯގައި ބައިވެރިބާން ނިންމީ ކައިވެނި ސަލާމަތްކުރެވޭތޯ ދެވަނަ ފުރުސަތެއް ދޭން ދެ މީހުން އެއްބަސްވެގެން ކަމަށް އޭނާ ބުންޏެވެ.

އާދީއްތަ ދުވަހުގެ ރޭ ރުބީނާ "ބިގް ބޮސް 14" ކާމިޔާބުކޮށް ޝޯ ނިންމާލުމާ އެކު ޓައިމްސް އޮފް އިންޑިއާ އަށް ބުނީ އަބިނާވް އާއި އޭނާގެ ގުޅުން ޝޯގެ ތެރެއިން ވަރަށް ބޮޑަށް ބަދަހިވެގެން ހިނގައްޖެ ކަމަށެވެ.

"އޭނާ އަބަދުވެސް ވަރަށް ސަޕޯޓިވް. އަހަންނަށް ޝޯ ކާމިޔާބުވުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑު. އަހަންނަށް ޝޯ ކާމިޔާބުކުރަން ބޮޑު ހިތްވަރެއް ލާން ފުރުސަތު ލިބުނީ ވެސް އަބިނާވް ދިން ސަޕޯޓްގެ ސަބަބުން،" ރުބީނާ ބުންޏެވެ. "އަހަރެން ޝޯ ކާމިޔާބުކުރީމަ އެންމެ އުފާވި އެކަކަކީ ވެސް އެއީ. އެކަހަލަ ސަޕޯޓިވް ފިރިޔަކު ހުރިއްޔާ ކޮންމެ އަންހެނަކަށް ވެސް ކުރިއަށް ދާން ވަރަށް ފަސޭހަވާނެ. އަހަރެން ފަހުރުވެރި އަބިނާވާ ދޭތެރޭ. އަދި އޭނާ ދެކެ މިހާރު މާ ބޮޑަށް ވެސް ލޯބިވޭ."

އޭނާ ބުނީ ކޮންމެ ކައިވެންޏެއްގައި ވެސް މައްސަލަތަކެއް ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މުހިއްމީ އެކަންކަން ހައްލުކުރަން ދެ މީހުން މަސައްކަތްކުރާ ގޮތް. ޔަގީނުން ވެސް ބިގް ބޮސް ޝޯ އަކީ އަހަރެމެންގެ ދޭތެރޭ ހުރި މައްސަލަތައް ހައްލުކުރަން މަގުފަހިކޮށްދިން ޕްލެޓްފޯމެއް." ޓީވީ ބަތަލާ ބުންޏެވެ.

ކައިވެނި އާކުރުމުގެ ވާހަކަ މިޑިއާތަކާ ހިއްސާކުރުމުގެ ކުރިން މި މަހުގެ 14 ގައި ފާހަގަކުރި ވެލަންޓައިންސް ޑޭއާ ދިމާކޮށް އަބިނާވް ޝޯ އަށް ގޮސް ރުބީނާ އެކު ރޮމޭންޓިކް ޑޭޓެއްގައި ވެސް ބައިވެރިވެ އެވެ، އެ ޑޭޓްގައި ކެރީބިއަންގައި ހުދު ހެދުމާ އެކު ކައިވެނި އާކުރަން ބޭނުންވާ ވާހަކަ ވެސް ރުބީނާ ބުންޏެވެ.

"ދެން އަހަރެން ބޭނުން ވަނީ އެކަން ކުރަން. ހަމަ ޔަގީނުން ވެސް އަހަރެމެން ކައިވެނީގެ ދެވަނަ ހަފުލާއެއް ބާއްވާނަން." ބިގް ބޮސް ކާމިޔާބުކުރުމުން 36 ލައްކަ ރުޕީސް އިނާމަކަށް ލިބުނު ރުބީނާ ބުންޏެވެ.

އަބިނާވާއި ރުބީނާ 2018 ގައި ކައިވެނިކުރީ އަށް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު އެވެ.