Roadha Mihaaru
ސަނީގެ "ގަދަރު" ގެ ސީކްއެލް ހަދާކަން ޔަގީންކޮށްދީފި

ސަނީގެ "ގަދަރު" ގެ ސީކްއެލް ހަދާކަން ޑައިރެކްޓަރު ޔަގީންކޮށްދީފި

17 މާޗް 2021

ސަނީ ޑިއޯލްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ފިލްމު "ގަދަރު: އޭކް ޕްރޭމް ޚަތާ" ގެ ދެވަނަ ބައެއް ހަދަން އުޅޭ ވާހަކަ ކުރިން ދޮގުކޮށްފައި ވަނިކޮށް ޑައިރެކްޓަރު މަނީޝް ޝަރުމާ ސީކްއެލްއެއް ހަދާކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަނީ ޑިއޯލްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ފިލްމު "ގަދަރު: އޭކް ޕްރޭމް ޚަތާ" ގެ ދެވަނަ ބައެއް ހަދަން އުޅޭ ވާހަކަ ކުރިން ދޮގުކޮށްފައި ވަނިކޮށް ޑައިރެކްޓަރު މަނީޝް ޝަރުމާ ސީކްއެލްއެއް ހަދާކަން ކަށަވަރުކޮށް ދީފި އެވެ.

މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތް ވެސް މިހާރު ރާވާފައިވާ ކަމަށެވެ. އެކަމަކު އެ މަސައްކަތް އަދި ވަރަށް ކުރީ މަރުހަލާއެއްގައި އޮތުމުން ފިލްމާ ބެހޭ މާ ގިނަ ވާހަކަތަކެއް ހިއްސާކުރެވެން ނެތް ކަމަށް ބުންޏެވެ.

ނަމަވެސް "ގަދަރު" ގައި ސަނީ އާއި ބަތަލާ އަމީޝާ ޕަޓޭލްގެ ދަރިފުޅުގެ ރޯލު ކުޅުނު އުތުކާޝް ޝަރުމާ ފިލްމުގެ ދެވަނަ ބައިގެ ބޮޑު ރޯލަކުން ފެންނާނެ ކަމަށް ބުންޏެވެ، އުތުކާޝް އަކީ ޑައިރެކްޓަރު އަނިލްގެ ދަރިއެކެވެ. ލީޑް އެކްޓަރެއްގެ ގޮތުގައި އޭނާ ބޮލީވުޑަށް ނެރުނީ އަނިލް 2018 ގައި ޑައިރެކްޓްކުރި ފިލްމު "ޖީނިއަސް" އިންނެވެ.

"ގަދަރު" އަކީ 2001 ގައި ގެނެސްދިން ފިލްމެކެވެ. އޭގައި ކިޔައިދިނީ އިންޑިއާ އާއި ޕާކިސްތާނަށް ނިސްބަތްވާ ދެ މީހެއްގެ އަސަރު ގަދަ ލޯބީގެ ވާހަކައެކެވެ. ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު "ގަދަރު" އަކީ ސަނީގެ ފިލްމުތަކުގެ ބެލުންތެރިން އަބަދު ވެސް އެންމެ ބޮޑަށް ހަނދާނުގައި ހުންނަ އެއް ފިލްމެވެ. ހާއްސަކޮށް ފިލްމުގައި ހިމެނޭ އޭނާގެ ބައެއް ޑައިލޮގްތައް މިހާރު ވެސް އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރެވެ.

"ގަދަރު" ގެ ދެވަނަ ބައެއް ހަދާނެކަން އަނިލް ކަށަވަރުކޮށް ދީފައި އޭނާ ސަނީ އާއި ބައްޕަ ދަރުމެންދުރާ އާއި ކޮއްކޮ ބޮބީ ޑިއޯލް ހިމަނައިގެން 2007 ގައި ގެނެސްދިން ފިލްމު "އަޕްނޭ" ގެ ސީކްއެލް މިދިޔަ އަހަރު އިއުލާންކޮށްފައި ވަނިކޮށެވެ. "އަޕްނޭ 2" ގެ ކާސްޓަށް އަލަށް އިތުރުވާ ތަރިއަކީ 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ނުކުތް ސަނީގެ ދަރިފުޅު ކަރަން ޑިއޯލް އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު "އަޕްނޭ 2" އިއުލާންކުރީ މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަނަ ގޮތަށެވެ. އެކަމަކު އެ ފިލްމުގެ މަސައްކަތް އަދި ފަށާފައި ނުވާތީ ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.