Roadha Mihaaru
ރިތިކް ކުޅެން އުޅުނު ވެބް ސީރީޒުން ވަކިވީ؟

ރިތިކް ރޯޝަން ކުޅެން އުޅުނު ވެބް ސީރީޒުން ވަކިވީ؟

24 ފެބުރުއަރީ 2021

ބޮލީވުޑްގެ އެކްޓަރު ރިތިކް ސޮއިކުރި ފުރަތަމަ ވެބް ސީރީޒުން އޭނާ ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ރިތިކް ސޮއިކުރި ފުރަތަމަ ވެބް ސީރީޒުން އޭނާ ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަންނަ މަހު އޭގެ ޝޫޓިން ފަށަން އޮއްވައި ރިތިކް ސީރީޒުން ވަކިވީ އޭގެ މަސައްކަތް ވަރަށް ދިގުލައިގެންދާ ގޮތަށް ކުރަން ޖެހުމާއި މަސައްކަތް ރޭވިފައިވާ ގޮތުން އޭނާ އަށް އެހެން ޕްރޮޖެކްޓްތަކަށް ވަގުތު ދޭން ދަތިވާނެތީ ކަމަށެވެ.

ރިތިކް ސޮއިކުރި ވެބް ސީރީޒަކީ "ބީބީސީ ވަން" އިން 2016 ގައި ގެނެސްދިން ކާމިޔާބު ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ އިންޑިއާގެ ވާޝަނެވެ. ހިންދީ އޯޑިއަންސަށް މި ގެނެސްދޭން ނިންމި ޕްރޮޑިއުސަރުންގެ ތެރޭގައި ރިތިކާ އެކު ފިލްމުތަކެއް ކުޅުނު ބަތަލާ ޕްރިތީ ޒިންތާ ވެސް ހިމެނެ އެވެ.

ރިތިކާއި ޕްރިތީ އަކީ "މިޝަން ކަޝްމީރު" އާއި "ކޮއި...މިލް ގަޔާ" އަދި "ލަކްޝް" ގައި އެކީގައި މަސައްކަތްކޮށްފައިވާ ދެ ތަރިންނެވެ

ރިޕޯޓްތައް ބުނާގޮތުން ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދާ "ދަ ނައިޓް މެނޭޖާ" އަށް ރިތިކް ސޮއިކުރީ 75 ކްރޯޑް ރުޕީސްއަށެވެ.

މިއިން ރިތިކް ވަކިވި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މި ސީރީޒާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި ހާމަކޮށްފައި ނުވާތީ އެއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އަދި ކަށަވަރެއް ނުވެ އެވެ.

ސޫޒަން ބިއާ ޑައިރެކްޓްކުރި "ދަ ނައިޓް މެނޭޖާ" އަކީ ޓޮމް ހިޑެލްސްޓަނާއި އޮލީވިއާ ކޮލްމަން އެލިޒަބަތު ޑެބީކީ ފަދަ ތަރިން ފެނިގެން ދިޔަ ހަ އެޕިސޯޑްގެ ސީރީޒެކެވެ.

ދެހާސް ނަވާރައިގައި ރިލީޒްކުރި "ސުޕަ 30" އާއި "ވޯ" އަށް ފަހު މިހާރު ރިތިކް ކުޅެން ރަސްމީކޮށް ސޮއިކޮށްފައި އޮތް ހަމައެކަނި ފިލްމަކީ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "ފައިޓާ" އެވެ. ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލު ކުޅޭ ފިލްމުގެ ޝޫޓިން ފަށަން އޮތީ މި އަހަރުގެ ފަހުކޮޅު އެވެ.

"ފައިޓާ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގަ އެވެ.