Roadha Mihaaru
އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވިޔަސް، މެނޭޖްކުރެވޭނެ: ޝަރީފް

އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވިޔަސް، އިންތިޚާބުގެ ކަންކަން މެނޭޖު ކުރެވޭނެ: ޝަރީފް

07 އެޕްރީލް 2021

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިން، ރަށްރަށަށް ފޮނުވި ބައެއް އޮފިޝަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އިންތިޚާބުގެ ކަންކަން މެނޭޖު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރެއިން، ރަށްރަށަށް ފޮނުވި ބައެއް އޮފިޝަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އިންތިޚާބުގެ ކަންކަން މެނޭޖު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގައި ވޯޓު ފޮށިތައް ކައިރީ ހަރަކާތްތެރިވާ އޮފިޝަލުން މިހާރު ރަށްރަށަށް ގޮސްފައިވާއިރު، އިންޑިއާ އާއި ސްރީ ލަންކާގައި ބަަހައްޓާ ފޮށިތަކުގެ ކައިރީގައި ތިބޭ އޮފިޝަލުން ވެސް ވަނީ އެ ގައުމުތަކަށް ގޮސްފަ އެވެ.

ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ ރަށްރަށަށް ފޮނުވި އޮފިޝަލުންގެ ތެރެއިން އެންމެ ގިނަ އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވީ ޅ. ނައިފަރާއި އެ އަތޮޅު ހިންނަވަރުން ކަމަށެވެ. އެކަމަކު، ސީދާ އަދަދެއް ވިދާޅެއް ނުވެ އެވެ.

ޝަރީފް ވިދާޅުވިގޮތުގައި، އެ ދެ ރަށުގައި ވެސް ފަސް ވޯޓު ފޮއްޓެއް ބަހައްޓާނެ އެވެ. ކޮންމެ ފޮއްޓެއްގެ ކައިރީގައި 13 ވަރަކަށް އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ. ނަމަވެސް ބައެއް އޮފިޝަލުން ކޮވިޑަަށް ޕޮޒިޓިވްވުމުން ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް އޮފިޝަލުން ކޮންމެ ފޮއްޓެއް ކައިރީ ވެސް ތިބޭނެ ކަމަށް އީސީގެ ރައީސް ވިދާޅުވި އެވެ. އެއީ އަދަދަކީ މެނޭޖް ކުރެވޭނެ އަދަދެއް ކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިއަދު ވެސް ނައިފަރާއި ހިންނަވަރުގެ ހާލަތު ބެލިއިރު އެ އަދަދުގައި ހިފަހައްޓާލެވޭ ކަމަށެވެ. އެހެންކަމުން، މިހާރު ހުރި ހާލަތަށް ބަލާއިރު މެނޭޖް ކުރެވޭނެ ކަމަށާއި އިތުރަށް ހާލަތު ގޯސްވެއްޖެ ނަމަ ވެސް އޮފިޝަލުން ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވަނީ އެހެން ރަށްރަށުގެ ހާލަތު ރަނގަޅުކަން ވެސް ފާހަގަކުރައްވައިފަ އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ބާއްވަން އޮތް ކައުންސިލްތަކުގެ އިންތިޚާބު މި އަހަރަށް ފަސްކުރިއިރު މިހާރު ވެސް ވަނީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެފަ އެވެ. އެކަމަކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކު އިންތިޚާބު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި 273128 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ރައްކާތެރިކަމަށްޓަކައި ވޯޓުލާންދާ މީހުން އަމިއްލަ ގަލަން ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.