Roadha Mihaaru

ހިޔާ ފްލެޓުތަކުގެ ގުރުއަތުލުން ބުރާސްފަތިދުވަހު

ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ލިބުނީ ކޮން ފްލެޓެއް ކަން ކަނޑައަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަ ބުރާސްފަތި ދުވަހު ގުރުއަތުލާން ނިންމައިފި އެވެ.

ހިޔާ ފްލެޓުތަކުގެ ގުރުއަތުލުން ބުރާސްފަތިދުވަހު
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

06 އެޕްރީލް 2021

ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ލިބުނީ ކޮން ފްލެޓެއް ކަން ކަނޑައަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަ ބުރާސްފަތި ދުވަހު ގުރުއަތުލާން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ މި މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރީ ދައުލަތުން ކަމަށެވެ. މިއީ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 6،720 ފްލެޓް ލިބުނު މީހުންގެ މެދުގައި ނަގާ ގުރުއަތެކެވެ. އެ ދުވަހު ގުރުއަތު ނަގާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ (އެޗް10) ގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، ގުރުއަތު ލުމުގެ މަސައްކަތް ފަށާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ. އަދި އެޗް10 ކެޓަގަރީގައި ހިމެނޭ އެންމެންގެ މެދުގައި އެ ދުވަހު ގުރުއަތު ލާނެ ކަމަށާއި ގުރުއަތު ލުމުގައި ބަލާނީ އައިޑީކާޑު ނަންބަރުގެ ތަރުތީބަށް ކަމަށް އެތަނުން ބުންޏެވެ.

ގުރުއަތުލުމުގެ ރަސްމިއްޔާތު ދައުލަތުގެ ޓީވީ ޗެނަލް ޕީއެސްއެމުން ލައިވްކޮށް ދައްކާނެ އެވެ. ގުރުއަތު ނެގުމުން، ލިބުނު ފްލެޓާއި، ފްލޯ އަދި ޓަވަރު ނަންބަރު ޓީވީން ދައްކާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި ފްލެޓް ލިބުނު ފަރާތަށް، މެސެޖަކުން އެކަން އަންގާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ފްލެޓް ލިބުނު ފަރާތްތައް، އެގްރީމެންޓްގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ތާރީހުު އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ފްލެޓް ލިބުނު މީހުުންނަށް އެތަނުގެ ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭ ވަރުވާނެ ކަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.

މި ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދެއް ސަރުކާރުން އަދި އާންމެއް ނުކުރެ އެވެ.