Roadha Mihaaru
އާ ފިލްމަކަށް ތައްޔާރުވާއިރު ބޮބީ ފުފެނީ

އާ ފިލްމަކަށް ތައްޔާރުވާއިރު ބޮބީ ފުފެނީ

18 މާޗް 2021

ފިލްމެއްގައި މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން ބޮބީ ޑިއޯލް 2018 ގައި ސަލްމާން ޚާނާ އެކު "ރޭސް 3" ކުޅުނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ. އޭގެ ފަހުން ބޮބީ ފާހަގަކުރެވިފައި ވަނީ ފިޓްނެސް އަށް ވަރަށް ބޮޑު އިސްކަމެއްދޭ އެކްޓަރެއްގެ ގޮތުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމެއްގައި މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން ބޮބީ ޑިއޯލް 2018 ގައި ސަލްމާން ޚާނާ އެކު "ރޭސް 3" ކުޅުނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ. އޭގެ ފަހުން ބޮބީ ފާހަގަކުރެވިފައި ވަނީ ފިޓްނެސް އަށް ވަރަށް ބޮޑު އިސްކަމެއްދޭ އެކްޓަރެއްގެ ގޮތުގަ އެވެ.

ބައެއް މީޑިއާތަކުން ބޮބީގެ ޖިމް ވޯކްއައުޓް ސެޝަންތަކެއްގެ ފޮޓޯ އާންމުކޮށްފައިވާ އިރު އޭނާ މިހާރު ފެންނަނީ ވަރަށް ވަރުގަދަ ހަށިގަނޑަކާ އެކީގަ އެވެ. އަދި އޭނާގެ އާ ލުކަށް ވަރަށް ގިނަ ބަޔަކު ސާބަސް ދީފައިވެ އެވެ.

ބެލެވޭ ގޮތުން މި ބަދަލު ގެންނަނީ ޝޫޓިން އަށް ތައްޔާރުވަމުން އަންނަ ފިލްމު "އަޕްނޭ 2" އަށެވެ. އެ ފިލްމަކީ ބައްޕަ ދަރުމެންދުރާ އާއި ބޭބެ ސަނީ ޑިއޯލްއާ އެކު ބޮބީ 2007 ގައި ކުޅުނު "އަޕްނޭ" ގެ ސީކްއެލް އެވެ. އެއީ ބޮކްސިންތެޅުންތެރިންތަކެއްގެ ވާހަކަ ކިޔައިދިން ވަރަށް ކާމިޔާބު ފިލްމެކެވެ.

ފިލްމުގެ ދެވަނަ ބައި ޑައިރެކްޓަރު އަނިލް ޝަރުމާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާންކުރީ ހަމަ ދަރޭ އާއި ސަނީ އަދި ބޮބީ ހިމަނައިގެންނެވެ. "އަޕްނޭ 2" ގެ ކާސްޓަށް އަލަށް އިތުރުވީ ދަރޭގެ އާއިލާގެ ތިން ވަނަ ޖީލުގެ އެކްޓަރު ސަނީގެ ދަރިފުޅު ކަރަން ޑިއޯލް އެވެ. އޭނާ ބޮލީވުޑަށް ނުކުތީ 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ.

"އަަޕްނޭ 2" އިއުލާންކުރި ފަހުން ކަރަން ވެސް އަންނަނީ ބޮކްސިން ދަސްކޮށް ހަށިގަނޑު ވަރުގަދަކުރަމުންނެވެ. އޭގެ ފޮޓޯތަކާއި ވީޑިއޯ ވެސް އޭނާ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

ބޮބީގެ ހަށިގަނޑަށް ގެންނަ ބަދަލަކީ ވެސް "އަޕްނޭ 2" ގެ ތައްޔާރީތައް ކަމަށް ގަބޫލުކުރެވުނަސް މި ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގެ އެވެ. ފިލްމު އިއުލާންކުރީ މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ. އެކަމަކު މަސައްކަތް ނުފެށި ލަސްވެފައިވާތީ "އަޕްނޭ 2" ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.

"ރޭސް 3" ގެ ފަހުން ބޮބީ، 52، މަސައްކަތްކުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ބައްޕަ އާއި ބޭބެއާ އެކު ކުޅުނު "ޔަމްލާ ޕަގްލާ ދީވާނާ: ޕިރު ސޭ" އާއި "ހައުސްފުލް 4" އާއި "ކްލާސް އޮފް 83" އަދި ވެބް ސީރީޒް "އާޝްރަމް" ހިމެނެ އެވެ.

ބޮބީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ނެޓްފްލިކްސް އިން ގެނެސްދޭނެ "ޕެންޓްހައުސް" އާއި ޝޫޓިން ފަށާފައިވާ "ލަވް ހޯސްޓެލް" އަދި "އެނިމަލް" ހިމެނެ އެވެ.