Roadha Mihaaru
އެޕަލް އިން ހޯމްޕޮޑް ވެސް ހުއްޓާލަނީ

އެޕަލް އިން ހޯމްޕޮޑް އުފެއްދުން ވެސް ހުއްޓާލަން ނިންމައިފި

15 މާޗް 2021

އެޕަލްގެ އައިމެކް ޕްރޯ ކޮމްޕިއުޓަރު އުފެއްދުން ހުއްޓާލަން ނިންމުމަށް ފަހު އެ ކުންފުނިން ނެރުނު އެންމެ ވަރުގަދަ ސްމާޓް ސްޕީކަރުގެ ތެރޭގައި ހިމެނޭ ހޯމްޕޮޑް ވެސް ދެން ނުނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އައިމެކް ޕްރޯ ކޮމްޕިއުޓަރު އުފެއްދުން ހުއްޓާލަން ނިންމުމަށް ފަހު އެ ކުންފުނިން ނެރުނު އެންމެ ވަރުގަދަ ސްމާޓް ސްޕީކަރުގެ ތެރޭގައި ހިމެނޭ ހޯމްޕޮޑް ވެސް ދެން ނުނެރެން ނިންމައިފި އެވެ.

ޓިމް ކުކްގެ އެޕަލް އިން ބުނީ ހޯމްޕޮޑް ހުއްޓާލުމަށް ފަހު ދެން ފޯކަސް ބަހައްޓާނީ ހޯމްޕޮޑް މިނީ އިތުރަށް ވަރުގަދަކުރަން ކަމަށެވެ. ހޯމްޕޮޑް އުފެއްދުން ހުއްޓާލަން ނިންމި އިރު ސަޕްލައި ޗެއިނުގައި ހުރި ސްޕޭސް ގްރޭ މޮޑެލްގެ އެއްޗެހި ވެސް ހުރީ ވިކި ހުސްވެފަ އެވެ. ޖާގަ ތަނަވަސް ތަންތަނަކަށް ހާއްސަ ޑިވައިސްއެއްގެ ގޮތުގައި ހޯމްޕޮޑް ނެރުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެ ލޯންޗްކުރި އިރު އަގަކީ 349 ޑޮލަރު (5,395.54ރ.) އެވެ. އަދި އަގާ މެދު ފާޑުކިޔުންތައް އަމާޒުވުމުން އެޕަލް އިން ފަހުން ހޯމްޕޮޑްގެ އަގު 299 ޑޮލަރު (4,622.54ރ.) އަށް ތިރިކުރި އެވެ.

އެޕަލް އިން މިދިޔަ އަހަރު ނެރުނު ހޯމްޕޮޑް މިނީގެ އަގަކީ 99 ޑޮލަރު (1,530.54ރ.) އެވެ.

ހޯމްޕޮޑް މިނީއެއް.

ހޯމްޕޮޑް މިނީއެއް.

ރިޕޯޓްތައް ބުނާގޮތުން ހޯމްޕޮޑް އުފެއްދުން އެޕަލް އިން ހުއްޓާލަން ނިންމީ އޭގެ ވިޔަފާރި ފަހުން ވަރަށް ބޮޑަށް ދަށްވެ، ހޯމްޕޮޑް މިނީ ނެރުނު ފަހުން އޭގެ މަގުބޫލުކަން މާ ބޮޑުވުމުންނެވެ. ސައިޒްގެ ގޮތުން ކުޑަ ނަމަވެސް މިނީގެ ސައުންޑް ކޮލިޓީ ހޯމްޕޮޑް މިނީއާ އަޅާބަލާ އިރު ކުޑަކޮށް ވެސް ދަށް ނޫން ކަމަށް ކަސްޓަމަރުން ފާހަގަކުރެ އެވެ.

އަނެއްކޮޅުން ކޮލިޓީ ރަނގަޅު ކުޑަ ޑިވައިސްއެއް، ބޮޑު ޑިވައިސްކަށް ވުރެ މާ ރަނގަޅު ކަމަށް ބަލާ ކަސްޓަމަރުން މިހާރު މާ ގިނަ އެވެ.