Roadha Mihaaru
"ހަސީން ދިލްރުބާ" އިން އާ ކަމެއް ފެންނާނެ: ތާޕްސީ

"ހަސީން ދިލްރުބާ" އިން އާ ކަމެއް ފެންނާނެ: ތާޕްސީ

12 ޖޫން 2021

އަންނަ މަހުގެ ދޭއްގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައި މިހާރު ޓްރެއިލާ ވެސް ދައްކާލާފައިވާ ފިލްމު "ހަސީން ދިލްރުބާ" އަކީ ހިންދީ ސިނަމާ އިން ކުރިން ފެނިފައި ނުވާ ކަހަލަ އާ ކަންތައްތަކެއް ފެންނާނެ ފިލްމެއް ކަމަށް ބަތަލާ ތާޕްސީ ޕައްނޫ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ ދޭއްގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައި މިހާރު ޓްރެއިލާ ވެސް ދައްކާލާފައިވާ ފިލްމު "ހަސީން ދިލްރުބާ" އަކީ ހިންދީ ސިނަމާ އިން ކުރިން ފެނިފައި ނުވާ ކަހަލަ އާ ކަންތައްތަކެއް ފެންނާނެ ފިލްމެއް ކަމަށް ބަތަލާ ތާޕްސީ ޕައްނޫ ބުނެފި އެވެ.

މި ފަހުން "ތައްޕަޅު" އާއި "ބަދުލާ" އަދި "މަންމަރުޒިޔާ" ފަދަ ކޮންޓެންޓް ވަރުގަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ބުނި ގޮތުގައި ވިނިލް މެތިއު ޑައިރެކްޓްކޮށްފައިވާ މިސްޓްރީ ތުރިލާ އަކީ އޭގެ ޕްލޮޓާއި ކެރެކްޓާތައް ފައްކާކާފައި އޮތް ގޮތުން ބެލުންތެރިން އުންމީދު ވެސް ނުކުރާ ގޮތަކަށް ކުރިއަށް ދާނެ ފިލްމެކެވެ.

"ހަސީން ދިލްރުބާ" ގެ ޓްރެއިލާ ހުކުރު ދުވަހު އާންމުކުރުމުގެ ކުރިން މިދިޔަ މަހުގެ ފަހުކޮޅު އޭގެ ޓީޒާ ދައްކައިލުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބި، އޭގެ ލުކް ހޮލީވުޑްގެ ފިލްމު "ޕަލްޕް ފިކްޝަން" އިން ގެނެސްދިން ކަހަލަ އިހުސާސްތަކެއް ގެނެސްދޭ ކަމަށް ބައެއް މީހުން ފާހަގަކޮށްފައިވާތީ ތާޕްސީ ބުނީ އަމާޒަކަށް ވީ ވެސް 1980 އާއި 1990 ގެ އަހަރުތަކުގެ ފިލްމެއްގެ ލުކާ އެ ވައްތަރު ކުރުން ކަމަށެވެ.

"އެކަމަކު މިއީ މުޅިން އޮރިޖިނަލް ފިލްމެއް. ކެރެކްޓާތައް ވަރަށް ޑާކްވާނެ. ހަމަ ޔަގީނުން ވެސް ބެލުންތެރިން ވަރަށް އުންމީދު ނުކުރާ ސްޓައިލްގެ ފިލްމަކަށް މީތި ވާނެ." މިދިޔަ އަހަރުގެ "ތައްޕަޅު" އިން އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑް ލިބުނު ހުނަރުވެރި ބަތަލާ ބުންޏެވެ.

ތާޕްސީ ބުނި ގޮތުގއި "ހަސީން ދިލްރުބާ" ގައި އޭނާ ކުޅުނީ މީގެ ފިލްމެއްގައި ނުކުޅޭ ކަހަލަ ވަރަށް ތަފާތު ރޯލެކެވެ. އަދި އޭގެ މައިގަނޑު ވާހަކަ ބިނާ ވަނީ އަމިއްލަ ކެރެކްޓާ އަށް ކަމަށްވާތީ އެއީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް އުފާކުރަން މިހާރު ވަރުގަދަ ރޯލުތައް ކުޅެން ލިބޭތީ. އަދި މިހާރު އަހަންނާ ދޭތެރޭ ބެލުންތެރިން ކުރާ އުންމީދުތައް ވެސް ބޮޑު. އެހެންވީމަ އެއީ އުފާވާ ކަމެއް. އެކަން އަހަރެން ޕްރެޝަރެއްގެ ގޮތުގައެއް ސިފައެއް ނުކުރާނަން،" ތާޕްސީ ބުންޏެވެ. "އެކަމަކު ބައެއް ފަހަރު ހިތްބިރު ގަންނަ ގޮތްވޭ. ހަމައެއާ އެކު މޯޓިވޭޝަން އިތުރުވޭ."

އޭނާ ބުނީ މި ސަބަބުތަކާ ހެދި "ހަސީން ދިލްރުބާ" އަކީ ކޮންމެހެން ވެސް ބަލައިލަން ޖެހޭ ވަރުގެ ފިލްމެއް ކަމަށެވެ. އަދި ފިލްމު ބެލުންތެރިންނަށް ކަމުދާނެކަމާ ދޭތެރޭ ޝައްކު ނުކުރާ ކަމަށް ބުންޏެވެ.

ވިކްރާންތު މަސީ އާއި ހާޝްވަރުދަން ރާނޭ ބަތަލުންގެ ރޯލު ކުޅެފައިވާ "ހަސީން ދިލްރުބާ" އަކީ ކަނިކާ ދިލަންގެ ސްކްރިޕްޓަކަށް ހެދި ފިލްމެކެވެ. އޭނާ އަކީ "މަންމަރުޒިޔާ" ގެ އިތުރުން ކަންގަނާ ރަނާވަތުގެ "ޖަޖްމެންޓަލް ހޭ ކިޔާ" އާއި ސާރާ އަލީ ޚާންގެ "ކޭދަރުނާތު" ގެ އިތުރުން ކިއާރާ އަދުވާނީގެ "ގިލްޓީ" ގެ ވެސް ސްކްރީން ރައިޓަރެވެ.

"ހަސީން ދިލްރުބާ" އަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނާއި ބުޝަން ކުމާރުގެ ޓީ ސީރީޒްގެ އިތުރުން އިރޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.