Roadha Mihaaru
ހާމިދާ އެކު ޕޮލިސް ބޯޑަށް ކުރިމަތިލެއްވީ ފަސް ބޭފުޅެއް

ޕޮލިސް ބޯޑަށް ކުރިމަތިލެއްވީ ހާމިދު އަބްދުލް ޣަފޫރާ އެކު ފަސް ބޭފުޅެއް

23 ފެބުރުއަރީ 2021

އަލަށް އަމަލުކުރަން ފެށި "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު"ގެ ދަށުން އުފައްދާ ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ތިއްބަވާ މެމްބަރުންގެ މަގާމަށް އައްޔަން ކުރަން އެމްޑީިޕީގެ ބައިނަލްއަގުވާމީ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހިމެނޭ ގޮތުން ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާއްމުންގެ ތެރެއިން ޕޮލިސް ބޯޑުގައި ތިއްބަވާ ދެ މެމްބަރުން އައްޔަންކުރުމުގެ ބާރު ގާނޫނުން ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން މަޖިލީހުން އާއްމުކޮށް ހުޅުވައިލި އެވެ.

ޕޮލިސް ބޯޑަށް ކުރިމަތިލި ބޭފުޅުން

1- ލަބީގް މުހައްމަދު މާހިދު. މ. މަނަދޫ ވިއު

2- ޒުބައިރު އަހުމަދު މަނިކު. ގ.މަލްވިނަ

3- ޒީނަތު އަލީ . ދަފްތަރު. 2616

4- އަލީ މުހައްމަދު މަނިކު. ދަފްތަރު.1851

5- ހާމިދު އަބްދުލް ޣަފޫރު. ހ. ޝޭޑީ ކޯނަރު

ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ތިއްބަވާ ދެ މެމްބަރުންގެ މަގާމަށް ކުރިމަތިލާން މަޖިލީހުން ހުޅުވައިލީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. މަޖިލީހުގައި އެ ދުވަހު އޮތް ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބޯޑަށް މެމްބަރުން ހޯދަން އިއުލާނު ކުރެވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އެކަމަށް އިއުލާނުކުރި ދުވަހަކީ އިއްތިފާގުން، ފެބްރުއަރީ 8 އަށް ވުމުން އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު އެ ދުވަހު އިޝާރާތްކުރެއްވީ އެ މަނިކުފާނުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ސިފައިންނާއި ފުލުހުންނާއި އާންމުންގެ މެދުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ނިމުމަކަށް އައުމަށް ފަހު ޖެހިގެން އައި ދުވަހު އެމްޑީޕީން ކުރި މުޒާހަރާއަށެވެ. ބަޣާވާތަކުން ވެރިކަން ވައްޓާލިކަމަށް ބުނެ މުޒާހަރާއަށް ނުކުތުމާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަނުޖެހުން ހިނގައި ތަންތަނުގައި ރޯކޮށް ބޮޑެތި ގެއްލުންތަން ދިން އިރު އެމްޑީޕީގެ މެންބަރުންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އެ ދުވަހު ދިނެވެ.