Roadha Mihaaru
ޖޭސްމިން އާއި އަލީ ކައިވެނިކުރަނީ

ޖޭސްމިން ބަސީނާއި އަލީ ގޯނީ ކައިވެނިކުރަނީ

22 އެޕްރީލް 2021

ޖޭސްމިން ބާސީންއާ ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމަކު އަދި ވަކި ތާރީހެއް ނުނިންމާ ކަމަށް ޓީވީ އެކްޓަރު އަލީ ގޯނީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޭސްމިން ބާސީންއާ ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމަކު އަދި ވަކި ތާރީހެއް ނުނިންމާ ކަމަށް ޓީވީ އެކްޓަރު އަލީ ގޯނީ ބުނެފި އެވެ.

ދެ ތަރިން އެކީގައި ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގައި ވެސް ވާދަކުރި އެވެ. އަލީ، 30، އާއި ޖޭސްމިން، 30، ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށްދިނީ ވެސް އެ ޝޯގެ ތެރޭގަ އެވެ. އެކަމަކު އެ ޝޯގެ ކުރިން ވެސް އަލީ އާއި ޖޭސްމިންއާ ދެމެދު ހާއްސަ ގުޅުމެއް އޮވެ އެވެ. އެ ގުޅުން އެންމެ ބޮޑަށް ބަދަހިވީ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަންގެ ތެރޭގަ އެވެ.

"ބިގް ބޮސް" ގެ ތެރޭގައި ޝޯގެ ދެ ބައިވެރިޔަކު އަލީ އަށް ހިތްކިޔައިގެން ވެސް އުޅުނެވެ. އެކަމަކު އޭނާ އެއިން އެއްވެސް ކަމެއް ސީރިއަސްކޮށް ނުނަގަ އެވެ. ނިކީ ތަމްބޯލީ އާއި ސޮނާލީ ޕޯގާޓް އަކީ އަލީ ވަރަށް ކަމުގޮސްގެން އޭނާގެ ހިތްއަތުލެވޭތޯ ވަރަށް މަސައްކަތްކުރި ދެ ބައިވެރިންނެވެ. ސޮނާލީ އަކީ އަލީ އަށް ވުރެ 11 އަހަރު ދޮށި އަދި ދަރިއަކު ލިބިފައި ވަނިކޮށް ހުވަފަތްވެފައިވާ މީހެކެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި، ކަޝްމީރަށް އުފަން އަލީ ބުނީ ޖޭސްމިންއާ ދިމާވުމާއެކީ ވެސް އެއީ އޭނާގެ ހަޔާތަށް އަންނާނެ ބައިވެރިޔާކަން ކަށަވަރުވި ކަމަށެވެ. އަދި އެ ދެ މީހުންގެ ގުޅުން އެކުވެރިކަމުން ލޯތްބަށް ބަދަލުވި އިރު، ޖޭސްމިން ވެސް އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށް އަލީ ބުންޏެވެ.

"އަހަރެން ކުރިން ވެސް ހިތަށް އެރި ކައިވެނިކުރާ ނަމަ އަހަރެން އިންނާނެ މީހަކަށްވާނީ ހަމަ ޖޭސްމިންއޭ. ނަސީބުދިމާކުރި ގޮތުން އެކަން ވާނީ ވެސް ހަމަ އެހެން،" އޭނާ ބުންޏެވެ. "ކައިވެންޏަށް އަހަރެމެން އެބަ ތައްޔާރުވަން. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަން."

ޖޭސްމިން މި ވަގުތު ހުރީ ކަޝްމީރުގައި އަލީގެ އާއިލާއާ އެކީގަ އެވެ. އަދި ރޯދަ މަހުގެ ދުވަސްތައް ޖޭސްމިންއާ އެކު ކުރިއަށް ދަނީ ވަރަށް އުފާވެރިކޮށް ކަމަށް އަލީ ބުންޏެވެ. ޖޭސްމިން އަކީ އިންޑިއާގެ ކޯޓާ އަށް އުފަން ބަތަލާއެކެވެ.

އަލީގެ އާއިލާއާ އެކު ޖޭސްމިން (ކ).

"ކުރިން ވެސް އަހަރެމެންނާ އެކު ޖޭސްމިން ރޯދަ މަސް ހޭދަކުރި. މި ފަހަރު ވެސް ހަމަ އެގޮތަށް މި ދަނީ. ވަރަށް އުފާވެރި ދުވަސްކޮޅެއް މިއީ. ހާއްސަކޮށް އެންމެން އެކީގައި ރޯދަ ވީއްލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް." އޭނާ ބުންޏެވެ.

އަލީ އާއި ޖޭސްމިން އަކީ ވެސް އަރަމުން އަންނަ ދެ ޓީވީ ތަރިންނެވެ. ދެ ތަރިން ވެސް މިހާތަނަށް އެކިއެކި ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އަދި "ބިގް ބޮސް 14" ނިމުނު ފަހުން އެކީގައި ވީޑިއޯ ލަވައެއް ވެސް ކުޅެފައިވެ އެވެ.