Roadha Mihaaru
ސްޓެލްކޯގެ ފްލެޓްތަކާ މެދު ނަޝީދު ސުވާލު އުފައްދަވައިފި

ސްޓެލްކޯގެ ފްލެޓްތަކާ މެދު ނަޝީދު ސުވާލު އުފައްދަވައިފި

09 މާޗް 2021

ސްޓެލްކޯއިން ހުޅުމާލޭގައި އަޅައި ނިމިފައި ހުރި ފްލެޓްތައް ކުރިއަށް ދޭތޯ ބައްލަވަން އިއްޔެ ހުޅުމާލެ އަށް ވަޑައިގެންނެވި ކަމަށާއި އެކަމަކު އެ ފްލެޓްތައް ނިންމުމުގެ މަސައްކަތް ކުރިއަށް ދާ ތަން ފެނިވަޑައިނުގަންނަވާތީ، އެކަން ކުރިއަށްދޭތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތަކުރާރުކޮށް ސުވާލުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސްޓެލްކޯއިން ހުޅުމާލޭގައި އަޅައި ނިމިފައި ހުރި ފްލެޓްތައް ކުރިއަށް ދޭތޯ ބައްލަވަން އިއްޔެ ހުޅުމާލެ އަށް ވަޑައިގެންނެވި ކަމަށާއި އެކަމަކު އެ ފްލެޓްތައް ނިންމުމުގެ މަސައްކަތް ކުރިއަށް ދާ ތަން ފެނިވަޑައިނުގަންނަވާތީ، އެކަން ކުރިއަށްދޭތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތަކުރާރުކޮށް ސުވާލުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގައި ސަރުކާރުގެ ކުންފުނިތަކުން އަޅަން ފެށި ފްލެޓް އިމާރާތްތަކުގެ ތެެރެއިން ސްޓެލްކޯއިން އެޅި ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައެޅި ގޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި އެވެ. ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު އެ ރިޕޯޓް ތަޅުމަށް އިއްވަވައި ނިންމެވުމާ އެކު ނަޝީދު އެތައް ސުވާލެއް ކުރެއްވި އެވެ. ފުރަތަމަ ސުވާލުކުރެއްވީ މަަސައްކަތް ހިނގަަމުންދާކަން ނުވަތަ ނޫންކަން ކޮމިޓީ އަށް ފާހަގަވިތޯ އެވެ.

އިލްޔާސް ވިދާޅުވީ އެ މަސައްކަތް ހިނގަމުންދާ ކަމަށް ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ. މަސައްކަތް ހިނގަމުން އަންނަ ކަމަށް ކޮމިޓީން ބެލީ އެ ދެ ތަނުން ދިން މައުލޫމާތަށް ބިނާކޮށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީ އަށް ފެނުނުތޯ؟" ފުރަތަމަ ސުވާލަށް އިލްޔާސް ދެއްވި ޖަވާބާ އެކު ނަޝީދު އެއްސެވި އެވެ.

އެ ސުވާލު އުފައްދަވާ އެއް ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ ސްޓެލްކޯއިން އަޅާ އިމާރާތަށް ފައިސާ ހޯދަން އޮތްް އެއް މަގަކީ އެ އިމާރާތުން 72 ހައުސިން ޔުނިޓް ސަރުކާރަށް ވިއްކުން ކަމަށް ވެފައި، އެތަންތަން ނުގަންނާނެ ކަމަށް ސަރުކާރުން ބުނެފައިވާ ވުމެވެ.

"އެ ފައިސާ އިތުރަށް ހޯއްދަވައިގެން ސްޓެލްކޯ އަށް ކުރިއަށް ގެންދެވޭނީ. ދެން ކޮމިޓީން ސީދާ ދުށްތޯ ކްރޭން އަރާ ފައިބާ ތަން،" ތިން ވަނަ ފަހަރު ސުވާލު އުފައްދަވަމުން ނަޝީދު ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް. އޭނާ ވިދާޅުވީ ސްޓެލްކޯ ފްލެޓް އިމާރާތުގެ މަސައްކަތް ހިނގާ ކަމަށް ގަބޫލުކުރައްވާ ކަމަށް.

ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބް. އޭނާ ވިދާޅުވީ ސްޓެލްކޯ ފްލެޓް އިމާރާތުގެ މަސައްކަތް ހިނގާ ކަމަށް ގަބޫލުކުރައްވާ ކަމަށް.

މެމްބަރަކު ވާހަކަ ދައްކަވައި ނިންމެވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމާ ދެމެދު އެމަނިކުފާނު ފަހުން ސުވާލު ކުރެއްވީ ސަރުކާރުން 72 ހައުސިން ޔުނިޓް ނުގަތުުމުން، ސްޓެލްކޯއިން ފައިސާ ހޯދި ގޮތަކާ މެދު އެވެ. އެ 72 ޔުނިޓް، ސްޓެލްކޯގެ އަމިއްލަ ހައުސިން ޕްރޮގްރާމްގެ ތެރޭގައި ވިއްކީތޯ ވެސް ސުވާލުކުރެއްވި އެވެ. މަސައްކަތް ހަމަ ހަގީގަތުގައި ވެސް ހިނގަމުން އެބަދޭތޯ ކުރައްވާ ސުވާލު އެއާ އެކުގައި ވެސް ތަކުރާރު ކުރެއްވި އެވެ.

"އަޅުގަނޑު އިއްޔެ ހަވީރު، ބަލައިލަން ދިޔައިން ހުޅުމާލެ އަށް. އަޅުގަނޑު ފޮޓޯ ވެސް ނެގީމު. އެއްވެސް ކްރޭނެއް ހިނގާތަން ނުފެންނާތީ އަަޅުގަނޑު މިއަހަނީ،" ނަޝީދު ވިދާޅުވި އެެވެ.

އެއަށް ފަހު އެ ސުވާލަށް ޖަވާބު ދެއްވަން ކޮމިޓީގެ މުގައްރިރު އިލްޔާސަށް ފުރުސަތު ދެއްވުމުން ވެސް އޭނާ ދެއްވީ ކުރިން ވެސް ދެއްވި ޖަވާބެވެ. ނަޝީދު ތަކުރާރުކޮށް އެ ސުވާލު ކުރައްްވާތީ ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެކަން ބައްލަވަން އެންމެ ފަސޭހަވެވަޑައިގަންނަވާނީ ޚުދު ނަޝީދަށް ކަމަށެވެ.

"އިއްޒަތްތެރި ރައީސް މިވަގުތު އޮތީ އެމްޑީޕީ ސަރުކާރެއް. މަނިކުފާނަކީ އެ ސަރުކާރަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ އިއްޒަތްތެރި ރައީސް މިކަން އަމިއްލަފުޅަށް ބައްލަވައިލަދެއްވާ،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނިތަކުން އަަޅަން ފެށި ފްލެޓް އިމާރާތްތަކުގެ މަސައްކަތް ހިނގާތަން އޭނާ އަށް ވެސް ފެނިވަަޑައިގަންނަވާ ކަމަށާއި ރައްޔިތުންނަށް ވެސް ފެންނަ ކަމަަށެވެ. ކުންފުނިތަކުން އަޅާ ފްލެޓްތަކުން ސަރުކާރަށް ގަންނަަން އުޅުނު ފްލެޓްތައް ސަރުކާރުން ނުގަތުމުން ފަޒުލް އެކަމަށްް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.